ހުއްދަ އޮތްނަމަ ރުއް ނަގައިގެން ގެންދިއުމަކީ މައްސަލައެއް ނޫން: ޓޫރިޒަމް މިނިސްޓަރ

މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގެ ތިމާވެއްޓާ ބެހޭ ސެޝަންގެ ތެރެއިން -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ޕްރޮޕަޓީތަކުގެ ގޮތުގައި ތަރައްގީކުރާ ތަންތަނުގައި އިންދުމަށްޓަކައި، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރަށްރަށުން ރުއްގަސް ގެންދިއުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓް ޕްރޮޕަޓީގެ ގޮތުގައި ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން ވަނީ ރަށްރަށުގެ އިތުރުން ފަޅުތަކެއްވެސް އެކި ފަރާތްތަކަށް ކުއްޔަށް ދީފަ އެވެ. އެ ފަޅުތައް ހިއްކައިގެން ހަދާ ރަށްރަށުގައި އިންދުމަށް ގަސްގަހާގެހި ހޯދަމުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުން ރަށްރަށުންނެވެ.

"އެމްވީ ޓްރީގްރޭބް"ގެ ނަމުން ސޯޝަލް މީޑިއާގައި މި މައްސަލައަށް ނަން ދީފައިވާ އިރު، ތިމާވެއްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ހިއްކައިގެން ހަދާ ރިސޯޓުތަކަށް ރަށްރަށުން ރުއް ނަގައިގެން ގެންދިއުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ޓޫރިޒަމް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރީގެ ސަރުކާރުން ފަޅުތަކެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ކުއްޔަށް ދޫކޮށްފައިވާ ފަޅެއް ވާނަމަ އެތަނެއް ތަރައްގީކުރަންވެސް އެބަ ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ގަސް ނަގައިގެން ތަންތަނަށް މޫވްކުރެވިދާނެހެން. އެކަމަކު މިކަން ކުރަންޖެހޭނީ އީޕީއޭއާއި އެންވާރަމަންޓް މިނިސްޓްރީގެ ހުއްދައާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

މިކަމުގައި އެއްވެސް ގެއްލުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ރާއްޖޭގައި ގަސް އިތުރުކޮށް، މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދަންވެސް އެބަ ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

"އަޅުގަނޑާ ދިމާވި ގަސް މޫވްކުރަން މިހާރު ބިރުން ތިބި މީހުން. ބިރު ގަންނާނެ ކަމެއް ނެތް. ނަގަންވާ ހުއްދަތައް ނަގައިގެން ތަންކޮޅެއް ގިނައިން ގަސް އިންދަވައިގެން އެކަން ރަނގަޅަށް ކުރީމަ ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ، ރިސޯޓުތަކުގައި އިންދުމަށް ރާއްޖެއިން ބޭރުން ގަސްގަހާގެހި ގެނައުމުގެ ހުއްދައަށް އެދުން ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންނަށް ރާއްޖޭގައިވެސް ނާސަރީތައް ގާއިމުކޮށް ދިވެހިރާއްޖެއަށް ހާއްސަ ގަސްގަހާގެހި ހެއްދޭނެ. މިއިން އަޅުގަނޑުމެންނަށް މަގުފަހިވާނެ ދިވެހިވަންތަ ވެއްޓެއް ގާއިމުކުރުމަށް،" ތިމާވެއްޓާއި ކުނި ނައްތާލުމާއި ހަކަތައިގެ ދާއިރާއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދިޔައީ އޯޑިއަންސްގައި ތިބި އެކި ފަރާތްތަކުގެ ސުވާލާއި ހިޔާލާއި މަޝްވަރާތަކާ ވެސް އެކުގަ އެވެ.

އެގޮތުން އޯޑިއަންސްގައި އިން ފަރާތަކުން، ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުންވާކަމަށް ބުނެ އެފަދަ ޑިވެލޮޕްމަންޓްތަކުގައި ކަނޑުއަޑީގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ ވާނެ ގޮތަކަށް ލިމިޓުކުރުމަށް ގޮވާލި އެވެ.

އެއާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ޓޫރިޒަމް ޑިވެލޮޕްމަންޓަކަށް ފަޅެއް ދޫކޮށްފައި ނުވާނެ ކަމަށާއި، ފަޅުތައް ކުއްޔަށް ދީފައިވާނީ ކުރީގެ ސަރުކާރުން ކަމަށެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ފަޅުތައް ހިއްކައިގެން ހަދާ ރަށްރަށާ މެދު އުފެއްދެނީ ވަރަށް ހަގީގަތާ ހިލާފު ތަސައްވަރެއް ކަމަށެވެ. އަދި ފަޅު ހިއްކައިގެން ޓޫރިސްޓް ޕްރޮޕަޓީ ތަރައްގީކުރާ ފަރާތްތަކުން އެ ސަރަހައްދެއްގެ ކަނޑުއަޑީގެ ދިރުންތަކަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"[ތަނެއް ހިއްކާ މީހާ]، އެ ހިއްކާ ތަންތަނުގެ މެރިން ބަޔޯޑައިވާސިޓީއާ ހުރިހާ އެއްޗަކަށް ކެއާ ކުރޭ އޮފީހުގައި އިންނަވާ މިނިސްޓަރަށްވުރެ ވެސް ބޮޑަށް. އޭނާ އެ ޕްރޮޑަކްޓު ވިއްކައިގެން އެތަނަށް ޓޫރިސްޓުން ގެންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލަށް ހުޅުވާ ރިސޯޓުތަކުގެ އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓާއި ސޯޝިއޯއިކޮނޮމިކް އެސެސްމެންޓު ހެދުމަށް އަންގަވާފައި ކަމަށާއި މިއީ ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއް ކަމަށެވެ.

"ރައީސް ބޭނުންފުޅެއް ނުވޭ މިއިން އެއްވެސް އެސެސްމަންޓެއް ނުހަދާ އެއްވެސް ރަށެއް ވިޔަސް ޓޫރިޒަމަށް ދޫކުރަން. ހުވަދޫ ތަންތަނުގައި ކުރިން އެބަހުރި މަސްވެރިން އެންދަމާ ތަންތަނަށް ދާންދެންވެސް ދޫކޮށްފައި،" ޓޫރިޒަމް ޕްރޮޖެކްޓެއްގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އަދި އިޖްތިމާއީ-އިގްތިސާދީ ގޮތުން ކުރާ އަސަރުތަކުގެ ދިރާސާ ހެދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް