ޕޯސްޓް އޮފީހުގެ އީ-ޓުކުރި ލޯކަލް ލޯންޗްކޮށްފި

އީ ޓުކުރި ލޯކަލް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

،މޯލްޑިވްސް ޕޯސްޓްއިން މިހާރުވެސް ހިދުމަތް ދެމުންގެންދާ އިންޓަނޭޝަނަލް އީ ކޮމާސް ޕްލެޓްފޯމް އީ-ޓުކުރީގެ ލޯކަލް ޕްލެޓްފޯމެއް ތައާރަފްކޮށް ހިދުމަތް ފަށައިފި އެވެ.

ރޭ ޕޯސްޓް އޮފީހުގައި ބޭއްވި ހަފްލާގައި މި ހިދުމަތް ތައާރަފު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އީ ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކާއި ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތެކެވެ.

އެ ޕްލެޓްފޯމްގެ ތެރެއިން މުދާ ވިއްކުމާއި އޮންލައިންކޮށް ފައިސާ ދެއްކުމާއި އިޝްތިހާރު ކުރުމުގެ ހިދުމަތާއި އަދި ކަސްޓަމަރުންނާއި މުއާމަލާތްކުރުމުގެ ފުރުސަތު ލިބެ އެވެ. މޯލްޑިވްސް ޕޯސްޓުން ބުނީ އެ ޕްލެޓްފޯމް މެދުވެރިކޮށް މާބޮޑު ހަރަދަކާއި ނުލައި އިންވެންޓަރީ މެނޭޖްކުރުމާއި އިޝްތިހާރު ކުރުމުގެ އިތުރުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ނިޒާމްގެ ތެރެއިން ގާއިމްކޮށްފައިވާ ވެސަލް މެނޭޖްމަންޓް ސިސްޓަމްގެ ދަށުން މުދާ އުފުލުމާއި ޓްރެކިންގެ ހިދުމަތްވެސް ލިބެ އެވެ. އޭގެ އިތުރުން އެ އުޅަނދުތަކަށް ކާގޯ އާއި ޕެސެންޖާ ބުކިންގެ ހިދުމަތްވެސް ލިބިގެންދާނެ ކަަމަށްވެސް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.

އީ ޓުކުރީގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ރަށްރަށުގައި އިތުރު ޕިކްޕޯސްޓް ސްޓޭޝަންތައް ބެހެއްޓުމަށްވެސް ޕޯސްޓުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް