11 ރަށަކަށް ފަޔާ ލޮރީ ފޮނުވައިފި

ޖަޕާނު ސަރުކާރުން ހަދިޔާ ކުރި ފަޔާ ވެހިކަލްތައް --

ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔާ ވެހިކަލްތައް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ބެލުމުގެ ދަށުން 11 ރަށެއްގައި ހުރި 14 ފަޔާ ސްޓޭޝަނަށް ފޮނުވާލައިފި އެވެ.

މި 14 ފަޔާ ސްޓޭޝަނަށް ފޮނުވިފައި ވަނީ 24 ވެހިކަލް އަދި ފަސް ލޯންޗެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑާ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާ އިރު ފޯމް ޓެންޑާ ވެހިކަލްގައި 200 ލީޓަރު ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލޭނެ އެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަައް ފޮނުވާފައި ވަނީ ހދ. ކުޅުދުއްފުށި، ޅ.ނައިފަރު، ތިލަފުށި، އދ. މާމިގިލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ލ.ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، އައްޑޫ ހިތަދޫ އަދި އައްޑޫ ސިޓީ ހުޅުމީދޫ އަދި މާލޭ ސަރަހައްދަށެވެ.

ޖަޕާނު ސަރުކާރުން ހަދިޔާ ކުރި ފަޔާ ވެހިކަލްތައް --

ޓެންޑާ އަކާ އެކު އެއް ފޯމް ޓެންޑާ، ލެޑާ ޓްރަކް، އަދި ލޯންޗު ހަވާލު ކުރީ، ހަމައެކަނި ހުޅުމާލެ އަށާއި މާލެއަށެވެ. ތިލަފުއްޓާއި ކުޑަހުވަދޫއަށް ގެންގޮސްފައި ވަނީ އެއް ފޯމް ޓެންޑާ އާއި އެއް ފަޔާ ލޯންޗެވެ. ތިނަދޫއަށް އެއް ޓެންޑާ އެއް ފޯމް ޓެންޑާ އަދި އެއް ފަޔާ ލޯންޗު ގެންގޮސްފައިވެ އެވެ. ކުޅުދުއްފުށި، ކައްދޫ، ހިތަދޫ، އަދި ފުވައްމުލަށް، މި ރަށްރަށް ގެންގޮސްފައި ވަނީ އެއް ޓެންޑާ އާއި އެއް ފޯމް ޓެންޑާ އެވެ. ވިލިމާލެ، ނައިފަރު، މާމިގިލި އަދި ނިލަންދޫ، ހުޅުމީދޫ މި ރަށްރަށަށް ގެންގޮސްފައި ވަނީ އެންމެ ޓެންޑާ އެކެވެ.

ރަށްތަކަށް ގެންދިޔަ މި ވެހިކަލްތަކަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި ވެހިކަލްތަކެކެވެ.

comment ކޮމެންޓް