ރާއްޖެ-އީޔޫ ވިޔަފާރީގެ ވަށްމޭޒު މަޝްވަރާތަކެއް ފަށަނީ

އަބްދުﷲ ޝާހިދު އިޔޫގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށާއި ވިޔަފާރީގެ ދާއިރާގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ވަށްމޭޒު މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދު ފަށާ މި މަޝްވަރާތަކަކީ "އިންވެސްޓިން އިން މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްގެންދާ މަޝްވަރާތަކެކެވެ. މަޝްވަރާތައް ކޯޗެއާ ކޮށްދެއްވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަންގް ލައި މާގް އެވެ.

މިީ އީޔޫއާއެކު ރާއްޖެއިން މިފަދަ މަޝްވަރާތައް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މި މަޝްވަރާތައް ކުރިއަށްގެންދާއިރު ރާއްޖޭގެ އިގްތިސޯދާއި ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ޕްރެޒެންޓޭޝަން ދޭނެ އެވެ. މީގެ އިތުރުން ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭން އަދި ނޭޝަނަނަލް ސްޕޭޝަލް ޕްލޭން އާއި ގުޅޭ ޕްރެޒެންޓޭޝަނެއް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ދޭނެ އެވެ.

މި މަޝްވަރާތަކުގައި މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އީޔޫގެ ގައުމުތަކުގެ ވިޔަފާރިތަކާއި، ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ހުރި އީޔޫގެ ގައުމުތަކުގެ ކުންފުނިތަކުން ބައިވެރިވާނެ އެވެ.

އީޔޫ-ރާއްޖެ ވަށްމޭޒު ވިޔަފާރި މަޝްވަރާތައް ކުރިއަށްގެންދާނެކަން އިއުލާނު ކުރެއްވީ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ ފްރެޑްރިކާ މުގްރީނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މިއީ ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާއި ވިޔަފާތީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ މަޝްވަރާތަކެކެވެ.

comment ކޮމެންޓް