އިމްޕޯޓް އަދި އެކްސްޕޯޓު ދަށްވެ، އާމްދަނީވެސް ދަށަށް!

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

ކުރީ އަހަރުގެ އޯގަސްޓު މަހާ އަޅާބަލާއިރު މި އަހަރުގެ އޯގަސްޓު މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އަދި ރާއްޖެ އިން މުދާ ބޭރު ކުރި މިންވަރު ދަށްވެ، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޯގަސްޓު މަހު 3.3 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ. އޭގެ ކުރިން، 2018 ވަނަ އަހަރުގެ އޯގަސްޓު މަހު 4.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އެކްސްޕޯޓަށް ބަލައިލާއިރު، މިދިޔަ އަހަރުގެ އޯގަސްޓު މަހު ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގު 258 މިލިއަނަށް އަރަ އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައި ވަނީ 255 މިލިއަން ރުފިޔާގެ މުދަލެވެ.

އެހެންކަމުން ހުސްވި އޯގަސްޓު މަހު އިމްޕޯޓު އަދި އެކްސްޕޯޓު ވެސް ވަނީ 22 ޕަސެންޓު ދަށްވެފަ އެވެ.

އިމްޕޯޓު އަދި އެކްސްޕޯޓު ދަށްވެ، މި އަހަރުގެ އޯގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ދައުލަތަށް 301 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރު ލިބުނީ 262 މިލިއަން ރުފިޔާ އެވެ. މިއީ 13 ޕަސެންޓުގެ ދަށްވުމެކެވެ.

ހުސްވި އޯގަސްޓު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެ ގައުމުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޔޫއޭއީ އިން 460 މިލިއަން އަދި ޗައިނާއިން 453 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކް ސާމާނުތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 18 ޕަސެންޓެވެ. އެގޮތުން 592 މިލިއަން ރުފިޔާގެ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކް ސާމާނު މިދިޔަ މަހު އެކަނި ރާއްޖެ އެތެރެކުރި އެވެ.

މިދިޔަ މަހު 584 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައި ވާއިރު، 387 މިލިއަން ރުފިޔާގެ ތެލުގެ ބާވަތް ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ އެމެރިކާއަށެވެ. ދެވަނަ އަށް އިނގެރޭސި ވިލާތް އަދި ތިންވަނަ އަށް ފަރަންސޭސިވިލާތަށެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ 23 ޕަސެންޓަކީ ކަޅުބިލަ މަހެވެ. އެގޮތުން އެކްސްޕޯޓު ކުރި ކަޅުބިލަ މަހުގެ އަގަކީ 25 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް