ހުޅުމާލޭގައި އާބާދީ އިތުރުވާތީ ގިނަ ސްކޫލްތަކެއް އަޅަނީ

ސެޕްޓެމްބަރު 18، 2019: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން ދަ ސަރަހައްދުތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

ހުޅުމާލޭގައި ގިނަ ފްލެޓްތައް އަޅައި އާބާދީ އިތުރުވަމުން އަންނަނީ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަމުންދާ ސަރަހައްދުގައި ގިނަ ސްކޫލްތަކެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "ސަން" އަށް މިރޭ ވިދާޅުވީ އެ ސަރަހައްދުގައި ގިނަ ސްކޫލުތަކެއް އަޅަން ނިންމީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފްލެޓްތައް ވެސް އަޅަމުންދާތީ އާންމުންނަށް ވެސް ފަސޭހައަކަށް ކަމަށެވެ.

މާލޭގެ ހުރިހާ ސްކޫލްތަކެއް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން އެކަމާ ގުޅޭ އޮޑިޓެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީކޮށްފަ އެވެ. އެ އޮޑިޓުން ދެއްކި ގޮތުގައި އެކަމަށް އިތުރު 10 ސްކޫލް މާލެ ސަރަހައްދުގައި އަޅަން ޖެހެ އެވެ.

އެ އޮޑިޓާ އެއްގޮތަށް 1000 ޖާގައިގެ އިތުރު 10 ސްކޫލް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށާއި އަމާޒަކީ 2022 ވަނަ އަހަރު އެ ސްކޫލްތައް ނިންމުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެ ސްކޫލްތައް އެޅުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސްއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާއިފައިވާ ކަަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި އިއްޔެ އަހުމަދު ރިޔާޒު ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި 213 ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެެއްދަންފަޅިއަށް ކިޔަވައިދެނީ އެންމެ 150 ސްކޫލްގައި ކަމަށެވެ. އަދި 63 ސްކޫލް މިހާރު އެއްދަން ފަޅިއަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރަން ޖުމްލަ 7.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް