އިޓަލީގެ އެތަން މިތާ ރާއްޖެ އިޝްތިހާރު ކުރަނީ

ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން އިޓަލީ ގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން އިޓަލީވިލާތުގައި ހަރަކާތްތަކެއް ފަށައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިޓަލީގެ ތިމިނީގައި އޮންނަ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއާގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯ އެއްވެސް ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާ އަކީ އިޓަލީގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާއެވެ. މިމަހުގެ 9-11 އަށް ކުރިއަށްގެންދާ އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 ކުންފުނިން ބައިވެރިވެ އެވެ.

މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ އިޓަލީގައި ރާއްޖެ އިޝްތިހާރުކޮށް، މަގުބޫލުކަން އިތުރުކުރުމެވެ. ޓީޓީޖީ ފެއާގައި 90 ގައުމަކުން 2131 އެގްޒިބިޓަރުން ބައިވެރިވެ އެވެ.

މި ފެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ހަ އަކަމީޓަރުގެ ސަރަހައްދެއް ބޭނުންކުރާއިރު ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކާލަން ބަހައްޓާފައި ހުންނާނެ އެވެ.

ރާއްޖޭގެ ސްޓޭންޑުގައި ބަހައްޓާފައިވާ އިންސްޓަގްރާމް ފްރޭމާއެކު ފޮޓޯއެއް ނަގާލައި، #ވިޒިޓްމޯލްޑިވްސް ހޭޝްޓެގާއެކު ސޯޝަލް މީޑިއާ އަށް ޕޯސްޓްކޮށްލާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ކޮމެންޓު ލިބޭ ފޮޓޯއަކަށް ފުރަވެރި ރިސޯޓުންދޭ ޗުއްޓީ ދަތުރެއް ލިބޭނެ އެވެ.

މި ސްޓޭންޑުން ރާއްޖޭގައި ހަދާ ލުއިކާނާގެ ބާވަތްތައް ރަހަ ބަލާލަން ލިބޭނެ އެވެ.

ފެއާގައި ބައިވެރިވުމުގެ އިތުރުން "ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ރޯޑް ޝޯތަކުގެ ސިލްސިލާ ރޯޑްޝޯ އެއް އިޓަލީގެ މިލާން އަދި ރޯމް ގައި ބާއްވާނެ އެވެ. އޮކްޓޯބަރު 14 އަދި 15 ގައި ބާއްވާ މި ރޯޑް ޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުވަ ކުންފުންޏަކުން ބައިވެރިވެ އެވެ.

އިޓަލީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކުރީ ވެސް އިޓަލީ އިންނެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް އެގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 92،162 އަށް އަރަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 ޕަސެބްޓުގެ އިތުރުވުމެކެވެ.

comment ކޮމެންޓް