ވެރީން މަހުޖަނުންނަށް ހަދައިދިން ވިޔަފާރިއެއްގެ ހިތި މަންޒަރު!

ބިދޭސީއަކު އޭނާ ނިދާ ތަނެއްގެ ތެރޭ: ބިދޭސީންގެ މައްސަލަ ރާއްޖޭގައި ވަނީ ބޮޑު މައްސަލައަކަށް ވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ގަލޮޅު ބޯޅަދަނޑުގައި ބިދޭސީންގެ ދިގު ކިޔޫތައް ދަމާލީ، އެއްގޮތަކަށް ވެސް މެޗެއް ބަލަން ޓިކެޓް ގަތުމަކަށް ނޫނެވެ. ގާނޫނުގެ އަތްދަށު ނުވާން ފިލައިގެން އުޅޭ 3،000 ހާހެއްހާ ބިދޭސީން ބޯޅަދަނޑު ގޮޑިބަރިތައް ފުރާލީ، މި ސަރުކާރުން އިއުލާން ކުރި ދެވަނަ ފުރުސަތު ޕްރޮގްރާމްގައި ބައިވެރިވެ ގަވާއިދާ އެއްގޮތަށް އުޅުމުގެ ފުރުސަތު ހޯދާށެވެ. އެ ދިގު ކިޔޫތަކުން ކިޔައިދޭ ވާހަކަތައް ވަރަށް ގިނަ އެވެ. އެ ބިދޭސީން ގަސްތުގައި ބަޔަކު ހާލުގައި ޖެއްސީ އެވެ. ނޫނީ، އެ ގޮތަށް އުޅެން މަޖުބޫރު ވާނެ އެންމެހާ ސަބަބުތައް ކުރިމަތިކުރުވައި އެ މީހުން މަގުމަތިކޮށްލީ އެވެ.

މިދިޔަ އެތައް އަހަރުތަކެއްގައި ބޮޑުވެ ފައްކާވަމުން އައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އަކީ އިއްތިފާގަކުން ހަމަ ނޭނގި ތިއްބާ ރާއްޖެއަށް މެދުވެރިވި ކަންތައްގަނޑެއް ނޫނެވެ. އެކަމުގެ ފަހަތުގައި އޮތީ ބޮޑު ސިންގާނަ ނުހަމަ ވިޔަފާރިއެކެވެ. އެއީ އިމިގްރޭޝަންގެ ކުރީގެ ވެރީންނާއި އެކި ސަރުކާރުތަކުގައި ތިބި ވެރީންގެ ޖީބުތައް މިލިއަނުން ތިޔާގިވަމުން ދިޔަ، އިންސާނީ ބޮޑު ވަގު ވިޔަފާރި އެކެވެ.

ރާއްޖެ އަންނަނީ މުޅި މިލްކިއްޔާތު ވިއްކާފައި!

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީގައި ބަނގުލަދޭޝްގެ ރައްޔިތުން ގިނައިރު، އެ މީހުން ރާއްޖެ އަންނަނީ މުޅި ހަޔާތް ގާތްގަނޑަކަށްހެން ގުރުބާން ކޮށްލައިފަ އެވެ. މައިބަފައިންގެ ހަރު މުދާ ވެސް ވިއްކާލައި، އެވަރުން ނުވެގެން މީހެއްގެ އަތުން ލޯނެއް ވެސް ނަގައިގެން ރެކްރޫޓްމަންޓް އެޖެންސީންތަކަށް ބޮޑު އަދަދުތަކުން އެ މީހުން ފައިސާ ދައްކަ އެވެ. އެގޮތަށް މަގުމަތިވެފައި ތިބޭ ބިދޭސީން ބުނާ ގޮތުން އެ މީހުން 2،000 - 3،000 ޑޮލަރުގެ އަދަދުތަކެއް އެޖެންސީތަކަށް ދައްކަ އެވެ.

އެހެން ނަމަވެސް، އެ މީހުންނާ ހަވާލުވާ ދިވެހީން ބަރާބަރަށް މުސާރައެއް ނުދެ އެވެ. ކައިބޯނެ ގޮތަކާއި ނިދާނެ ތަނެއް ވެސް ނުދައްކަ އެވެ. ގިނަ ފަހަރަށް މުސާރަ ވެސް ދެނީ ހިތަށް އެރިއްޔާ އެވެ. ނޫނީ އެ މީހުން ރާއްޖެ ގެންނައިރު އެ މީހުންނާ ހަވާލުވާނެ، "އަސްލު" މުސާރަވެރިޔަކު ވެސް ނުހުރެ އެވެ. ކޮންމެވެސް "ޕޭޕާ" ކުންފުންޏެއްގެ ނަމުގައި މީހުން ގެނެސް މަގުމައްޗަށް ދޫކޮށްލަނީ އެވެ.

އެ މީހުން ބުނާ ގޮތުން ދެން މަޖުބޫރު ވަނީ، ކޮންމެވެސް ގޮތަކުން އެހެން ވަޒީފާއެއް ހޯދައިގެން މަސައްކަތްކޮށް ރަށުގައި ހުރި ދަރަނިތައް ދައްކާނެ މަގެއް ހޯދާށެވެ. އަދި، އެ "މަކަރުން" ސަލާމަތްވެ އަނބުރާ އެ މީހުންނަށް ރަށަށް ދެވެން އޮތީ ވެސް، ގަނަ ތެޅިގެން ވެސް އާމްދަނީ ހޯދައި އެ ފައިސާ ކޮޅު ގައުމަށް ފޮނުވައިގެން އެވެ.

"އަހަރެން އައިތާ މިހާރު އެއިޓް އިޔާޒް [އަށް އަހަރު]، އަހަރެން ޕާސްޕޯޓް އެޖެންޓް އަތުލަނީ. ރިސޯޓް ވަޒީފާ ލިބެނީ ބުނަނީ. އެކަމަކު އެޖެންޓް ވަޒީފާ ނުދިން. ދެން އަހަރެން މަޖުބޫރުވަނީ މިހެން އުޅެން،" މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ބަންގްލަދޭޝްގެ އާލާމް ބުންޏެވެ.

ބަޔަކު މީހުން ގަސްތުގައި ހިންގާ މި މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގަނީ ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން އެވެ. އާލާމް ކަހަލަ، ދިރިއުޅުމުގެ ހާލަތު ބަދަލު ކުރަން އުންމީދުގައި ތިބޭ މީހުންނަށް، ރަނގަޅު ވަޒީފާއެއް ހޯދައި ދިނުމުގެ މަޅިއެއްގައި ޖައްސައި އެ މީހުންގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަނީ އެވެ. އެކަމަކު މިއީ އާދައިގެ ބަޔަކު ބައިވެރިވާ ވަގު ވިޔަފާރީގެ ނެޓްވޯކެއް ނޫނެވެ. އެ ނެޓްވޯކްގެ މުގުލުގައި ތިބެނީ ސިޔާސީ ގޮތުން ބާރާއި ނުފޫޒު އޮންނަ ވެރިންތަކެކެވެ. މި ވިޔަފާރީގެ ހަމަތައް ރޭވިފައި އޮންނަ ގޮތުން އެ މީހުން ނޫން ބަޔަކަށް މި ވިޔަފާރިއަށް ކަންކަން މަގުފަހިކޮށް ދެވުމަކީ ނާދިރުކަމެކެވެ.

ދިއްކޮށްލާ ކަޓުން އެތައް މިލިއަނެއް ޖީބަށް!

އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އާބާދީ ވަނީ 63،000 މައްޗަށް ގޮސްފަ އެވެ.

މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެ އަދަދު އިންތިހާއަށް އިތުރުވި ކަމަށް ބިދޭސީން ބެލެހެއްޓުމުގައި ކަންކަމާ އަލަށް ހަވާލުވި މި ސަރުކާރުގެ އިކޮނޮމިކް މިިނިސްޓްރީއިން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގައި ފެށުނު ބޮޑެތި އުމްރާނީ މަޝްރޫއުތަކާ އެކު، ރާއްޖޭގައި އުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އިތުރުވި އެވެ. ސަބަބަކަށްވީ، އެ މަސައްކަތްތައް އަވަސްކޮށްލުމުގެ ނަމުގައި، ބިދޭސީން ގެންނަން އޭރުގެ ސަރުކާރުން އެ ފަރާތްތަކަށް ލުއި ދޮރުތަކެއް ހުޅުވާލުމެވެ. އެއާ އެކު ހިފެހެއްޓުމެއް ނެތި ބިދޭސީން ރާއްޖޭގެ ދޮރާށިން ހޯސްލާފައި އެތެރެވަމުން ދިޔައިރު، އެޔެއް މިޔެއް ނޭނގެ އެވެ. އެ ހާލަތުގެ ނާޖާއިޒު ފައިދާ ބަޔަކު ގަސްތުގައި ނަގަން ފެށީ އެވެ. އެކަމުގައި އޭރުގެ އެކި ފެންވަރުގެ ބޮޑުން ވެސް ބައިވެރިވަމުން ދިޔައީ އެވެ.

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރުތަކެއް -- ފޮޓޯ: އިމިގްރޭޝަން

"ގެންނަ ކޮންމެ ބިދޭސީ މީހެއްގެ ބޮލަށް 6،000 ރުފިޔާގެ މަގުން އެބަ ހުރި ފައިސާ ނަގައިގެން ކޯޓާ ދޫކޮށްލާފައި. މިއީ ވެސް ހިނގާފައި ހުރި ކަންކަން. ރަނގަޅަށް ބަލައިނުލައި އެއީ ކިހިނެތް ކޮން ކަހަލަ މަސައްކަތެއް ކުރަން ނޫނީ އަސްލު ވެސް މަސައްކަތެއް ކުރަން ގެންނަ ބައެއް ކަމެއް،" އިމިގްރޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

އޭނާ ކިޔައިދިން އަދަދުތަކުން ހިސާބު ޖަހާނަމަ، މަހެއްގެ މައްޗަށް މުޅިން އަލަށް ކޯޓާ ދޫކޮށްގެން 100 ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވި ނަމަވެސް، ވެރިއަކަށް ހުންނަ ބޭފުޅަކަށް މަހެއްގެ މައްޗަށް 600،000 ރުފިޔާގެ "ކަޓެއް" ލިބޭނެ އެވެ. އަދި ވަރަށް ފަސޭހަ ކަމާ އެކު އަހަރެއްގެ މައްޗަށް 7.2 މިލިއަން ރުފިޔާ އޭނާގެ ޖީބަށް ޖަމާކޮށްލެވިދާނެ އެވެ.

މިހާރުގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު، ހަނަފީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިމިގްރޭޝަންގެ ތެރޭގައި ނުހަމަ ކަންތައްތަކެއް ހިނގާފައިވެ އެވެ. އެއީ ކިތަންމެ ބޭނުން ނުވިޔަސް ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށް އޭނާ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައިވެ އެވެ. ހާއްސަކޮށް ބިދޭސީން އެތެރެ ކުރުމުގެ ކަންކަމުގައި ނާޖާއިޒު ކަންކަން ހިނގާފައި ހުރި ކަމަށް އޭނާ އެދުވަހު ފާހަގަ ކުރެއްވި އެވެ.

އޭގެ ހެކި މާލެ ތެރޭގެ ބައެއް ވިޔަފާރިތަކަށް ބަލައިލީމާ ވެސް ފެނެ އެވެ. އޭރުގެ ބައެއް ވެރިން ކުއްލިއަކަށް މުއްސަނދިވެ، އެ ވެރިންގެ ވިޔަފާރިތަކުން މުޅި މާލެ ފުރިއްޖެ އެވެ. ނަން މަޝްހޫރު އެތައް ވިޔަފާރިއެއް ހުރީ އެވެރިންގެ ނޫނީ އެ މީހުންގެ އާއިލާގެ މީސްމީހުންގެ ނަން މަތީގަ އެވެ.

މި މުއްސަނދިކަމެއް އެ މީހުން ހޯދީ، ބައެއްގެ ނިކަމެތިން ކަމުން ފައިދާ ނަގައި އެ މީހުން ރާއްޖެ ގެނެސް، ބިކަކޮށް، މަގުމަތިކޮށްލައިގެން ކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑަށް އެބަ އޮތެވެ.

ބިދޭސީއަކު އޭނާ ނިދާ ކޮޓަރިއެއްގައި: ބިދޭސީންގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގޮން ޖެހުންތައް ރާއްޖެއަށް ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެމީހުން ވައްދަނީ ޓޫރިސްޓް ވިސާ ޖަހާފައި ކަމެއް، ވޯކް ޕާމިޓް ޖަހާފައި ކަމެއް ނޭނގޭ އެތައް މަސައްކަތު މީހުންނެއް އެބަ ތިބި،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އެ ވިދާޅުވާ ގޮތަށް، ބިދޭސީންގެ ކޯޓާކޮޅެއް އެޖެންސީއަކަށް ވިއްކާލައިންގެ، މަހުޖަނަކަށް ވުން އެެއީ އޭރުގައި ހުންނަ ވެރިއަކަށް ވަރަށް ފަސޭހައިން ވާން އޮތް ކަމެކެވެ.

އޭރުގައި ބިދޭސީން ގެންނަން ކޯޓާ ކަނޑައަޅަނީ ވެސް އަދި އެކަމާ ގުޅޭ އެންމެހާ އުސޫލުތައް ނިންމަނީ އެއް ބައެކެވެ. މީހުން އެތެރެވާން ހުއްދަ ދޭން ވެސް ތިބެނީ ހަމަ އެ މީހުން އެވެ. ނަތީޖާއަކީ، ޗެކް އެންޑް ބެލެންސްގެ ނިޒާމު ގެއްލި ރާއްޖޭގެ ދޮރާށި ހިފެހެއްޓުމެއް ނެތި އެންމެންނަށް ކަހަލަ ގޮތަކަށް ހުޅުވިގެން ދިއުމެވެ.

ދައުލަތަށް ބިލިއަން ރުފިޔާގެ ގެއްލުން!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވާ ގޮތުގައި، ރާއްޖޭޭގެ އިގްތިސާދު ކުރިއަށް ދާނީ ބޭރުގެ މަސައްކަތްތެރިންނާ ވެސް އެކު އެވެ. ކޮންމެ އިގްތިސާދަކަށް ވެސް ބިދޭސީ މަސައްކަތްތެރިންގެ ހަކަތަ އަކީ މުހިންމު އެއްޗެކެވެ. އެހެން ވީމާ ރާއްޖެއަށް ބޭރު މަސައްކަތްތެރިން ނުގެނެސް، ހުރިހާ މަސައްކަތްތަކެއް ދިވެހިން ކުރާ ގޮތަކަށް ވެސް ނުހެދޭނެ އެވެ.

އިގްތިސާދަށް ނުރައްކަލަކީ އުސޫލުތަކުގެ އިމުން ބޭރުން ވެގެން އުޅޭ ބިދޭސީ މަސައްކަތްތެރިން އެވެ. އެމީހުންގެ ފަރާތުން ދިވެހި އިގްތިސާދަށް ގެއްލޭ ފައިސާ ވަރަށް ވެސް ބައިވަރެވެ.

ސަރުކާރުން ލަފާކޮށްފައިވާ އަދަދުތަކުން ހިސާބެއް ޖަހާ ނަމަ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވިސާ ފައިސާގެ ގޮތުގައި އެކަނިވެސް، 189 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ދައުލަތަށް ގެއްލޭނެ އެވެ. އަދި ފިލައިގެން އުޅޭ ބިދޭސީން ނުހަމަ މަގުތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނެ ކަމަށް ބަލާ ނަމަ، އެއީ އަހަރެއްގެ ތެރޭ ދިވެހި އިގްތިސާދަށް ގެއްލޭ އެތައް ބިލިއަން ރުފިޔާއެކެވެ. އެއީ އިގްތިސާދަށް އާރޯ ކަމެއް ނުލިބި ބޭރަށް ފޭދިގެންދާ އެތައް ފައިސާތަކެކެވެ.

'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އައި ބިދޭސީން ގަލޮޅު ދަނޑު ފުރާލާފައި -- ފޮޓޯ؛ އިކޮނޮމިކް މިނިސްޓްރީ

އެ ހުރިހާ ކަމެއް ހައްލު ކުރަން މި ސަރުކާރުން ލިޔުނު ފޯމިއުލާ އަކީ، އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީންގެ ކަންކަން، ބަދަލުކޮށް ގާނޫނުން ބޭރުގައި އުޅޭ މީހުން އަނބުރާ ގާނޫނުގެ އިމަށް ގެނައުމެވެ. އެފަދަ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި ކޯޓާ ހޯދަން އަންނަ ކުންފުނިތަކަށް އެ ދަފްތަރުގައި ޖެހޭ ބިދޭސީން ބަހާލުމަކީ މި ސަރުކާރުގެ ފޯމިއުލާ އެކެވެ. އެ މަސައްކަތް މިހާރު ފެށިއްޖެ އެވެ.

އެކަމަކު އެކަން ވެސް ހާސިލްވާން އޮތީ، ވެރީންނާއި ބޮޑުން މުއްސަނދި ކުރާނެ ނުހަމަ ވިޔަފާރިއަކަށް މިކަން ނުހަދާ ދުވަހަކުން އެވެ. ނުގަވާއިދުން އުޅޭ ބިދޭސީންގެ ދިގު ކިޔޫތަކަކީ ސަމާސާއެއް ނޫނެވެ. އެއީ މުޅި މައްސަލައިގެ ނުރައްކާތެރި ކަމުގެ އަދި ކުޑަކުޑަ މިންވަރެކެވެ. އެއީ ބޮޑުންތަކެއްގެ ޖީބުތައް މުއްސަނދި ކުރުވި، ބޮޑު ބިޔަ ވަގު ވިޔަފާރިއަކުން ގެނެސްދިން ހިތި މަންޒަރެކެވެ. މި ވިޔަފާރި ނުހުއްޓުވޭ ނަމަ، މި މައްސަލައިން ސަލާމަތް ވެވޭނެ އެއްގޮތެއް ވެސް ނެތެވެ.

comment ކޮމެންޓް