އަލިފާނުގައި ހާލުގައި ޖެހުނު 24 އާއިލާއަކަށް ތިން މަހުގެ ކުލި ދެނީ

ހޭންވޭރު އަބަދަށްފެހި މަގުގައި އަލިފާން ރޯވި ސަރަހައްދު ނައިބު ރައީސް ބައްލަވާ ލައްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދާދި ފަހުން ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާވަހިކަމުގައި ތިބި 24 އާއިލާއެއް ކުއްޔަށް އުޅެވޭނެ ތަންތަން ހޯދައިދނުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ވަގުތީ ހިޔާތަކުގައި އަދިވެސް 38 އާއިލާއެއްގެ 164 މީހުން އެބަތިބި ކަމަށާއި އެމީހުންނަށް ގާކޮށީގެ 14 އެޕާޓްމަންޓުންނާއި ބައެއް ގެސްޓުހައުސްތަކުން ހިޔާވަހިކަން ފޯރުކޮށްދެމުންދާކަމަށެވެ.

އޭގެ ތެރެއިން 24 އާއިލާއެއް އެމީހުން ކުރިން ދިރިއުޅުނު ގެތަކަށް މަރާމާތަށްފަހުވެސް އަލުން ނުވަދެވޭނެކަމަށް ބެލެވޭތީ އެ އާއިލާތަކުން ކުއްޔަށް އުޅެވޭނެ ތަންތަން ހޯދުމަށް މިހާރު އިރުޝާދު ދީފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ. އެގޮތުން އެ އާއިލާތަކަށް ތިން މަސްދުވަހުގެ ކުލިވެސް ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ އަލިފާނުގައި ގެއްލުން ލިބުނު ހަތަރު ގެއެއް މިހާރު މަރާމާތު ކުރަމުންދާ ކަމަށާއި އެ ގޭގޭގައި ދިރިއުޅޭ ހަ އާއިލާއެއްގެ 28 މީހުން އެމީހުންގެ ގޭގެއަށް އަންނަ ހަފްތާފައި ބަދަލުކުރެވޭނެ ކަަމަށެވެ.

ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ކެއިންބުއިމުގެ ހަރަދުތައްވެސް އެންޑީއެމްއޭއިން ދަނީ ދެމުންނެވެ. އަދި އެ މީހުންނަށް ބޭނުންވާ އެންމެހާ އަސާސީ ތަކެތި ވެސް ފޯރުކޮށް ދެމުންދެ އެވެ.

comment ކޮމެންޓް