ކޯޓުގައި ކޯޓާ ރަޖިސްޓްރީ ކުރުމުން ލިބޭ ފައިދާއަކީ ކޮބާ؟

އިކޮނޮމިކް މިނިސްޓްރީ އޮފީސް ކައިރީގައި ބިދޭސީންތަކެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބިދޭސީން ރާއްޖެ އަށް ގެނައުން މަދު ކުރުމަށް ޓަކައި ސަރުކާރުން އަޅާ ފިޔަވަަޅުތަކުގެ ތެރޭގައި ކޯޓުގައި ކޯޓާ ރަޖިސްޓުރީ ކުރުން ވެސް ހިމެނެ އެވެ. ތަފާތު މަސައްކަތްތަކަށް ކުންފުނިތަކުން ގެންނަން ބޭނުން ވާ މަސައްކަތު މީހުންގެ އަދަދު ކަނޑައެޅުމުގަ އެވެ. ނޫސްތަކުގައި ކަމާ ބެހޭ އޮފީހާ ހަވާލާ ދީފައި ބުނެފައި ވަނީ ކޯޓާ ދޫކުރުމުގައި، ކޯޓުގައި ރަޖިސްޓުރީ ކުރަން ޖެހޭނެ ގޮތަށް ހަމަޖައްސަނީ، ޤަވައިދާ ޚިލާފަށް އަންނަ ބިދޭސިން ހުއްޓުވުމަށް ކަމުގައި ވެސްވެ އެވެ. އަވަހަށް ވިޔަފާރިވެރިން ނަށް ކޯޓާ ދޫކުރުމުގައި ބައެއް ފަހަރު ރިޒޯސަސް ނެތުމުގެ ސަބަބުން ބޭނުންވާ ވަރަށް ނުބެލޭ ކަމުގައިވެ އެވެ. މިހެންވުމާ އެކު ކުރިއަށް އޮތްތާގައި ކޯޓާ ދޫކުރާ އިރު ކޯޓުގައި ރަޖިސްޓުރީ ކުރާނެ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

މި ބަޔާނުން ދޭހަވަނީ ކޯޓަކީ ރިޒޯސަސް އޮތްތަނަކަށް ވުމާ އެކު އެ ތަނުން ކޯޓާ ރަޖިސްޓުރީ ކޮށްދޭނީ ރަނގަޅަށް ބަލާފަ އެވެ. އަދި ވަރަށް އަވަހަށެވެ. ކޯޓަކީ މިހާރު ވެރިކަން ކުރާ މައި ޕާޓީން ވަރަށް އިތުބާރު ކުރާ ތަނަކަށް ވެފައި، ވިޔަފާރިވެރިންގެ ވެސް އަދި އެހެން އެއްވެސް ފަރާތެއްގެ ވެސް ނުފޫޒެއް ނުފޯރާނެ ތަނަކަށް ވާނެތީވެ ކަމުގައި ވެސް ވެދާނެ އެވެ.

ކޯޓުތަށް ހިންގާ ގޮތާ މެދު ބަސްކިޔާ މުއައްސަސާއެއް ކަމުގައިވާ ޖޫޑިޝަލްސަރވިސް ކޮމިޝަނުން ޢާއްމު ކޮށްފައިވާ މަޢުލޫމާތެއްގައިވާ ގޮތުގައި ކޯޓުތަކުގައި ނުނިމި ހުރި، ގިނަ ދުވަސްތަކެއް ވެފައި ހުރި ބައިވަރު މައްސަލަތައް އެބަހުއްޓެވެ. ބައެއް ފަނޑިޔާރުންގެ އަތްޕުޅުގައި އެތައް ސަތޭކަ މައްސަލަތަކެއް އެބަހުއްޓެވެ. މައްސަލަތައް ނުބެލި ހުރީ މަޤްބޫލު ސަބަބުތަކާ ހުރެ ކަމުގައި ވެސް ވެދާނެ އެވެ. ކޯޓުތަކަށް މަސައްކަތްތައް އަވަސް ކުރުމަށް ބޭނުންވާ ވަރަށް ރިޒޯސަސް ނުލިބެނީ ކަމުގައި ވެސް ވެދާނެ އެވެ. މިހާރު އަމިއްލަ ފަރާތްތަކުގެ އެއްބަސްވުންތައް ކޯޓުގައި ރަޖިސްޓުރީ ކުރާ ގޮތަށް، ވިޔަފާރިވެރިން މަސައްކަތު މީހުން ގެނައުމުގެ ކޯޓާ، ކޯޓުގައި ރަޖިސްޓުރީ ކުރުމާއި ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުން މަދު ކުރުވުމާ ހުރި ގުޅުމެއް ދެނެގަންނަން އުނދަގުލެވެ. ކަމާ ބެހޭ އޮފީހުން ހާމަ ކުރި ގޮތަށް "ބޭނުންވާ ވަރަށް ބަލާފައި" ކޯޓުން ކޯޓާ ރަޖިސްޓުރީ ކޮށްދޭ ނަމަ އެކަމަށް ވަރަށް ވަގުތު ނަގާނެ އެވެ. ލަސް ވެއްޖެ ނަމަ ހުރިހާ ފާޑު ކިއުމެއް އަންނާނީ ކޯޓަށެވެ. ހުއްދަ ދޫކުރުމުގެ ޒިއްމާ ނަގަން ޖެހޭ އޮފީހުން ބޯޅަ ފޮނުވާލާނީ ކޯޓަށެވެ. "ކޯޓުގައި ރަޖިސްޓުރީ ކުރެވުނު ހާ އަވަހަކަށް ހުއްދަ ދޫކުރެވޭނެ އެވެ."

ކޯޓުތަކަކީ މިހާރު ވެސް ވަރަށް ބުރަ ކޮށް މަސައްކަތް ކުރާ ތަންތަނެވެ. އެ ތަނުން ޢާޢްމުކޮށް ކުރަން ނުޖެހޭ މަސައްކަތެއްގެ އިތުރު މަސައްކަތެއް ކުރުމަށް ކޯޓާ ހަވާލު ކުރުމަކީ އެ ކޯޓަށް ހުށައެޅިފައި ހުންނަ މަދަނީ މައްސަލަތަކަށް ވަގުތުދިނުމަށް ދަތި ކަމަކަށް ވެދާނެ އެވެ.

އަންނަ އަހަރުން ފެށިގެން ކޯޓާ ފީ އެއްގެ ގޮތުގައި ދެހާސް ރުފިޔާ ދެއްކުމުން ދައުލަތުގެ އާމްދަނީ އިތުރުވެދާނެ އެވެ. އަދި ވަރކްޕަރމިޓް ފީއެއްގެ ގޮތުގައި މިހާރު މަހަކަށް ދައްކާ 250 ރުފިޔާ އިން 350 ރުފިޔާ އަށް ބޮޑު ކުރުމުން ވެސް ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ އެވެ. ކޯޓާގެ ފީ ބޮޑު ކުރުމާއި ވަރކް ޕަރމިޓްގެ ފީ ބޮޑު ކުރުމާއި ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ މީހުން މަދު ކުރުމާ މެދު ހުރި ގުޅުމެއް ވެސް ހޯދަން އުނދަގުލެވެ.

ކަމާ ބެހޭ އޮފީހުން އިޢްލާނު ކޮށްފައިވާ ފިޔަވަޅުތައް އަޅައިގެން ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސިން މަދު ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. އިޢްލާނު ކޮށްފައިވާ ފިޔަވަޅުތަކަކީ ބިދޭސީ މަސައްކަތު މީހުން ގެންނަން ބޭނުންވާ ފަރާތްތަކުން އިތުރަށް ފައިސާ ނެގުމުގެ ފިޔަވަޅެކެވެ. އަދި އެ މީހުންނަށް ހުއްދަ ހޯދުމުގެ ރާސްތާ ދިގު ކުރުމުގެ ފިޔަވަޅެކެވެ. އެ ފަރާތްތަކުގެ ނަޒަރުން ބަލާ ނަމަ އިތުރު ހުރަސްތަކާއި އިތުރު ހޭދައެއް ކުރަން ޖެހޭ ނޭ ފިޔަވަޅެ ކެވެ. ބިދޭސީން މަސައްކަތަށް ގެންނަ މީހުން ގެންނަނީ ގެންނަ ހިތަކުން ނެއް ނޫނެވެ. އެހެން ގޮތެއް ނެތިގެން ނެވެ. ބައެއް މަސައްކަތްތައް ކުރަން ދިވެހިން ނުލިބޭތީވެ އެވެ. ހާލަތު މަޖުބޫރު ކޮށްގެން ނެވެ. ބިދޭސިއަކު މަސައްކަތް ކުރުމަށް ދޭ މުސާރަ އާއި އެމީހެއްގެ ކެއުމާއި ހުރުމުގެ ޚަރަދާ އި، ވިސާ ފީ އާއި، ކޯޓާ ފީ އާއި ދެކޮޅު ޓިކެޓްގެ ފައިސާ އާއި އަދި ކުޑަ ފައިސާކޮޅެއް މުސާރަ އަށް އިތުރު ކޮށްގެން ވެސް ދިވެހިން މަސައްކަތަށް ނުލިބެ އެވެ. ދިވެހިން ކޮންމެހެން ވެސް މަސައްކަތުގައި ގެންގުޅެން ބޭނުންވާ މީހަކު، ކުރިން މި ދެންނެވުނު ބައިތައް މަހު މުސާރާގައި ޝާމިލު ކުރުމުގެ އިތުރުން މަސައްކަތުގައި ދެމިހުންނަ ކޮންމެ އަހަރަކު އޭނާ އަށް ދޭ މުސާރައިގެ ފަސް ޕަރސެންޓު އިތުރު ކޮށްގެން ވެސް ދިވެހިން ނުލިބޭ ކަމުގައިވެ އެވެ. މިހެންވުމާ އެކު މަސައްކަތް ކުރުމަށް މީހުން ހޯދަން ހާލަތު މަޖުބޫރު ކުރާ މީހުން ކޮންމެ ޚަރަދެއް ކޮށްގެން ވެސް ބިދޭސީން ގެންނާނެ އެވެ.

ކަމާ ބެހޭ އޮފީހުން، ބިދޭސީ މަސައްކަތު މީހުން ގެނައުމަށް ދައްކަން ޖެހޭ ވީސާ ފީ އާއި ކޯޓާ ފީ ވެސް އިތުރު ކުރެވިދާނެ އެވެ. ސިކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ނަގާ ފައިސާ ވެސް އިތުރު ކުރެވިދާނެ އެވެ. ފީ ބޮޑު ކުރުމާއި، ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ހުރި ގުޅުމެއް ދެނެގަންނަން އަޅުގަނޑުމެން ނުކުޅެދެ އެވެ. ރާއްޖެ އަކީ ބިން ބޮޑު ސަރަހައްދަކާއި ބިމުގެ ގޮތުން ގުޅިފައި އޮތް ޤައުމެއް ނޫނެވެ. ރާއްޖެ އަށް މީހުންނަށް އެތެރެވެ ވޭނީ ކަނޑު މަގުން ނުވަތަ ވައިގެ މަގުން ނެވެ. ވައިގެ މަގުން އެތެރެ ވާ މީހުން ނަށް އެތެރެ ވެވޭނީ އެއަރޕޯޓުގެ އިމިގްރޭޝަނުގެ ތެރެއިން ނެވެ. ކަނޑުމަގުން އަންނަ ބޯޓުފަހަރު ބަނދަރު ކުރުމާ އެކު މީރުބަހުރު އެ ބޯޓުތަކަށް އަރައެވެ. އަދި އިމިގްރޭޝަނާއި ސަލާމަތީ ބާރުތަކުން ބޯޓާއި ބޯޓުން އަންނަ މީހުންނާއި ބެހޭ ޤާނޫނީ ރަސްމީ ކަންތައްތައް ނިންމަ އެވެ. ކުރިން މި ދެންނެވުނު ދެ ދޮރޯށީގެ ތެރެއިން ޤާނޫނާއި ޚިލާފަށް ބިދޭސީން އެތެރެ ވާނަމަ އެކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ނެވެ. މީގައި ވިސާފީގެ މައްސަލަ އެއް ނެތެވެ. ބައެއް ކުންފުނިތަކުން މަސައްކަތަށް ގެންނަ މީހުން، އެ ކުންފުނިތަކުން ތަފާތު ސަބަބުތަކާ ހުރެ ދޫކޮށްލިއަސް، އެ މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ނުކުރާ ނަމަ އެމީހުންގެ ކަންތައްތައް ބަލަހައްޓާ އޮފީހަށް އެކަން އެނގެން ވާނެ އެވެ. ފިޔަވަޅު އަޅަން ވާނެ އެވެ. ހޯދަން ކުރެވެން އޮތް މަސައްކަތެއް ކުރަން ވާނެ އެވެ. "ޤަވައިދާ ޚިލާފަށް އުޅޭ ....ގެ ނޫރައްދީނު އަބޫބަކުރު ތިން ދުވަހުގެ ތެރޭގައި މިތަނަށް ޙާޒިރު ވުމަށް އަންގަން" އިޢްލާނު ކުރުމަކީ، ނަމަކަށް ކަމެއް ކުރުމެވެ. ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އޮފީސްތަކުން ކަންތައް ކުރަނީ، ދޯނި ބާލަން ވަލުގައި ހިފަން އަތޮޅުވެރިން އެންގެވީމާ ކަންތައް ކުރާ ގޮތަށެވެ. އަތޮޅުވެރިން އެންގެވީ ވަލުގައި ހިފާށެވެ. ބާރު ލާކަށެއް ނޫނެވެ. ކުޑަ ކުޑަ ޤަވައިދަކުން ޤަވައިދާ ޚިލާފަށް އުޅޭ ހުރިހާ މީހުން އަވަހަށް ނޫނީ ލަހުން ދަލުގައި ޖެހޭނެ އެވެ. އަތޮޅުތަކަށް ނުވަތަ ރަށް ރަށަށް މަސައްކަތަށްދާ ބިދޭސީން އެ ތަނަކަށް ދިއުމާ އެކު ކައުންސިލް އޮފީހުގައި ރަޖިސްޓުރީ ކުރެވޭ ގޮތަށް ހަމަޖައްސައިގެން ނެވެ. އެ އިރުން ދެވަނަ އޮފީހަކުން ވެސް އެ މީހުންގެ ވިސާގެ މުއްދަތު ބެލޭނެ އެވެ. ބިދޭސީންގެ ކަންތައްތައް ބަލަހައްޓަން ހަވާލު ކުރެވިފައިވާ އޮފީސްތަކުގެ ވެރިންނަށް އެ މީހުންނާ ހަވާލު ކުރެވިފައި އޮތް މަސައްކަތް ނުކުރެވިގެން އެ މީހުންގެ މަޤާމުން އިސްތިޢުފާ ދިނުމަކީ އަޅުގަނޑުމެން ޝަޢުޤުވެރިވާ ކަމެއް ނޫނެވެ. އަދި އެ މީހުންގެ ވެރިން އެ މީހުންނަށް އެ މަސައްކަތް ނުކުރެވިގެން ވަޒީފާ އިން ދުރުކުރުމަކީ ވެސް އަޅުގަނޑުމެން އަހުމިއްޔަތުކަންދޭ ކަމެއް ނޫނެވެ. ހުސްވާ ޖާގަ އަށް އަޙްމަދު ނެތިއްޔާ އިބްރާހިމް އަންނާނެ އެވެ. ނޫން ނަމަ ތުއްތުކަލޯ އަންނާނެ އެވެ. އަޅުގަނޑުމެން ޝަޢުޤުވެރި ވަނީ ކުރަން އޮންނަ ގޮތަށް މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް