މުސްލިމުންނަށް އަނިޔާ ކުރާތީ އެމެރިކާއިން ޗައިނާގެ ކުންފުނިތަކެއް ބްލެކްލިސްޓުކޮށްފި

ޝިންޖަންގުގެ މިނިވަންކަމަށް ގޮވާލާ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 8): ޗައިނާގެ ޝިންޖިއަންގުގައި އުއިގޫރު މުސްލިމުންނަށް އަނިޔާ ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެގައުމުގެ 28 ސަރުކާރުގެ އިދާރާއަކާއި ކުންފުނިތަކެއް އެމެރިކާއިން ބްލެކްލިސްޓުކޮށްފި އެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެގައުމުން ބްލެކްލިސްޓު ކުރި ފަރާތްތަކަކީ "ޗައިނާގައި އުއިގޫރު، ކަޒަކް އަދި މުސްލިމް އެހެން ގުރޫޕުތަކުގެ މީހުން ހިފަހައްޓާ، ޖާސޫސު ކުރުމުގައި ބައިވެރިވާ" ބަޔެކެވެ.

އަދި އޭގެ ތެރޭގައި ޝިންޖިއަންގުގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯ ފަދަ ސަރުކާރުގެ 19 އިދާރާއަކާއި ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ހިކްވިޝަން ފަދަ އަށް ކުންފުންޏެއް ހިމެނެ އެވެ. ހިކްވިޝަންއަކީ ވީޑިއޯ މެދުވެރިކޮށް ޖާސޫސު ކުރުމަށް ބޭނުންވާ ވަސީލަތްތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެމެރިކާއިން ވަނީ އެ އިދާރާތަކާއި ކުންފުނިތައް އެގައުމުގެ 'އެންޓިޓީ ލިސްޓު'ގައި ހިމަނާފަ އެވެ. އޭގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ ހުއްދައާ ނުލައި އެފަރާތްތަކުން އެގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް ގަތުން މަނާވާނެ އެވެ.

މިދިޔަ މެއި މަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ޗައިނާއިން ވާވޭ ކުންފުނީގެ އުފެއްދުންތައް މެދުވެރިކޮށް އެހެން ގައުމުތަކަށް ޖާސޫސު ކޮށްފާނެ ކަމަށް ތުހުމަތުކޮށް، ވާވޭ ވެސް އެންޓިޓީ ލިސްޓުގައި ހިމަނާފަ އެވެ.

މިދިޔަ އަހަރު އދ.އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ވަނީ 1.1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށް، ގައިދުހާނާތަކަށް ލާފަ އެވެ. އަދި ބީބީސީގެ ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން އެމީހުން ހައްޔަރު ކުރަނީ ނަމާދު ކުރުމުން ނުވަތަ ބުރުގާ އެޅުމުން ނުވަތަ ގައުމުން ބޭރުގައި ދިރިއުޅޭ ބަޔަކާ ވާހަކަ ދެއްކުމުންނެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ގައިދުހާނާތަކަކީ މީހުން "ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް" ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ ކޭމްޕުތަކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް