އެމްޑީޕީގެ ބިލްތައް ހަދަން މަޖިލިސް، ނަޒާހަތްތެރި ގޮތެއްތަ؟

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި، މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން 20 ބިލެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެކަމާ ގުޅިގެން ރިޔާސަތުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް އަންގާފައިވަނީ އެ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެ ބިލުތަކުގެ މަސައްކަތް ކުރިއަށްދާ ކޮމިޓީގައި އެހެން ޕާޓީތަކުގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ. ބިލުތައް ޑްރާފްޓް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނާއި ވަސީލަތްތައްވެސް ބޭނުންކޮށްގެންނެވެ. ސުވާލަކީ އެމްޑީޕީއިން ހުށަހަޅަން ބޭނުންވާ ބިލުތައް ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޑްރާފްޓް ކުރެވިދާނެ ހެއްޔެވެ؟ އެއީ އެންމެ ނަޒާހާތްތެރި ގޮތް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ޕާޓީތަކުން ހުށަހަޅާ ބިލު ނުވަތަ އަމިއްލަ މެމްބަރުން ހުށަހަޅާ ބިލުވިޔަސް ޑްރާފްޓް ކުރާނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ކަމެއް ބުނެފައެއް ނެތެވެ. އަދި އެ ބިލުތައް ޑްރާފްޓް ކުރާނެގޮތެއްވެސް ބުނެފައެއް ނެތެވެ. ބުނެފައިވަނީ ބިލު ހުށަހެޅޭނީ ކޮން ފަރާތްތަކަކަށް ކަމެވެ. އެއީ ސަރުކާރާއި ޕާޓީތަކާއި އަމިއްލަ މެމްބަރުންނެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބިލުތައް ޑްރާފްޓްކުރަމުން ދަނީ ދާއިމީ ކޮމިޓީތަކަކުން ނޫނެވެ. އެއީ އޮޅުމެކެވެ. ބިލްތައް ޑްރާފްޓް ކުރަނީ، އެކަމަށް ޝައުގުވެރިވާ މެންބަރުންތަކެއް ހިމެނޭ ސަބް ކޮމިޓީތަކެއް ހަދާފައި އެ ކޮމިޓީތަކުން ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

"މިސާލަކަށް ފުލުހުންގެ ގާނޫނު ހަދާ ކަމަށްވަންޏާ ފުލުސް އޮފީހުން މީހަކާ. ރައީސް އޮފީސް މީހަކާ. ހުރިހާ އެއްޗެއް ޑްރާފްޓް ކުރާއިރުވެސް ރައީސް އޮފީސް ބޭފުޅަކު އިންނަވާނެ. އެއާ ރެލަވަންޓް ބޭފުޅުން އެތާތިއްބަވާނެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެއް ނޫން ތިބޭނީކީ،" އަލީ އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

މަޖިލީހުން ބިލުތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ފަންނީ ބޭފުޅުން ލަފައާ މަޝްވަރާވެސް ހޯދާ ކަމަށް އާޒިމް ވިދާޅުވި އެވެ. ދެން ސުވާލަކީ މިއެވެ؛ އެމްޑީޕީގެ އެޖެންޑާ 19 ގެ ބިލުތަކެއް ޑްރާފްޓް ކުރާއިރު އެ ޕާޓީއަށް ނިސްބަތް ނުވާ އެހެން ޕާޓީތަކުގެ މެމްބަރުން ކޮމިޓީތަކުގައި ތިބުމަކީ ހަމަޖެހޭ އުސޫލެއް ހެއްޔެވެ؟ އެގޮތަށް ޑްރާފްޓް ކުރާ ބިލެއް އެމްޑީޕީގެ ބިލަށް ވާނެ ހެއްޔެވެ؟

އަލީ އާޒިމް ވިދާޅުވާ ގޮތުން އެމްޑީޕީގެ ބިލުތައް ހަދާއިރު އެހެން ޕާޓީތަކުގެ މެމްބަރުންނެއް ނުތިބޭނެ އެވެ. އަދި ތިބެވިގެންވެސް ނުވާނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. އެކަމުގެ މާބޮޑު ތަފްސީލަކަށް އާޒިމް ނުދެ އެވެ. ދެއްވީ ކުރު ޖަވާބެކެވެ.

މީގެކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޕާޓީއެއްގެ ބިލެއް މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކުން ޑްރާފްޓްކޮށްފައެއް ނުވެ އެވެ. ޕާޓީއަކުން ހުށަހަޅަން ބޭނުންވާ ބިލުތައް އަބަދުވެސް ހުށަހަޅަނީ އެޕާޓީއަކުން ތައްޔާރުކޮށްގެން ދެން މަޖިލީހަށް ވައްދަނީ އެވެ. ސަރުކާރު ބިލެއް ނަމަ، އޭޖީ ޑްރާފްޓްކޮށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރެއް މެދުވެރިކޮށް ސަރުކާރުގެ ނަމުގައި ބިލް ހުށަހަޅަނީ އެވެ. ނުވަތަ އަމިއްލަ މެމްބަރުން އެ މީހުން އަމިއްލަ ހައިސިއްޔަތުން ބިލް ހުށަހަޅަނީ އެވެ.

މިގޮތަށް ހިނގަމުން ދަނިކޮށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ބިލުތައް ޑްރާފްޓް ކުރަން ފައްޓަވަން އެންގެވީ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުން އަމިއްލަ މެމްބަރުން ހުށަހަޅާ ބިލުތަކާއި ޕާޓީތަކުން ހުށަހަޅާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރައްވާނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުންނެވެ.

މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީގެ ބިލުތައް ޑްރާފްޓް ކުރުމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުން އެބައޮތެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުން އެމްޑީޕީގެ ބިލުތައް ހަަދަން ޖެހޭނީ އެމްޑީޕީ އޮފީހުގަ އެވެ. އެއީ މަޖިލިސް ތެރޭގައި ކުރެވޭނެ ކަމެއް ނޫނެވެ. އަދި ނަޒާހާތްތެރި މަޖިލީހަކުން ކުރާނެ ކަމެއް ކަމަކަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލެއް ނުކުރެ އެވެ.

"މަޖިލިސްގެ ރިސޯސް ބޭނުންކޮށްގެން އަސްލުގައި އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މި ބުނަނީ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާށޭ އެމްޑީޕީގެ ބިލުތައް ވެއްޖެއްޔާ،" އެމްޑީޕީ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

މިއީ މަޖިލީހުގެ ތެރެއިން ޕާޓީ ހިންގުން

މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ދެކެވަޑައިގަންނަވާ ގޮތުން މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާއެކު އެޖެންޑާ 19 އިގެ ބިލުތައް ޑްރާފްޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ގާނޫނަކަށް ބަދަލެއް ގެންނަން މަޖިލީހުގެ ކޮމިޓީއަކަށް ފެނިއްޖެ ނަމަ ބިލެއް ޑްރާފްޓްކޮށްގެން އެކަން ކުރެވިދާނެ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެޖެންޑާ 19 އިގެ ބިލުތައް މަޖިލީހުގެ ކޮމިޓީތަކުން ޑްރާފްޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މަޖިލިސް ތެރެއިން ޕާޓީ ހިންގުމުގެ ސަގާފަތެއް މިދަނީ. ޕާޓީގެ ވެރިކަމެއްގައި މަޖިލީހަށް ހުށަހަޅާ ބިލުތައް ޕާޓީއިން ޑްރާފްޓް ކުރާނީ. ކޮންމެ ޕާޓީއެއްގައިވެސް ތިއްބަވާނެ ފަންނީ ބޭފުޅުން. އެބޭފުޅުން ޕާޓީއިން ބިލު ޑްރާފްޓްކޮށްފައި ހުށަހަޅަން ޖެހޭނީ،" މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން މަޖިލީޙުގެ ރިސޯސަސް ބޭނުންކޮށްގެން ޑްރާފްޓް ކުރާ ބިލުތައް އެމްޑީޕީގެ ނަމުގައި ނުވަތަ ސަރުކާރުގެ ނަމުގައި ހުށަހަޅޭނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން މަޖިލީހުން ބިލުތައް ޑްރާފްޓް ކުރުމާ މެދެ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވެސް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޝިޔާމްގެ އެވާހަކަތަކަށް ބާރުލިބޭ ބައެއް ވާހަކަތައް ސަރުކާރުގެ ފަރާތުން ވޭތުވެދިޔަ ހަފްތާގައި އަޑުއިވިގެން ދިޔަ އެވެ.

ސަރުކާރަށް މައްސަލައަކަށްވީ ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތައް އެމްޑީޕީގެ ބިލުތަކެއް ކަމަށް ބުނެ މަޖިލީހުން ޑްރާފްޓް ކުރަން ފަށައިގަތުމެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ނަޒާހާތްތެރި މަޖިލީހަކުން ސަރުކާރަށް ބިލުތައް ހުށާހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ސަރުކާރުގެ ބިލުތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ. ކޮންމެއަކަސް ސަރުކާރުންވެސް ތިބީ މިކަމުގައި ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އެޖެންޑާ 19 އާއި ސަރުކާރު ތަފާތުވީތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި އެންމެ ބާރަށް އިވުނު އަޑަކީ އެޖެންޑާ 19 އިގެ އަޑެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާވެސް ކެމްޕެއިނަށް ވަޑައިގެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެޖެންޑާ 19 އަށް ވޯޓު ދެއްވުމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރު ތަފާތެވެ. ސަރުކާރުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅާ ބިލަކީ އެޖެންޑާ 19 އިގެ ބިލެއްގެ ގޮތުގައި ހިމެނޭ ކަމަށް ނުވެ އެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިގެ ދަށުން އެމްޑީޕީން މިދައުރު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކާއި ސަރުކާރުން ހުށަހަޅާނެ ކަމަށް ބުނެފައިވާ ބިލުތަކަކީ ދާދި އެއް ބިލުތަކެކެވެ. ނަޝީދު ސިފަކުރައްވަނީ އެއީ މުޅިން ދެ ބިލްތަކެއްގެ ގޮތުގަ އެވެ. އެމްޑީޕީއާއި ސަރުކާރުން ހުށަހަޅާ ބިލު ވަކި ބިލެއް ކަމަށް ހަދައި އެވާހަކަ އެގޮތަށް ނަޝީދު ދައްކަވަ އެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމަަށް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އެހެންވީމާ ރައީސް ހުށަހަޅަން ބޭނުންވާ ބިލުތައް ހުށަހަޅަން ޖެހޭނީ އެމްޑީޕީގެ ނަމުގައި ކަމަށް ވިދާޅުވި އެވެ. ހަމަ އެ ޖަލްސާގެ މެދުތެރެއިން ނަޝީދުގެ ރާގު ބަދަލުވި އެވެ. ދެން ވިދާޅުވީ ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލުތައް ސަރުކާރުން ޑްރާފްޓްކޮށްފައި މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެމްޑީޕީގެ ބިލުތަކުގެ މަސައްކަތް މަޖިލީގެ ކޮމިޓީތަކުން ކުރިއަށް ގެންދަންވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައިގައިވެސް މި ހިޔާލުތަފާތުވުން އޮތް އިރު، އެޖެންޑާ 19 އަދި ސަރުކާރުގެ ސިޔާސަތަކީ ދޭއްޗެއްތޯ މިހާރު މި ވަނީ ސުވާލު އުފެދޭ ހިސާބުގަ އެވެ. މިފަހުން، ސަރުކާރުން ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ އިންކަމް ޓެކްސް ބިލުން ވެސް އެކަހަލަ ސުވާލުތަކެއް ފެންމަތިވެ އެވެ. އެޖެންޑާ 19ގެ މެނިފެސްޓޯގައި އެމްޑީޕީއިން ބުނީ އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާގެ މަތީ އާމްދަނީއިން ކަމަށެވެ. ނަމަވެސް ސަރުކާރުން ބިލް ޑްރާފްޓްކޮށްފައި ވަނީ 40،000 ރުފިޔާއިން މަތީގެ އާމްދަނީއިން އެ ޓެކްސް ނަގާށެވެ.

މި ހުރިހާ ކަމެއް ނިޔުޅިގެން އަންނަ އިރު މިއީ ވެސް ރައްޔިތުންނަށް ސާފުވާން ޖެހިއްޖެ ކަމެކެވެ. މަޖިލީހުން، މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމްޑީޕީގެ ބިލުތައް ޑްރާފްޓްކުރަނީ ކޮން ގަވައިދެއްގެ ދަށުން ހެއްޔެވެ؟ އެއީ ނަޒާހާތްތެރި މަޖިލީހަކުން މި ޒާތުގެ ކަންކަން ކުރާނެ ހެއްޔެވެ؟

comment ކޮމެންޓް