ދަރިފުޅަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބައްޕައަކު ހައްޔަރުކޮށްފި

ދަރިފުޅަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބައްޕައަކު ވަނީ ހައްޔަރުކޮށްފައި ---

ދަރިފުޅަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރު ކޮށްފައި ވަނީ، މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖާގެ ބައްޕަ ކަމަށެވެ.

"މިކަމެއް ހިނގީ ރޭގެ ވަގުތެއްގައި. މިކަން ފަޅާ އެރީ، އެ ކުއްޖާ ސްކޫލަށް ގޮސް އެވާހަކަ ދެއްކުމުން. ޖެންޑާގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ސްކޫލުގެ ފަރާތުން،" އެރަށުން ވާހަކަ ދެއްކި، ކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ، އެ މައްސަލަ އަށް މިއަދު ޖެންޑާ އިން އެޓެންޑް ވެސް ކުރި ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެ ބާވަތުގެ މައްސަލައެއް ފުލުހުންނާ ގުޅިގެން މިހާރު ބަލަމުންދާ ކަމަށެވެ.

އެ މައްސަލައަކީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ، އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ދެކުނުގެ އަތޮޅަކުން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރު ކުރި އިރު، މިދިޔަ އާދިއްތަ ދުވަހު މެދު ރާއްޖެތެރޭ އަތޮޅުގެ ރަށަކުން ކުޑަކުއްޖަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން 62 އަހަރުގެ ފިރިހެނަކު ވެސް ވަނީ ކޯޓު އަމުރަކާއެކު ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް