ރައީސް ސޯލިހު ގުދުސަށް ވަޑައިގަތުމުގެ ދައުވަތު ދެއްވައިފި

ފަލަސްތީނު ރައީސްގެ މަންދޫބު ރައީސް ސޯލިހުގެ އަރިހަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަލަސްތީނުގެ ގުދުސްއަށް ވަޑައިގަތުމުގެ ދައުވަތު، އެގައުމުން ދެއްވައިފިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ޚާއްސަ މަންދޫބު އަދި މުސްތަޝާރު ޑރ. މަހުމޫދު އަލް ހައްބާޝް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައީސްގެ ޚާއްސަ ސިޓީފުޅަކާއި، ފަސޭހަފުޅު ވަގުތެއްގައި ގުދުސްއަށް ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ރައީސް ސޯލިހަށް އެރުވިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި ރައީސް މަހުމޫދު އައްބާސްގެ ފަރާތުން މަންދޫބު ޑރ. އަލް ހައްބާޝް ވަނީ ރައީސް ސޯލިހަށާއި ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް ސޯލިހުވެސް ވަނީ ފަލަސްތީނުގެ ރައީސަށާއި ބޮޑުވަޒީރަށް އަދި އެގައުމުގެ ރައްޔިތުންނަށް ހެޔޮ ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުަގއި ޑރ. މަހުމޫދު ވަނީ ދާދި ފަހުން އދގެ އާންމު މަޖިލީހުގައި ރައީސް ސޯލިހު ކުރެއްވި ތަގުރީރުގައި ފަލަސްތީނާ އެއްކޮޅަށް ދެއްކެވި ވާހަކަފުޅުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

https://sun.mv/124829

އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ވިސްނުން ބަދަލުނުވާނެކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަމަށް ވިދާޅުވިއެވެ. އަދި އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރުބިނާކުރުމަށް އިސްރާއިލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ސޯލިހަށް ހިއްސާކުރައްވަމުން، ޑރ. މަހުމޫދު ވިދާޅުވީ މިއީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އޮތް ހުރަހެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުކޮށް، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނީ 1967 ގައި އދއިން ކަނޑައެޅި ބޯޑަރުތަކަށް އަމަލުކޮށް، އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އަދި ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވިއެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

comment ކޮމެންޓް