ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފި

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: އޭނާ ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް --

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި ކަމަށް ބުނާ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދެ އިންޓެލް ފުލުހުން ވަޒީފާއިން ވަކިކޮށްފި އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު އާއި އިބްރާހިމް ރިއްފަތު އަށެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ދެ މީހުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ. އަދި ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން ވެސް ދެ ފުލުހުން މަސައްކަތް ކުރި ކަމަށް އެ ރިޕޯޓުގައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޖިނާހުއާއި ރިއްފަތު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ދެ މީހުން ވަޒީފާއިން ވަކި ކުރީ ރިލްވާންގެ މައްސަލައިގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ ދެމީހުން ވަޒީފާއިން ވަކި ކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާތަކެއް ނެގި މައްސަލައަކާ ގުޅިގެންނެވެ.

މަރު ކޮމިޝަނުގެ ރިޕޯޓު އާންމު ކުރުުން، އެ ދެ ފުލުހުން ވަޒީފާގެ މަސްއޫލިިއްޔަތުތަކުން ދުރު ކުރިއެވެ. އަދި ރިލްވާންގެ މައްސަލައިގައި އެ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަނައިބު ފުލުހުންނަށް އެންގެވި އެވެ. ނަމަވެސް، އެ ދެ ފުލުހުން ހައްޔަރުކޮށްފައި ނުވެއެވެ. އެއީ އެ މީހުން ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދެވޭނީ މަރު ކޮމިޝަނަށް ކަމުންނެވެ.

ޖިނާހު އާއި ރިއްފަތުގެ އިތުރުން ރިލްވާންގެ މައްސަލައިގައި އިތުރު ތިން ފުލުހަކަށާއި ސިފައިންގެ މީހަަކަށްވެސް ތުހުމަތު ކުރެވެއެވެ. އެ މީހުންގެ މައްސަލަ ބަލަންވެސް ބަންޑާރަނައިބު ވަނީ އަންގަވައިފައެވެ.

ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރަން ހަފްތާއެއްގެ ތެރޭގައި ފޮނުވާނެ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެކަމަކު، އަދިވެސް އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ނުވެއެވެ.

comment ކޮމެންޓް