ޕާކިސްތާނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އިންޑިއާގެ ޝާހީ އާއިލާގެ މެމްބަރުންނަށް ކާމިޔާބީ

އިންޑިއާގެ ހައިދަރުއާބާދުގައި އެންމެ ފަހުން ރަސްކަން ކުރެއްވި ނިޒާމް މިރު އުސްމާން އަލީ ޚާން -- ފޮޓޯ: ނިއު އިންޑިއަން އެކްސްޕްރެސް

ލަންޑަން (އޮކްޓޯބަރު 3): އިންޑިއާގެ ކުރީގެ ރަސްކަލެއްގެ ފައިސާއާ ބެހޭ ގޮތުން އޭނާގެ އާއިލާގެ މެމްބަރުން އިނގިރޭސިވިލާތުގެ ކޯޓަކަށް، ޕާކިސްތާނާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އެ އާއިލާއަށް ކާމިޔާބީ ލިބިއްޖެ އެވެ.

އެމައްސަލަ ފެށުނީ 1947ގައި އިންޑިއާ މިނިވަންވި ދުވަސްވަރުގަ އެވެ. އޭރު ހައިދަރުއާބާދުގައި އޮތީ ނިޒާމް މިރު އުސްމާން އަލީ ޚާންގެ ރަސްކަމެވެ. އަދި އޭރު އޭނާ ލަންޑަނުގައި ހުންނަވާ ޕާކިސްތާނުގެ ހައި ކޮމިޝަނަރުގެ ބޭންކް އެކައުންޓަށް އެއް މިލިއަން ޕައުންޑު ޖަމާ ކުރެއްވި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މީގެ ކުރިން ހޯދި ނިޒާމް އަލީ ޚާން އާއި އޭނާގެ އާއިލާއަކީ މުސްލިމުންނެވެ. އަދި އޭރު އެ އާއިލާއިން ހައިދަރުއާބާދު އިންޑިއާގެ ބަޔަކަށް ހަދަން ދެކޮޅު ހެދި އެވެ. ނަމަވެސް 1948ގައި އިންޑިއާގެ އަސްކަރީ އޮޕަރޭޝަނަކަށް ފަހު އެގައުމުގެ ބަޔަކަށް ހައިދަރުއާބާދު ހެދި އެވެ.

އޭގެ ފަހުން ޕާކިސްތާނުގެ ހައި ކޮމިޝަނަރުގެ ބޭންކް އެކައުންޓަށް ފޮނުވި ފައިސާ ނިޒާމް އަލީ ޚާނާ އަނބުރާ ހަވާލު ކުރަން އޭނާ އެނދުނު ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. ނަމަވެސް ޕާކިސްތާނުން އެކަމަށް ދެކޮޅު ހެދި އެވެ.

އެހެންކަމުން އެފައިސާ ޖަމާކޮށްފައިވާ އިނގިރޭސިވިލާތުގެ ނެޝަނަލް ވެސްޓްމިންސްޓާ ބޭންކުން ނިންމީ އެ ފައިސާއާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން، ފައިސާ ދޫނުކުރުމަށެވެ. އޭގެ ފަހުން އެފައިސާގެ އިންޓްރެސްޓު އިތުރުވެ، އެއް މިލިއަން ޕައުންޑު ވަނީ 35 މިލިއަން ޕައުންޑަށް (42 މިލިއަން ޑަލަރު) އިތުރުވެފަ އެވެ.

ލަންޑަނުގެ ހައި ކޯޓަށް އެމައްސަލަ ހުށަހެޅީ 1957ގަ އެވެ. އަދި އޭރު އެމައްސަލާގައި ޕާކިސްތާނުން ސޮވެރިން އިމިއުނިޓީ ހޯދުމުން، އެމައްސަލައިގެ ޝަރީއަތް އޭރު ހުއްޓުމަކަށްއައެވެ.

ނަމަވެސް 2013 ވަނަ އަހަރު ޕާކިސްތާނުން އެފައިސާ ހޯދުމުގެ މަސައްކަތް އަނެއްކާ ވެސް ފެށި އެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި އެ ފައިސާއަކީ ނިޒާމް އަލީ ޚާން، ހައިދަރުއާބާދު ދިފާއު ކުރުމަށް ހަތިޔާރު ގަތުމަށް ޕާކިސްތާނަށް ދިން ފައިސާ އެވެ. ނަމަވެސް ނިޒާމްގެ ދިރި ތިބި އާއިލާ މެމްބަރުން ވަނީ އެފައިސާ އޭރު ފޮނުވީ، ފައިސާ ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް ކަމަށް ބުނެފަ އެވެ.

އެމައްސަލާގައި އިއްޔެ ލަންޑަނުގެ ކޯޓުން ނިންމީ އެފައިސާ ޖަމާ ކުރީ ޕާކިސްތާނުގެ ހައި ކޮމިޝަނަރުގެ ބޭންކް އެކައުންޓަށް ކަމަށްވީ ނަމަވެސް، އެއީ ނިޒާމްގެ ފައިސާކަން ސާބިތުވާ ކަމަށެވެ.

އެމައްސަލަ ކޯޓަށް ހުށަހެޅުމުގައި ނިޒާމްގެ އާއިލާގެ އިތުރުން އިންޑިއާގެ ދައުލަތުން ވެސް ބައިވެރިވުމުން، އެފައިސާގެ ބަޔެއް އެގައުމުގެ ސަރުކާރަށް ވެސް ލިބޭނެ އެވެ. އަދި އެދެ ފަރާތުން ވަނީ ފައިސާ ބަހާނެ ގޮތަކާ ބެހޭ ގޮތުން މިދިޔަ އަހަރު އެއްބަސްވުމެއް ހަދައިފަ އެވެ.

comment ކޮމެންޓް