މި މަހު 10 އަކުން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިޔާ ލިބޭނެ: އިންޑިއާ އެމްބަސީ

ޕިކަޕެއްގެ މަތީގައި އަރުވާފައި ހުރި ފިޔާ ބަސްތާތަކެއް --

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން ބުނެފިއެވެ.

އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު ވަނީ އުފުލިފައެވެ. އެއީ، އިންޑިއާގައި ފިޔާ ހައްދާ މައި ސްޓޭޓު ކަމަށްވާ މަހަރާޝްތާ ސްޓޭޓަށް މި އަހަރުގެ ތެރޭގައި މޫސުން ގޯސްވުމުންނެވެ. މި އަހަރު ފެށުނު ކޮޅު ހޫނުގަދަވެ ހަނަފަަސްވި އިރު އޮގަސްޓު މަހުގެ ތެރޭގައި ވިއްސާވެ އެ ސްޓޭޓުގެ ބޮޑު ސަރަހައްދަކަށް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުވެރިންނަށް ޑިމާންޑާ އެއްވަރަށް ފިޔާ ނުހެއްދުނީ އެވެ. އަދި އެގައުމުގައި ފިޔާގެ އަގު ގާތްގަނޑަކަށް ތިން ގުނަ އުފުލުނީ އެވެ.

ޑިމާންޑާ އެއްވަރަށް ފިޔާ ސަޕްލައި އިތުރު ކުރަން އިންޑިއާ ސަރުކާރުން މިހާރު ވަނީ އެގައުމުން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓުވައި، ފިޔާ އެހެން ގައުމުތަކުން އިމްޕޯޓު ކުރަން ނިންމައިފައެވެ. އެ ގައުމުން ފިޔާ އެތެރެ ނުކުރެވުމުން، ރާއްޖޭގައި ފިޔާގެ ސަޕްލައި މަދުވެ، އަގު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބަސްތާއެއް 1000 ރުފިޔާއަށް އަރައިފައެވެ.

އިންޑިއާ އެމްބަސީން ނެރުނު ބަޔާނުގައި ބުނީ ފިޔާ ދަނޑުތައް ހަލާކުވެ އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މެދުޑުކަނޑާލާފައި ވިޔަސް، ރާއްޖެ އެކަމުގައި އިސްތިސްނާވާ ކަމަށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޒަރޫރީ މުދާ އެކްސްޕޯޓު ކުރުމުގައި ރާއްޖެއާ މެދު އަމަލު ކުރަން އިންޑިއާ ސަރުކާރުން ނިންމި ހާއްސަ އުސޫލުގެ ސަބަބުން ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމަށް ދެތިން ދުވަސް ވަންދެން ހުއްޓުން އެރީ އޮޕަރޭޝަނަލް ސަބަބުތަކާ ހެދި ކަމަށާއި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފިޔާ އެތެރެކުރުން އަނެއްކާވެސް ފެށިފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްބަސީން ބުނީ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރުމުން ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމާއި އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމް ކަމަށެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދައި އުޅެނީ މަހަރާޝްތާ ސްޓޭޓާއި، ގުޖުރާތާއި، މަދްޔަ ޕްރަދޭޝްއާއި، އުއްތަރު ޕްރަދޭޝްއާއި، ވެސްޓް ބެންގަލްއާއި، ކަރުނާޓަކާ އަދި ބިހާރު މި ސްޓޭޓުތަކުގައެވެ. މި ސްޓޭޓުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ފިޔާ ހައްދަނީ މަހަރާޝްތާ ސްޓޭޓުގައެވެ. އިންޑިއާގައި ހައްދާ ފިޔާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައި ހައްދަނީ އެ ސްޓޭޓުގައެވެ.

comment ކޮމެންޓް