އިންޑިއާ-ޗައިނާ މައްސަލައިގައި ރައީސާއި ނަޝީދު މަޝްވަރާ ކުރަން ގޮވާލައިފި

އިންޑިއާ-ޗައިނާ މައްސަލައިގައި ރައީސާއި ނަޝީދު އެއް މޭޒަކަށް އަންނަންޖެހޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާ އާއި ޗައިނާއާ ގުޅުން ހުރި މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝަރީފް އެފަދައިން ވިދާޅުވީ އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑިއާ އާއި ޗައިނާއާ ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

އެސަމިޓުގައި ނަޝީދު ވަނީ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގާ ފިނި ހަނގުރާމަ (ކޯލްޑް ވޯ)އެއްގެ މެދުގައި ރާއްޖެއިން ތާށިވެ ފިތެން ނޭދޭކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން ރާއްޖެ ދަރަނީގައި ބެއްދުމަށް މަސައްކަތް ކުރާ ކަމަށާއި ކުރީގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް، ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް ގެނައީ ޗައިނާގެ އެއްބާރުލުމާ އެއްކޮށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެވާހަކައާ ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވި ގޮތުގައި ނަޝީދު ވާހަކަ ދައްކަވަނީ މަޖިލީހުގެ ރައީސްގެ އިތުރުން ވެރިކަން ކުރާ ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނެވެ. އެހެންކަމުން ރައީސް ނަޝީދު ދައްކަވާ ވާހަކައަކީ ސަރުކާރުގެ ސިޔާސަތުތައް ކަމަށް އިންޑިއާއާއި އެގައުމުގެ މީޑިއާތަކުން ދެކޭނެކަމަށް ވިދާޅުވިއެވެ.

އަދި ޗައިނާއަކީ އަރަމުން އަންނަ ބާރުގަދަ ގައުމެއް ކަމަށާއި އެގައުމާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާ، ޗައިނާ ރުޅި ނާރުވާވެސް "އިންޑިއާ ފަސްޓް" ސިޔާސަތާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/125330

މީގެ އިތުރުން ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއްކަން އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމަށާއި، ކުރީގެ ސަރުކާރުން އަމަލު ކުރި ގޮތުގެ ސަބަބުން ރާއްޖެއަށް ޗައިނާއާ ދެކޮޅެއް ނުވޭވެނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ޗައިނާގެ އެހީ ބޭނުންވާކަން އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރުމަށް ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް އެއް މޭޒަކަށް ވަޑައިގަތުމަށް ޝަރީފު އެދިލެއްވިއެވެ. އަދި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެމުންދާ ސުޕަޕަވާއެއް ކަމަށްވާ ޗައިނާ ރުޅި އެޅުވުމަކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

https://sun.mv/125301

"ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރަން ރައީސް ސޯލިހާއި ރައީސް ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. އިންޑިއާ އާއި ޗައިނާއަކީވެސް މުހިއްމު ދެ ބައިވެރިން. އަޅުގަނޑުމެންނަށް ދީލަތި އެހީ ދޭ އަދި އަރަމުންދާ އިގުތިސާދީ އަދި އަސްކަރީ ސުޕަޕަވާއެއް ކަމަށްވާ ޗައިނާ ރުޅިގަދަކުރުމަކީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް ނޫން،" ޝަރީފުގެ ޓުވީޓެއްގައިވެ އެވެ.

މީގެ އިތުރުން ޝަރީފް ވަނީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖެއިން އަވަށްޓެރި އިންޑިއާ އާއި ތަރައްގީގެ ބައިވެރިން ކަމަށްވާ ޗައިނާ، ސައުދީ އަރަބިއާ އަދި ޔޫއޭއީއާ އެކުވެސް ގާތް ގުޅުންތައް ބާއްވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އިއްޔެ ދެއްކެވި ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށް ސިފަކުރައްވަމުން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާއާ އިންޑިއާއާ "ޖައްސައި" ގުޅުން ހީނަރުކުރަން އުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ.

"ޗައިނާ-އިންޑިއާ ގުޅުން ވަނީ ޚާރިޖީ ކަމަކަށް ވުރެ ބޮޑުވެ، މުޅި ދުނިޔެއާ ގުޅޭ ސްޓްރެޓީޖިކް ކަމަކަށް ވެފައި،"

ސަފީރު ވިދާޅުވީ ރާއްޖެއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ޗައިނާ އަދި އިންޑިއާއާވެސް ރަނގަޅު ގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުންކަމަށެވެ.

comment ކޮމެންޓް