ރެމިޓެންސް ޓެކްސްގެ އާމްދަނީ ދަށްވެ އުވާލަނީ

އިކޮނޮމިކް މިނިސްޓްރީ އޮފީސް ކައިރީގައި ބިދޭސީންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކްސް ނެގުން ހުއްޓާލަން ގާނޫނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ މީޑިއާތަކަށް މައުލޫމާތު ދޭން ބޭއްވި "ނުވަގަޑި ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ރެމިޓެންސް ޓެކުހަކީ ތަފާތު ކުރުންބޮޑު ޓެކުހެއް ކަމަށެވެ. އެގޮތުން ރެމިޓެންސް ޓެކްސް ނަގަންފެށިފަހުން ގިނައިން ޓެކްސް ދައްކަންޖެހެނީ މަދުން އާމްދަނީ ލިބޭ އާދައިގެ މަސައްކަތުމީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ ބަޖެޓް އެގްޒެކެޓިވް ޝަރުވަޝް އާދަމް ވިދާޅުވީ ރެމިޓެންސް ޓެކްސް ނަގަން ފެށިފަހުން ބެންކުތައް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވުން މަދުވެފައިވާ ކަމަށެވެ.

"މީގަ ވީގޮތަކީ ރާއްޖޭގައި ހުންނަ މަސައްކަތު މީހާއަށްދޭ މުސާރަ ބޭރުގައި ހުންނަ ބޭންކެއްގެ އެކައުންޓަށް ޖަމާކުރުންފަދަ ކަންތައް ފެށުނީ،" ރެމިޓެންސް ޓެކްސް އުވާލާއިރު އެ ޓެކުހުން މާބޮޑު އާމްދަނީއެއް ނުލިބޭކަން ފާހަގަ ކުރައްވާ ޝަރުވަޝް ވިދާޅުވި އެވެ.

މިއަހަރުގެ އޮގަސްޓް މަހާ ހަމަޔަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ، 70.68 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ އެއް ޕަސެންޓް ދަށް އަދަދެކެވެ.

ޓެކްސް ދައްކަން ލާޒިމް ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާއެއް ލިބިފައި ނެތް ކަމުގައިވިޔަސް، ވިސާގެ މުއްދަތު ހަމަވެފައިވީ ކަމުގައި ވިޔަސް ވޯކް ވިސާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، 2016 އޮކްޓޫބަރު މަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކަށް އެމީހުންގެ މުސާރަ ދޭންޖެހޭނީ އެމީހުންގެ ނަމުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު، ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތުން ނަގައެވެ.

comment ކޮމެންޓް