ދިވެހީންނަށް ސައިބޯނި ހަދައިދޭ ލަންކާ ޓީޗަރު

ހޭންޑްމޭޑް އަދި އޯގެނިކް ތަކެއްޗަށް ލޯބިކުރާ ފަރާތްތަކަށް ކްރޭންބެރީއަކީ ހަމައެކަނި މޭވާއެއް ނޫނެވެ. މިއީ މިއަދު ސައިބޯންޏާއި އަދި އެނޫންވެސް ސްކިންކެއާ އެތައް ޕްރަޑަކްޓްތަކެއް އަހަރުމެންނަށް ގެނެސްދޭ އެންމެ މަގުބޫލު އެއް އޮންލައިން ސްޓޯރެވެ.

ފެންނަ ފެނުމަށް ކިތަންމެހާވެސް ދިވެއްސަކާ ވައްތަރު ނަމަވެސް، މި ޕޭޖަކީ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ސަމާހާ އަލީ، ރާއްޖޭގައި އުފައްދާ އޭނާގެ އަމިއްލަ ބްރޭންޑެކެވެ.

މިއީ "ކްރޭންބެރީހޭންޑްމޭޑްލަގްޒަރީ އެމްވީ" އެވެ. އޯގެނިކް ބާވަތްތައްކުން އުފައްދާ ތަފާތު އެތަށް ވައްތަރުގެ ސައިބޯންޏާއި، ފޭސް މާސްކާއި ލިޕް ބާމްތަކަށް މިއީ އެފަދަ ދެވަނަ އެއް ނެތް އުފެއްދުންތަކެކެވެ.

މުދައްރިސެއް، ލަންކާއިން ރާއްޖެ

ސަމާހާ އޭނާގެ ފިރިމީހާއާ އެކީ މާލެއަށް ދިރިއުޅުން ބަދަލުކުރީ، 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާއަކީ ސްރީލަންކާގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެކެވެެ.

ޔުނިވާސަލް އެންޓަޕްރައިސެސްގައި އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާއާއި އެކު ދެ އަހަރުވަންދެން މާލޭގައި އޭރު ހުރިއިރު، އޭނާވަނީ މާލޭގެ ލެގޯ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އޭރު އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ. އެއަށްފަހު ވިހެއުމަށް ލަންކާއަށް ގޮސް އެނބުރި މާލެއައީ ދަރިފުޅާއެކު މިއަހަރުގެ ފެބްރުއަރީ ގައެވެ.

ސަން އޮންލައިންގެ ކްރޫއަށް ސަމާހާ މަރުހަބާކީ އޭނާ މިހާރު މާލޭގައި ދިރިއުޅެމުން އަންނަ އެއްކޮޓަރީގެ ކުޑަ އެހެންނަމަވެސް ހިތްފަސޭހަ އެޕާޓްމަންޓުންނެވެ. ފެންނަ ފެނުމަށް ދިވެއްސަކާ އެއްވެސް ތަފާތެއްނެތެވެ. އަހަރެމެންގެ ކްރޫއަށްވެސް އޭނާއަކީ ލަންކާ ރައްޔިތެއްކަން އެނގުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ.

ކޮންމެއަކަސް، މި ވީޑިއޯއަކީ ރާއްޖޭގެ މީޑިއާއަށް އޭނާ ދޭ ފުރަތަމަ އިންޓަވިއުއެވެ. އޭނާ މިހާތަނަށް ތައްޔާރުކޮށްފައިވާ ބައެއް ވައްތަރުތަކުގެ ސައިބޯންޏާއި އެނޫންވެސް ޕްރޮޑަކްޓްތަކާއި، އަދި ސައިބޯނި ތައްޔާރު ކުރާގޮތްވެސް އަހަރެމެންނަށް ދައްކާލިއެވެ.

ސަމާހާ އުފައްދާ ބައެއް ތަކެތި-- ފޮޓޯ:ހުސެއިން ޝަޔާހު/ސަން

ސައިބޯނި ހެދީ ހޮބީއަކަށް، މިއަދު ވިޔަފާރިއެއް

ސައިބޯނި ހެދުމުގެ މަސައްކަތް ސަމާހާ ފެށީ ކުޑަ ހޮބީއެއްގެ ގޮތުގައެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ލަންކާގައި އުޅެނިކޮށް ފެށި މި މަސައްކަތް މާލެއަށް އައިސް ފެށިއިރުވެސް މިކަމަށް މިހާބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އޭނާ އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ.

ވަރަށް އާދައިގެ ގޮތަކަށް މި މަސައްކަތް އޭނާ ފެށިއަސް، މިއަދު ދިވެހިންގެ ލޯބި މި ސައިބޯނިތަކަށް ލިބިއްޖެއެވެ. ކޮންމެ ބާވަތަކަށްވެސް އެހާ ޑިމާންޑު ބޮޑެވެ. ސްޓޮކް ހުސްނުވާ ފަހަރެއް ހަމަ ނުދެއެވެ. ދާދިފަހުން ބޭއްވި މަމްސް އެކްސްޕޯގައިވެސް އޭނާގެ ހުރިހާ އައިޓަމްތަކެއް އެއްކޮށްހެން ވިކި ހުސްވިއެވެ.

ސަމާހާ އުފައްދާ ބައެއް ތަކެތި-- ފޮޓޯ:ހުސެއިން ޝަޔާހު/ސަން

އަމިއްލަ ރެސިޕީއެއް، ހަންގަނޑަށް ފަރުވާ

ސަމާހާ ބުނާގޮތުން ސައިބޯނީގެ މަސައްކަތް އޭނާ ދަސްކުރީ އަމިއްލައަށެވެ. އެންމެ ފުރަތަމަ ކުރި "ޓްރައި" އިން ކުޑަކޮށް ސްކިން ޑްރައި ވިއެވެ. ނަމަވެސް ރެސިޕީއަށް ކުޑަ ބަދަލުތަކެއް ގެނައުމުން އެކަން އެއްކޮށް ބަދަލުވެ، ވަރަށް މޮއިސްޗަރައިޒިން އަދި ހަންގަނޑު ތާޒާކޮށްދޭ ސައިބޯންޏެއް ހެދުނެވެ.

އެ ސައިބޯނިތަކަށް ލަންކާގައި ލިބުނު ތަރުހީބާއި އެކު، އިތުރު ރެސިޕީތައް ތައްޔާރު ކުރަން ފެށީއެވެ. މިހާރު އޭނާ ތައްޔާރުކުރާ ބައެއް ސައިބޯނިތަކުގެ ތެރޭގައި، ފޮނިތޮށި، ކާފުރުތޮޅި، އޯޓްމީލް، ފިނިފެންމާ، ޔޯގަޓް، ރީދޫ، ނީމް ހިމެނެއެވެ. އަދި މި ބާވަތްތަކަށްް ކިރާއި، މާމުއި، އަދި އެސެންޝަލް އޮއިލްވެސް ބޭނުންކުރެވެއެވެ.

ދަރިފުޅު ބަލަމުން، ގޭގައި އޭނާ މި މަސައްކަތްކުރާއިރު، ދާދިފަހަކާއި ޖެހެންދެން ބްރޭންޑިންއާއި ޑިޒައިނިންގެ ހުރިހާ މަސައްކަތެއްވެސް އޭނާ ކުރީ އަމިއްލައަށެވެ. ނަމަވެސް ޑިޒައިނިންގެ މައްސައްކަތްތައް އޭނާ މިހާރު ކުރުވަނީ ލަންކާ މީހެއް ލައްވަ އެވެ.

އެކްޒެމާ އަދި ހަންގަނޑު ހިކުމުގެ ފަރުވާ

މި މަސައްކަތުގައި އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ޕްރޮޑަކްޓްތަކުގެ ކޮލިޓީއަށެވެ. އޭނާ މިމަކަށް ބޭނުންކުރާ ބާވަތްތަކަކީ ލަންކާއިންނާއި އެމެރިކާ ފަދަ ގައުމުތަކުން އެންމެ ކޮލިޓީ ތަކެތި ސީދާ ރާއްޖެ ގެނެސްގެން ކުރާ ކަމެކެވެ. އަދި ކޮންމެ ޕްރޮޑަކްޓެއްވެސް މާކެޓަށް ނެރެނީ އަމިއްލައަށް ޓެސްޓުކޮށް އޭނާއަށް ކަމުދިއުމުންނެވެ.

އެކްޒެމާ އާއި ސޮރޭސިސްއަކީ ފަހަކަށް އައިސް ވަރަށް އާންމު ހަމުގެ މައްސަލަތަކެއް ކަމުގައިވާއިރު، މިކަމަށް ހާއްސަކޮށް އޯޓްމީލްއާއި ކިރާއި މާމުއި ބޭނުންކޮށްގެން އޭނާ ހަދާ ސައިބޯނިން ވަރަށް ގިނަ ބަޔަކަށް ފަސޭހަވިއެވެ. ހާއްސަކޮށް ލަންކާގައި އުޅޭ އޭނާގެ ބައްޕައަށްވެސް މިފަދަ މައްސަލަތަކެއް ދިމާވުމުން އޭނާ މާލެއިން ސައިބޯނި ހަދާފައި ފޮނުވައެވެ.

ޕިންކް ޕަވާރ ސައިބޯނި-- ފޮޓޯ: ހުސެއިން ޝަޔާހު/ ސަން

ޕިންކްޓޯބާގެ ހާއްސަ ޕިންކް ޕަވާ ސައިބޯނި

މި އޮކްޓޯބަރު މަހަކީ އުރަމަތީ ކެންސަރަށް ހާއްސަކޮށް ފާހަގަކުރާ ޕިންކްޓޯބާރ ކަމުން ކްރޭންބެރީއިން މިވަނީ މި މުނާސަބަތާއި ގުޅިގެން ހާއްސަ ޕިންކް ޕަވާރގެ އާ ސްޓޮކެއް ތައްޔާރުކޮށްފަ އެވެ. ޕިންކް ހިމާލަޔަން ސޯލްޓް ބޭނުންކޮށްގެން ތައްޔާރުކުރާ މި ސައިބޯންޏަކީީ ކްރޭންބެރީގެ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގްބޫލް އެކައްޗަށްވުމުން މި މަހުގައި މި ސައިބޯނި ގަނެގެން ލިބޭ ހުރިހާ ފައިސާއެއް ރާއްޖޭގެ ކެންސާ ސޮސައިޓީއަށްް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ.

ދިވެހިބަސް ނޭގުމަކީ މި މަސައްކަތުގައި އޭނާއަށް ދިމާވާ އެންމެ ބޮޑު ޗެލެންޖެވެ. އެހެންނަމަވެސް، ކަސްޓަމަރުންގެ ލޯތްބާއެކު، ކްރޭންބެރީ މިވަނީ ވަރަށް އުހަށް ދަތުރުކޮށްފަ އެވެ. ދިވެހިންގެ ފަރާތުން މި މަސައްކަތަށް ދޭ ލޯތްބާއި އަބަދުވެސް ކިޔާ މަރުހަބާއަށް ސަމަހާ ޝުކުރު އަދާކުރެ އެވެ.

comment ކޮމެންޓް