ނޫމަޑި މައްސަލަ ކޯޓުން ބޭރުުން ހައްލުކުރުން ބައިނަލްއަގުވާމީ ހަމަތަކާ ހިލާފު: ސައީދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ސައީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޫމަޑި މައްސަލަ އާބިޓްރޭޝަނުން ބޭރުން ހައްލުކުރުމަކީ، ބައިނަލްއަގުވާމީ ހަމަތަކާ ހިލާފުކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެކުންފުނީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަދަލެއްގެ ގޮތުގައި 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އެކުންފުނިން ހުށަހެޅި އެވެ.

ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދީފަ އެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން މަޖިލިސް ކުރިމަތިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ މެމްބަރު ސައީދު ވިދާޅުވީ، ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލު ދިނުމަކީ، "ހިތަށް އެރި ގޮތަކަށް" ކޮމިޓީތައް ހަދައިގެން ނިންމޭނެ ކަންތަކެއް ނޫން ކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ބަދަލު ދޭން ޖެހޭނީ އާބިޓްރޭޝަން މަރުހަލާ ނިންމުމަށްފަހު، ބައިނައަގުވާމީ ހަމަތަކުގެ މަތިން އެވެ.

"އޮއުޓް އޮފް ކޯޓް ސެޓެލްމަންޓެކޭ ކިޔާފައި ނިންމީ. އެއީ ކުރެވޭނެ ކަމެއް ނޫން. އިންޓަނޭޝަނަލް ކޮމާސްގައި ނުކުރެވޭނެ ކަމެއް،" ރައީސް ޔާމީން ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، 800 މިލިއަން ރުފިޔާ އިން ކުންފުނިތަކަށް ބަދަލު ދޭން ނިންމާއިރު، ރައްޔިތުންނަށް ދޭން ޖެހޭ އެހެން ފައިސާތައް ސަރުކާރުން ނުދޭނެ ކަމަށެވެ. އެގޮތުން މަސްވެރިންނާއި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އަދިވެސް ފައިސާ ނުދޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް ވިދާޅުވީ، މި ސަރުކާރު އައިފަހުން އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

"މިހާރު މިހަދާ ގޮތަކީ، ފިނޭންސް މިނިސްޓަރާއި ސަރުކާރާއި ގުޅިގެން ހިލާފު އުފެދިގެން އުވާލާފައިވާ އެގްރިމަންޓްތައް އެ ކުންފުނިތަކާ ވާހަކަ ދައްކައިގެން އޮއުޓް އޮފް ކޯޓް ސެޓެލްމަންޓަކަށް ދަނީ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި ހަމަ ސީދާ ދައުލަތުގެ ފައިސާ އިން ވައްކަން މިކުރަނީ،" ޝީޔާމް ވިދާޅުވި އެވެ. "މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މިއީ ހަމަ ރޯމާ ދުވާލު ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރުން،"

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާަހަކަ ދައްކަވަނީ: ބަދަލު ދިނުމުގައި ސަރުކާރުން ކުރަނީ ވައްކަން ކަމަށް ތުހުމަތު ކުރެއްވި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖީއެމްއާރުގެ އެގްރިމަޓް އުވާލުމުން ރައީސް ޔާމީންގެ ސަރުކާރުގައި ދިން ބަދަލާ ގުޅޭ ގޮތުން ޝީޔާމް ވިދާޅުވީ، އެކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ، ދެ ބިލިއަން ޑޮލަރު ހޯދުމަށް ކަމަށެވެ. ނަމަވެސް އޭރު ސަރުކާރުން އާބިޓްރޭޝަން މަރުހަލާ ނިންމުމަށްފަހު، ބަދަލުގެ ގޮތުގައި ދެއްކީ ނިސްބަތުން ދައުވާ ކުރި އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލަ ހުށަހެޅި އެވެ. އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 2011 ވަނަ އަހަރު 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ ހައުސިންއާއި ޓްރާންސްޕޯޓް އަދި އެންވަޔަމަންޓް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމެވެ.

އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ ހައުސިން މިނިސްޓްރީއާ ދެމެދު 2013 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ.

ސަރުކާރުގެ ފަރާތުން އެކި ކުންފުނިތަކަށާއި މީހުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ މިހާރު ދީފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް