އެމްއައިބީގެ ހިއްސާ ގަންނަން ހުށަހެޅި މީހުން ގިނަވެ، ރިފަންޑް ދެނީ

އެމްއައިބީއިން ބަޔަކު ހިދުމަތް ހޯދަނީ --- ފޮޓޯ/ އެމްއައިބީއީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާ ގަތުމަށް އެދި ހުށަހެޅި މީހުންގެ އަދަދު ގިނަވެ، ބައެއް މީހުންނަށް ރިފަންޑު ދޭން ނިންމައިފި އެވެ.

އެމްއައިބީ އިން ބުނީ އެބޭންކުގެ ހިއްސާ ގަތުމަށް ހުޅުވާލި ފުރުސަތުގައި 16،146 އިންވެސްޓަރުން 17،713 ފޯމު ހުށަހެޅި ކަމަށެވެ.

ފައިސާގެ އަދަދުން ބަލާއިރު މިއީ 356،533،100.00 ރުފިޔާ ކަމަށާއި މިއީ ހިއްސާ ވިއްކައިގެން އެ ބޭންކުން ހޯދަން ކަނޑައަޅާފައިވާ އަދަދަށްވުރެ 46.05 ޕަސެންޓު (112،40،100 ރުފިޔާ) އިތުރު އަދަދެއް ކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

ހިއްސާ ވިއްކުމަށް ނިންމާފައިވާ އަދަދަށްވުރެ ގިނައިން ހިއްސާ ގަތުމަށް އެދި ހުށަހަޅާފައިވާތީ، އެމްއައިބީ އިން ނިންމާފައިވަނީ ޕްރޮސްޕެކްޓަސްގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވަކިވަކިފަރުދުންގެ ތެރެއިން ހިއްސާ ގަތުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށެވެ.

ބޯޑު އޮފް ޑިރެކްޓަރުން ނިންމާފައިވަނީ މުއައްސަސާތަކާއި ކުންފުނިތަކާއި ވަކިވަކި ފަރުދުން ހިމެނޭ ގޮތަށް 16،146 އިންވެސްޓަރުންނަށް ހިއްސާ އެކަށައެޅުމަށެވެ.

ހިއްސާ ގަތުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ހިއްސާ އެކަށައަޅާދެވިފައިނުވާ ފަރާތްތަކަށާއި، އޯވާ ސަބްސްކްރައިބް ވުމާއެކު ރިފަންޑް ކުރުމަށް އެމްއައިބީން ކަނޑައަޅާފައިވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހު ފައިސާ ރީފަންޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ބޭނުންކުން ބުންޏެވެ. އަދި ލިސްޓު ކުރުމުގެ ގަވައިދުގެ މަތިން ހިއްސާދާރުންގެ ލިސްޓް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް މިހާރު ފޮނުވާފައިވާނެ ކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށްފަހު ނޮވެމްބަރު ހަ ވަނަ ދުވަހުގެ ކުރިން އިންވެސްޓަރުންނަށް އެކަށައަޅާފައިވާ ހިއްސާ އެމްސްޑީގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާ ކުރުމަށްފަހު އެކަން އިންވެސްޓަރުންނަށް އަންގާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެމްއައިބީ އިން ހިއްސާ ވިއްކާފައިވަނީ ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. ކޮންމެ ފަރާތަކަށްވެސް މަދުވެގެން ވިއްކާފައިވަނީ 20 ހިއްސާއެވެ. ބޭނުންނަމަ މި އަދަދު 10 އިން އިތުރު ކުރެވުނެވެ. އެ ބޭންކުން ވިއްކަން ކަނޑައެޅި ހުރިހާ ހިއްސާ އެއް ވަނީ ވިކިފައެވެ.

-ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށްވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
- އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019

comment ކޮމެންޓް