ބާވެ، ނުރައްކާވާތީ ހާޖަރާގެ ތަޅާލާނޭ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފި

މާލެ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާރުގެ ތެރެގައި ހިމެނޭ ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީ އިންް އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ 9:00 އަށް ހައުސިން މިނިސްޓްރީ އަށް ގޮސް މައުލޫމާތު ސާފު ކުރުމަށް ފަހު އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ 1:00 އަށް ބިޑު ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެ މަސައްކަތަށް ހުށަހަޅާ އަގު 250،000 ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑްސެކިޔުރިޓީގެ ގޮތުގައި 2500 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ޕާފޯމެންސް ބޭންކް ގެރެންޓިއެއްގެ ގޮތުގައި، ހުށަހަޅާ ޖުމްލަ އަގުގެ ހަތް ޕަސެންޓް ބިޑް އެވޯޑުވާ ފަރާތުން ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ހެންވޭރު ހާޖަރާ ގެޔަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއްގެ ދަށުން ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނަގާފައިވާ ތަނެއް ކަމަށެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މާލެއިން ފާހަގަވެފައިވާ ބާވެ، ދުވަސްވެފައިވާ 11 އިމާރާތެއްގެ އެސެސްމެންޓު ހަދައި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ އާންމު ރައްޔިތުންގެ އިމާރާތްތަކަށްވުމުން، އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލު މެދުވެރިވެގެން ގެތަކުގެ ވެރިންނާ ވާހަކަދައްކާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ޕްލޭނިން ވަނީ ބުނެފަ އެވެ.

ބާވެ، ބަލިކަށިވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ އަމިއްލަ ފަރާތްތަކުގެ 11ގެ އަކީ:

ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ހާޖަރާގެ، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ

comment ކޮމެންޓް