ކާނުތައް ބަރާބަރަށް ސާފުކުރަން، 30 މިނެޓުން ފެން ހިނދޭނެ: ސިޓީ ކައުންސިލް

ބޯކޮށް ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭގެ މަގުތަކުގައި ފެންބޮޑުވަނީ މަގުތަކުގެ ކާނުތައް ސާފުނުކުރާތީ ނޫންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ މެންބަރު ހުސެން ޝަރީފް މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާނުތައް ގަވައިދުން ސާފުކުރަމުންދާ ކަމަށެވެ.

"ބައެއް މަގުތައް ސާފުކުރެވެނީ ބަންދު ދުވަސްތަކުގައި. އެއީ ސްކޫލު ދުވަސްތަކުގައި ކާރޫބާރު މަގުތައް ބަންދުކޮށްގެން މަސައްކަތް ކުރަން ދަތިވާތީ. އެންމެ ބޮޑަށް ފެންބޮޑުވަނީ މާފަންނުގައި. އައިޖީއެމްއެޗު ސަރަހައްދުގައި. އެ ސަރަހައްދުގެ ކާނުތައް ވަރަށް ގިނައިން ސާފުކުރެވޭ،" މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ވިދާޅުވި އެވެ.

ހުސެން ޝަރީފް ވިދާޅުވީ ކާނުތަކުން ފެން ހިންދަން އާންމުކޮށް 30 މިނެޓު ނަގާނެ ކަމަށެވެ.

"އާންމުކޮށް މިހާރު ފެން ހިންދަން މި ޖައްސަނީ ސްޓޯމް ވޯޓާ ޕަމްޕު. އޭގެން ވިއްސަކަށް މިނެޓުން ފެން ހިންދާލާނެ،" ހުސެން ވިދާޅުވިއެވެ. މަގުތަކުން ފެންހިނދުން މިއަދު ލަސްވީ ވާރޭ ވެހުނުލެއް ބޯކަމުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވެސް ސާފުކުރަނީ މި ކާނުގަނޑަށް. އެހެންވެ ދަތިވޭ ކާނު ސާފުކުރަން. ކާނުތައް ބެދި ކަންތައް ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން،" މާލޭގެ މަގުތައް ބެލެހެއްޓުން ކައުސްސިލުގެ ދަށަށް ބަދަލުވިފަހުން ގަވައިދުން ކާނުތައް ސާފުކުރާކަން ފާހަގަ ކުރަމުން ކައުންސިލަރު ވިދާޅުވި އެވެ.

މިއަދު މާލެއަށް ވާރޭވެހި ބައެއް މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުން ދަތިވާ މިންވަރަށް ވަނީ ފެންބޮޑުވެފަ އެވެ. އައިޖީއެމްއެޗް ހޮސްޕިޓަލާއި ޓްރެކް ސަރަހައްދުން ފެންހިއްކުމަށް ސިފައިން ވަނީ ޕަމްޕު ބޭނުންކޮށްފައެވެ.

comment ކޮމެންޓް