ކުޑަ އަންހެން ކުދިންތަކެއް މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަނީ

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ ސްކްރީންޝޮޓެއް --

ރޭ ރަސްފަންނު ސަރަހައްދުގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މާރާމާރީގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު މާރާމާރީ ހިނގާފައި ވަނީ ތިން އަންހެން ކުދީންގެ މެދުގައެވެ.

ފުލުހުން ބުނީ ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ވީޑިއޯގައި ފެންނަނީ ދެ އަންހެން ކުދިން ވެގެން އިތުރު އަންހެން ކުއްޖަކަށް ހަމަލާ ދޭ މަންޒަރެވެ. އެކުއްޖާގެ އިސްތަށިގަނޑުގައި ހިފައި ބިންމައްޗަށް ވައްޓާލައި ކޮޅުފައިން ވެސް ޖަހައެވެ.

މާރާމާރީ ހުއްޓުވަން ދެ ފިރިހެން ކުއްޖަކު މަސައްކަތް ކުރާތަން ވެސް ވީޑިއޯއިން ފެނެއެވެ.

މީގެ ކުރިން ކުޑަ އަންހެން ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރުކޮށް މައްސަލަ ބަލައިފައިވެއެވެ.

ވައިރަލްވި ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، މާރާމާރީ ހިންގާ މަންޒަރެވެ. އެގޮތުން އަންހެން ކުއްޖާގެ މޫނު މަތީގައި ޖަހައި "އޮރިޔާން ކުރާނެ" ކަމުގެ އިންޒާރު ދިނެވެ.

comment ކޮމެންޓް