ތިން ސަރަހައްދެއްގައި ޕާކު ކުރާނަމަ އުޅަނދު ޓޯ ކުރަނީ

މާލޭގެ މަގުމަތި -- ސަން ފޮޓޯ

މާލޭގެ ތިން ސަރަހައްދެއްގައި ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރާ މައްސަލަ ބޮޑުވެ އެ ތަންތަނުގައި ޕާކު ކުރާ އުޅަނދު ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ޓްރެފިކް ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު މެހެލީ ގޯޅި ގުޅޭ ހިސާބު، އެމްޓީސީސީ ފެރީ ޓާމިނަލް ކުރިމަތިން ފެށިގެން ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދާއި އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ހުންނަ ސަރަހައްދު އަދި ކަނބާއައިސާ ރަނިހިނގުން އައިޖީއެމްއެޗު ކައިރީ ގަވައިދާ ހިލާފަށް ޕާކު ކުރުން އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

މި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށާއި އެނޫން ސަރަހައްދުތަކުގައިވެސް ގަވައިދާ ހިލާފަށް އުޅަނދު ޕާކު ކުރާނަމަ އެ އުޅަނދެއް ޓޯ ކުރާނެ ކަމަށް ޓްރެފިކް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާ 76 އުޅަނދެއް ޓޯ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާއިރު އިއްޔެ ވެސް 15 އުޅަނދެއް ޓޯކޮށް އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

comment ކޮމެންޓް