އިންޑިއާއާ ޗައިނާއާ ދެމެދު އޮތް ގުޅުން ނުތަނަވަސްކޮށް، ދެގައުމު "ޖައްސުވަން" އުޅުމަކީ ބޭކާރު ކަމެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
އިއްޔެ އިންޑިއާގައި އޮތް އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑޯ-ޕެސެފިކް ސަރަހައްދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ސަރަހައްދީ ދެ ވާދަވެރި ބާރު ކަމުގައިވާ ޗައިނާ އަދި އިންޑިއާއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ހުއްޓުމަކަށް ގެނެސް، އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުން، އިދިކޮޅުން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އެ ދުވަސްވަރު އިންޑިއާއާއި ޗައިނާއާ ދެމެދު ކޮންމެވެސް ގޮތަކުން ކުރިމަތިލުމެއް ދިޔަ ކަމަށް، މައުލޫމާތު އެނގޭ ފަރާތްތަކުން އެމަނިކުފާނަށް ހިއްސާކުރިކަމަށް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާގެ އެހީތެރިކަން ހޯދައިގެން ރާއްޖެ ކުރިއަށް ދާން ބޭނުންވާ ކަމަށާއި، ނަމަވެސް ޗައިނާގެ މައްސަލައަކީ ރާއްޖެ އަބަދުވެސް ދަރަންޏެއްގައި ބައްދާލުމަށް ބޭނުންވުންކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ދެއްކެވި ވަހަކަތަކަށް ޓްވިޓާގައި ރައްދު ދެއްވަމުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ނަޝީދު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅުތަކެއް ކަމަށެވެ.
ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.
"ޗައިނާ-އިންޑިއާ ގުޅުން ވަނީ ޚާރިޖީ ދާއިރާއަށް ވުރެ ބޮޑުވެ، މުޅި ދުނިޔެއާ ގުޅޭ ސްޓްރެޓީޖިކް ކަމަކަށް ވެފައި،"
ސަފީރު ވިދާޅުވީ ރާއްޖެއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ޗައިނާ އަދި އިންޑިއާއާވެސް ރަނގަޅު ގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުންކަމަށެވެ.
ޗައިނާއިން ގައުމުތަކަށް ނުފޫޒު ފޯރުވައިގެން ގާނޫނުތަކަށް ބަދަލުގެނެސް، ސިންގަލް ޕާޓީ ރޫލްއަކަށް މަގުފަހިކުރުމުގެ ފިކުރު ގައުމުތަކަށް ފަތުރާކަމަށް ނަޝީދު ވިދާޅުވި އިރު، ޗައިނާ ސަފީރު ޖަންގް ވިދާޅުވީ ޗައިނާއިން އެއްވެސް ގައުމަކަށް ފިކުރު އެކްސްޕޯޓު ނުކުރާ ކަމަށެވެ.
އެހެން ނަމަވެސް ޗައިނާއިން ތަރައްގީ ހޯދަނީ އެހެން ގައުމުތަކާވެސް ގުޅިގެންކަމަށް ވިދާޅުވިއެވެ.
"ރާއްޖެއާ ޗައިނާއިން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދެގައުމަށް ފައިދާ ކުރުވަނިވި ކަންކަން ކުރުމުގައި ރަނގަޅު މިސާލެއް ދައްކުވައިދީފައި،" ސަފީރު ވިދާޅުވިއެވެ.
ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ސަފީރު ޖަންގް ވިދާޅުވީ އެގައުމުން ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ކާމިޔާބުތަކެއް ހޯދާފައި ކަމަށެވެ. އެގޮތުން 800 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކޮށް، 2020 ވަނަ އަހަރު އަންނަންވާއިރަށް އދގެ ސްޓޭންޑަޑުން އެގައުމުން "އެކްސްޓްރީމް ޕަވަޓީ" މުޅިން ނައްތާލެވޭނެ ކަމަށެވެ.
ޗައިނާއިން ގައުމުތަކާ ގުޅުން ގާއިމުކުރަނީ އެގައުމުން ގަބޫލުކުރާ ސުލްހަވެރިކަމުގެ ފަސް އަސާސުގެ މައްޗަށް ބިނާކޮށް ކަމަށާއި، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން ދުވަހަކުވެސް ނުވަންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ނަޝީދު އިއްޔެ ވިދާޅުވީ ސަރަހައްދީ ދެ ބާރު ކަމުގައިވާ އިންޑިއާއާއި ޗައިނާގެ ވާދަވެރިކަމުގެ ދެމެދުގައި ފިތުމަށް ރާއްޖެއިން ނޭދޭ ކަމަށެވެ.