ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރަން 7.3 ބިލިއަން ރުފިޔާ ބޭނުންވޭ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި އެޑިއުކޭޝަންގެ އިސްވެރިން---ފޮޓޯ: މަޖިލިސް

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް ބަދަލުކުރަން ޖުމްލަ 7.3 ބިލިއަން ރުފިޔާ ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި މިއަދު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ރަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި 213 ސަރުކާރު ސްކޫލްތަކުގެ ތެރެއިން އެެއްދަންފަޅިއަށް ކިޔަވައިދެނީ އެންމެ 150 ސްކޫލްގައި ކަމަށެވެ. އަދި 63 ސްކޫލް މިހާރު އެއްދަން ފަޅިއަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒު ވިދާޅުވީ އެއް ދަންފަޅިއަށް ބައެއް ސްކޫލްތަކުގައި ކިޔަވައިދިނަސް އެ ސްކޫލްތަކުގައި އުމްރާނީ ވަސީލަތްތައް މަދު ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ދަންފަޅިއަށް ސްކޫލްތައް ކިޔަވައިދިނުމަށްޓަކައި އިތުރު ކްލާސްރޫމްތަކާއި، ލައިބްރަރީތަކާއި ލެބޯޓަރީއާއި ހެލްތު ރޫމް، ކައުންސެލިން ރޫމްގެ އިތުރުން ދަރިވަރުންނަށާއި ސްޓާފުންނަށްވެސް އިތުރު ފާޚާނާއާއި މެސްރޫމްތައް ހަދަން ޖެހޭ ކަމަށެވެ.

އެއްދަންފަޅިއަށް ހުރިހާ ސްކޫލްތަކެއް ބަދަލުކުރުމަށް މިނިސްޓްރީން ހެދި އޮޑިޓުން ދައްކާގޮތުން އެކަން ކުރެވޭނީ ގްރޭޓާ މާލޭގައި އިތުރު 10 ސްކޫލު ބިނާކޮށްގެންނެވެ.

comment ކޮމެންޓް