ފުވައްމުލަކަށް އާ ޖަނަރޭޓަރެއް ފޮނުވަނީ

ފުވައްމުލަކަށް ފޮނުވާ ޖަނަރޭޓަރު ސެޓް: މިއާ ޖަނަރޭޓަރާ އެކު، ފުވައްމުލަކުގެ ކަރަންޓަށް ކުރިއެރުން އަންނާނެ -- ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

ފުވައްމުލަކު ސިޓީގައި އަލަށް ބަހައްޓާ ޖެނެރޭޓަރު ސެޓް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

އަތޮޅުތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކަށް ފޮނުވަނީ 1.2 މެގަވޮޓް ޖަނަރޭޓަރެއް ކަމަށެވެ. ދިހަހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ، އެ ސިޓީއަށް ފޮނުވާ ޖަނަރޭޓަރު ސެޓް ރޭގެ ވަގުތެއްގައި ދޯންޏަށް އަރުވާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.


ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ސަން" އަށް ވިދާޅުވީ، މިހާރު އެ ސިޓީގައި ބޭނުން ކުރަމުންދަނީ ހަތަރު ޖަނަރޭޓަރު ސެޓް ކަމަށެވެ. އަދި އެ ހަތަރު ސެޓުން ޖުމްލަކޮށް އުފެއްދެނީ ގާތްގަނޑަކަށް 4.2 ކިލޯ ވޮޓްގެ ކަރަންޓު ކަމަށް ވެސް ޟިރާރު ވިދާޅުވި އެވެ.

އާ ޖަނަރޭޓަރު ސެޓު ފުވައްމުލަކަށް ގެންދިއުމަށްޓަކައި މިއަދުގެ ވަގުތެއްގައި ދަތުރު ފަށަން ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެ ސިޓީއަށް ޖަނަރޭޓަރު ސެޓު ގެންދެވޭނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ. އަދި ފެނަކައިން ބުނީ، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ޖަނަރޭޓަރު ސެޓް ބަހައްޓައި ނިމޭނެ ކަމަށެވެ.

comment ކޮމެންޓް