ފަލަސްތީނުގެ ރައީސްގެ ޚާއްސަ ސިޓީފުޅަކާއެކު މަންދޫބެއް އަތުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފޮނުއްވި ޚާއްސަ ސިޓީފުޅަކާއެކު އެމަނިކުފާނުގެ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުސްތަޝާރު ޑރ. މަހުމޫދު އަލް ހަބަޝް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑރ. މަހުމޫދު އަލް ހަބަޝްއާ މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.

ރައީސް އޮފީހުން ބުނީ ޑރ. އަލް ހަބަޝް ރާއްޖެ ވަޑައިގަތީ ފަލަސްތީނުގެ ރައީސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅަކާއެކުގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ނިމިދިޔަ އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިވެހިރާއްޖެއާއި ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިވެސް ކުރެއްވިއެވެ.

https://sun.mv/124829

"އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ގަރާރުތަކަށް ގޮންޖަހައި، އަދި މީގެ ކަން ނުކުރާހާ ހަރުކަށިކޮށް ފަލަސްތީނުގެ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން،" ރައީސް ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އިސްރާއީލާއި އަރަބި ދުނިޔޭގެ ގައުމުތަކާ މެދު މަޝްވަރާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އެއްބަސްވެވިގެން ކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށާއި އެ ނަތީޖާ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އދއާއި އދގެ މެމްބަރު ގައުމުތަކަށް ރައީސް ގޮވާލެއްވިއެވެ.

comment ކޮމެންޓް