ތޮއްޑޫ ދަނޑުތަކުގެ އުފެއްދުންތައް ރިސޯޓުތަކަށް ގެންދަން އެސްޓީއޯ!

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ރާއްޖޭގެ ރަށްރަށުގެ ދަނޑުތަކުގައި އުފައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި އެސްޓީއޯއިން ސީއެސްއާރުގެ ދަށުން ހާއްސަ ޕައިލެޓް ޕްރޮޖެކްޓެއް އިއުލާނުކޮށްފިއެވެ.

"ގްރޯން އިން މޯލްޑިވްސް"ގެ ނަމުގައި ހިންގަން ނިންމާފައިވާ މި ޕްރޮޖެކްޓު ޕައިލެޓްކުރުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައެވެ. މިކަން އިއުލާނުކުރެވިގެން ދިޔައީ މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގެ ތެރެއިންނެވެ.

އެ ކޮންފަރަންސްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ "ގްރޯން އިން މޯލްޑިވްސް" މަޝްރޫއު ހިންގުމަށް ގަސްތުކުރަނީ މިފްކޯ މަސައްކަތްކުރާ މޮޑެލްއަށް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

"މިފްކޯ ފެށިގެން އައީ މަސްވެރިން ބާނާ މަސް ގަތުމަށްޓަކައި، އެސްޓީއޯގެ ޑިޕާޓްމަންޓެއްގެ ގޮތުގައި، ޕްރީމިއަމް އަގެެއްގައި މަސް ގަންނަން ފޭށީމާ މަސްވެރިކަން ކުރިއަރައިގެން މަސް އޮޑިތައް ބޮޑެތިވެ، ޒަމާނީ އާލާތްތައް އޮޑިފަހަރަށް ލިބިއްޖެ. މިއީ މުޅި އިގްތިސާދަށްވެސް ފައިދާކުރާނެ، ވަރަށް ރަނގަޅު މޮޑެލްއެއް،"

އަމްރު ވިދާޅުވީ ދަނޑުވެރިންނަށް، އެމީހުން އުފައްދާ ތަކެއްޗަށް ލިބޭނެ އަގެއް އަންދާޒާކުރަންވެސް ނޭނގޭ ކަމަށެވެ. އެގޮތުން ދަނޑު ހައްދާ އިރާއި، ހެދޭ ތަކެތި ވިއްކުމަށް މާލެ ފޮނުވާ އިރުވެސް އެތަކެއްޗަށް ލިބޭނެ އަގު އެމީހުންނަށް ނޭނގޭކަމަށް ވިދާޅުވިއެވެ.

"ބޯޓުގެ ކައްޕި އަނބުރާ އައިމަ ނޫނީ ލިބޭނެ އަގެއް ނޭނގެ. ގިނަ ފަހަރަށް ތަކެތި ހައްދަން ހޭދަކުރި ވަރަށް ވުރެ މަދުން ލިބޭނީ،" އަމްރު ވިދާޅުވިއެވެ.

އެހެންކަމުން އެސްޓީއޯއިން ނިންމާފައިވަނީ އަޖުމަ ބެލުމުގެ މަޝްރޫއެއް ގޮތުން، އއ. ތޮއްޑޫގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރަނގަޅު އަގުގައި އެކުންފުންނަށް ގަނެ، އެކުންފުނިން އެތަކެތި ޕެކްކޮށްގެން ރިސޯޓުތަކަށް ސަޕްލައިކުރުމަށެވެ.

"އުންމީދުކުރަނީ ދަނޑުވެރިންނަށް ހަމަ އަގު ލިބި، އަދި ރާއްޖޭގައި ފުޑް ސެކިއުރިޓީ ޔަގީންކުރެވުން. އުންމީދުކުރަނީ މި މަޝްރޫއު ކާމިޔާބުވާނެ ކަމަށް،" އަމްރު ވިދާޅުވިއެވެ.

ޓޫރިޒަމް ކޮންފަރަންސްގައި އެސްޓީއޯގެ ފަރާތުން ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ ބާވަތްތައް ފަހުގެ ތާރީހުގައި ގިނަ އަދަދަކަށް އިމްޕޯޓުކުރަމުން އަންނަ ކަމަށެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި ޓޫރިޒަމް ދާއިރާއިން އަހަރަކު 1.2 މިލިއަން ކިލޯގެ ދަނޑުވެރި ބާވަތްތައް ބޭނުންވާ ކަމަށާއި، އއ. ތޮއްޑޫގައި އަހަރަކު 1.6 މިލިއަން ކިލޯގެ ބާވަތްތައް އުފައްދާކަމަށް ބުންޏެވެ. ތޮއްޑޫގައި އުފައްދާ ތަކެތީގެ އަގު ގާތްގަނޑަކަށް 31 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

comment ކޮމެންޓް