ތައުލީމީ މަންހަޖުގައި ދީނާ ފުށުއަރާ ކަންތައްތަކެއް ހުރިތޯ ބަލަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ އިސްވެރިންތަކެއް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިހާރު ދަރިވަރުންނަށް ކިޔަވައިދެމުންދާ މަންހަޖުގައި ދީނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިތޯ ބަލަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކަ ކޮމިޓީ ގައި މިއަދު ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެކަންތައް ވަކިކޮމިޓީއަކުން ބަލަން ފަށާފައިވާކަމަށެވެ.

"ބައެއް ބެލެނިވެރިން ފާހަގަކުރައްވާފައި އެބަހުރި ދީނާ ފުށުއަރާ ކަންތައްތަައްވެސް ފޮތްތަކުގައި ހުރިކަމަށް. ދެންހަމަ އެކަމާ ގުޅިގެން މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން އިސްލާމް ފޮތްތައް އިސްލާމް މުގައްރަރު ބެލުމަށްޓަކައި ދީނީ އިލްމުވެރިންގެ ކޮމެޓީއެއް ނެގިގެން އެ މަސައްކަތް އަޅުގަނޑުމެން މިވަނީ ފަށާފައި" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެ މަންހަޖުގައި ދީނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިތޯ ނެތްތޯ ނިންމާނީ އެކަން ވަރަށް ރަނގަޅަށް ބެލުމަށްފަހުގައި ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނާ މަންހަޖަކީ 2015 ވަނަ އަހަރު މުރާޖާ ކޮށްގެން ނެރެފަިއވާ މަންހަޖެކެވެ.

ދީނީގޮތުން ފުށުއަރާ ކަންތައްތަކެއް މަންހަޖުގައި ހުރިތޯ ބަލަން ނިންމިއިރު ދާދި ފަހުން މޯލްޑިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި ހުރި އިސްލާމްދީނާ ދެކޮޅު ލިޔުންތަކެއްގެ މައްސަލަ ބަލާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފަައެވެ.

comment ކޮމެންޓް