މުލަކުގައި ދަނޑަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދެއް ހަދަން ހުއްދަ ނުދޭން އީޕީއޭއިން ނިންމައިފި

މ. މުލަށް: އެ ރަށުގައި ފުޓުބޯޅަ ދަނޑަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދެއް ގާއިމް ކުރަން ހުއްދަ ނުދޭން އީޕީއޭއިން ވަނީ ނިންމައިފައި-- ފޮޓޯ/ އައިލެންޑް އެކްްސްޕްލޯރާ

މ. މުލަކުގައި ފުޓުބޯޅަ ދަނޑަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދެއް ގާއިމް ކުރުމުގެ ޕްރޮޖެކްޓެއް ހިންގަން ހުއްދަ ނުދޭން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމައިފި އެވެ.

މުލަކުގައި ފުޓުބޯޅަ ދަނޑަކާއި ވޯޓާ ސްޕޯޓްސް ސަރަހައްދެއް ހެދުމުގެ މަޝްރޫއަކީ އެ ރަށު ކައުންސިލުގެ މަޝްރޫއެކެވެ. އެ މަޝްރޫއަށް އީއައިއޭ ރިޕޯޓު ތައްޔާރު ކުރަން ހަވާލު ކުރީ އެ ރަށު ކައުންސިލުންނެވެ. އެ މަޝްރޫއަށް ހެދި އީއައިއޭ ރިޕޯޓު ގަބޫލު ނުކުރެވޭނެ ކަމަށް އީޕީއޭއިން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެގޮތަށް ނިންމި ސަބަބުތައް ބަޔާން ކުރަމުން އީޕީއޭގެ ޑިސިޝަން ސްޓޭޓްމެންޓުގައި ފާހަގަކޮށްފައި ވަނީ ޕްރޮޖެކްޓު ހިންގަން ހަގީގަތުގައި ބޭނުންވާ ބިމަށް ވުރެ ޕްރޮޖެކްޓު ހިންގަން ރުއްގަސް ސާފު ކުރަން ހުށަހަޅާފައިވާ ސަރަހައްދު ބޮޑު ކަމެވެ.

ރުއްގަސް ނެގުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާ ބެހޭ ގަވައިދުގައިވާ ގޮތުން ރާއްޖޭގެ ރަށަކުން ނަގާ ރުއްތައް އެހެން ތަނެއްގައި އިންދަން ޖެހޭނެ އެވެ. އީއައިއޭ ސްޓޭޓްމަންޓުގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ހުށަހަޅާފައިވާ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ނަގައިގެން އިންދާނެ ތަނެއް ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައި ނެތް ކަމަށެވެ. އެތަނުން ނަގަން ޖެހޭނެ ރުއްގަސް މުލަކުގައި އިންދާ ނަމަ އިންދާނީ ކޮން ތަންތަނެއްގައިކަންވެސް ބަލާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓަށް ރުއްގަސް ނެގުމުން ބިމުގައި އުފެދޭނެ ވަޅުގަނޑުތަކަށް އަޅަން ކިހާވަރަކަށް ވެލި ބޭނުންވާނެތޯއާއި އެ ވެލި ހޯދާނީ ކޮން ތަނަކުން ކަމެއްވެސް ބަލާފައި ނުވާ ކަމަށް ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ޝޯލައިން އާއި ވެޖިޓޭޝަން ލައިން ބުނެދީފައި ނުވާ ކަމާއި، ޕްރޮޖެކްޓު ހިންގެނޭ އެހެން ތަންތަން ބަލާފައި ނުވުމާއި، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފައި ނެތުމާއި، ޕްރޮޖެކްޓަށް ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ދީފައި ނެތުމާއި، ޕްރޮޖެކްޓުގެ ބަޖެޓު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ލިބިފައި ނެތުންވެސް ޕްރޮޖެކްޓު ހިންގަން ގަބޫލު ނޫން ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވެ އެެވެ.

މަޝްރޫއުތަކަށް ސާފު ކުރާ ބިންތަކުން ނަގާ ރުއްގަސް، ހިއްކައިގެން ހަދާ ރިސޯޓުތައް ފެހި ކުރަން ބޭނުން ކުރާތީ ތިމާވެއްޓަށް ލޯބި ކުރާ މީހުން ކަންބޮޑުވުން ފާޅު ކުރެއެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި، ކަމާ ބެހޭ ފަރާތްތަކުން ގިނަ އަދަދެއްގެ ރުއްގަސް ނަގަން ޖެހޭ ގޮތަށް މަޝްރޫއުތައް ބައްޓަން ކުރެ އެވެ. އެއީ އަމިއްލަ ވިޔަފާރިތަކުން "މޭޒު އަޑިން" ފައިސާ ނަގައިގެން ކުރާ ކަމެއްގެ ގޮތުގައި އެ މީހުން ސިފަ ކުރެ އެވެ.

comment ކޮމެންޓް