މި ހަފްތާ: އެންމެ ގަދަ އަޑަކީ "ބޭން އެމްޑީއެން"

"ކަސޯޓީ" ކަމުދާ ފަރާތްތަކަށް މި ހަފްތާ ރާއްޖޭގެ ސިޔާސީ މައިދާން ޔަގީނުން ވެސް ޝައުގުވެރިވާނެ އެވެ. މި ހަފްތާ ރާއްޖޭގެ ސިޔާސީ މައިދާނުގެ ޑްރާމާ ވަރަށް ބޮޑެވެ. ދިވެހިން ސޯޝަލް މީޑިއާ މި ހަފްތާ ކައްކުވާލީ ހުސް ސިޔާސީ ފޯރިން އެވެ.

އީވާގެ މިސްޓޭކް، ވަރަށް ކިއުޓް!

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ވާހަކަފުޅު ނިންމަވާލެއްވުމަށް އެމަނިކުފާނަށް އިޝާރާތް ކުރައްވާ އޭރު ރިޔާސަތުގައި އިންނެވި މަޖިލީހު ނައިބު ރައީސް އީވާ އަބްދުﷲ އަށް ވިދާޅުވެވުނީ؛ "ޝުކުރިއްޔާ އިއްޒަތްތެރި ރައީސް" މިހެން އެވެ.

އެއާ އެކު، ރިޔާސަތުގައި އިންނެވި އީވާއަށް އެ ބުނެވުނު އެއްޗެއް ރިއަލައިޒްވެ، އަގަމަތީ އަތް އަޅައި ހީގަނެވެ އެވެ. އަދި އެއަށް ފަހު، ކުރިން ބުނެވުނު ވާހަކަ ރަނގަޅު ކުރައްވައި؛ "އިއްޒަތްތެރި މެންބަރު" މިހެން އީވާ ވިދާޅުވެ އެވެ. އީވާގެ މި "ރިއެކްޝަނުން" ދިވެހީންގެ އެތައް ބަޔަކު ހެއްވާލި އެވެ. އަދި އީވާއަށް ލޯބި އޮހުނެވެ.

ސޯޝަލް މީޑިއާގައި ތިބި ދިވެހިންނަށް އީވާގެ އެ ރިއެކްޝަން ވީ ވަރަށް "ކިއުޓް" ކަމަކަށެވެ. އަދި އެފަދަ "މިސްޓޭކް" އެއް ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދިވެހީން ނިންމި އެވެ.

މޮސްޓާގެ ވާހަކަތަކުން ދިވެހިން ރަތަށް!

އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައްކަވާފައިވާ ވާހަކަތަކުން އެތައް ބައެއްގެ ލޭ ކައްކާލައިފި އެވެ. ޖިންސީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ފޮނުވާލި ހަމަލާގެ ބަސްތައް ވީ ގިނަ ދިވެހިންގެ ހިތަށް ހަރާލި ހަންޖަރަކަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ހައްގުތައް ހޯދުމަށް ގޮވާލާ މީހުން ނައްތާލަން ޖެހޭ ކަމަށެވެ. އަދި އޭނާ އެ ފަރާތްތައް ސިފަކުރައްވާފައިވަނީ ނައްތާލަން ޖެހޭ "ކަތުރުފަނި"ތަކެއްގެގޮތުގަ އެވެ. އަދި އެ ފަރާތްތައް ގިނަ ވުމުގެ ކުރީން އެފަރާތްތައް ނައްތާލުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު ނަޝީދު ހަރުއަޑުން ވިދާޅުވި އެވެ.

ކޮންމެއަކަސް އެވާހަކަތައްވީ ރޯވެފައިވާ އަލިފާންގަނޑަކަށް ތެޔޮ އެއްޗެއް އަޅާލުން ފަދަ ކަމަކަށެވެ. މީހަކު ނުވަތަ ބަޔަކު ނައްތާލަށް ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރި އެވެ. އެއީ ފާޅުގައި ބަޔަކު ނައްތާލުމަށް ގޮވާލުމަކީ މީހުން މެރުމަށް ގޮވާލުން ފަދަ ކަމެއް ކަމަށް އެންމެންހެން އިއްތިފާގުވި އެވެ.

އެއް އަޑަކަށް "ބޭން އެމްޑީއެން"!

މޯލްޑިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން 2016 ގައި ނެރުނު ރިޕޯޓުގެ މައްސަލަ އިތުރަށް ހޫނުވެ ހުރިހާ ފަރާތްތަކުގެ ދުލުގެ ކުރީގައި ކަހަލަ ގޮތަކަށް އޮތީ، "ބޭން އެމްޑީއެން" އެވެ. މަގެއްގެ ކަންމައްޗަށް ހުއްޓުނަސް އަދި އޮފީސްތެރެއިންވެސް އެންމެ ގިނައިން މި ދުވަސްވަރު އިވޭނީ އެމްޑީއެންއާ ގުޅޭ ވާހަކައެކެވެ.

ސޯޝަލް މީޑިއާގެ ތެރެއިން ހޫނުވި މި މައްސަލަގަނޑާ އެކު އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލާ ހަރަކާތް "ބޭން އެމްޑީއެން"ގެ ހޭޝްޓެގެއް އުފަންވެ އެ ހަރަކާތުގެ ބާރު ގަދަވި އެވެ. އަދި އެއީ ސަރުކާރަށް ވެސް ސިޔާސީ ބޮމަކަށްވި އެވެ. އެމްޑީއެންގެ އިސްވެރިންނަކީ ސީދާ ލާދީނީ ބައެއް ކަމަށް ސޯޝަލް މީޑިއާގައި ހުކުމްކޮށް ނިންމާލި އެވެ. އަދި އެ އަޑުތައް ގަދަކޮށްލައި އެންމެ ފަހުން އެ މައްސަލައިގައި ރައީސް ވެސް އެއްޗެއް ބުނަން މަޖުބޫރު ކުރުވި އެވެ. ހަފްތާ ނިންމާލައިރު އެއް އަޑަކަށް ގުގުމާލާފައި ވަނީ ބޭން އެމްޑީއެންގެ އަޑެވެ.

comment ކޮމެންޓް