ތިން ވަނަ ކުރިމަތިލުމުގައި ނިލަންދޫ އަތުން ފޯކައިދޫ ބަދަލު ހިފައިފި

ދިވެހި ލީގުގައި ފޯކައިދޫ ކުޅުނު މެޗެއްގެ ތެރެއިން: މިރޭ ފޯކައިދޫއާއި ނިލަންދޫ ކުޅުނު މެޗުން ފޯކައިދޫ ވަނީ 1-2ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. --- ފޮޓޯ// އެފްއޭއެމް.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ނިލަންދުއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބަލިވި ފޯކައިދޫން ކުޅުނު ތިންވަނަ މެޗުގައި މިރޭ އެ ޓީމުން ނިލަންދޫގެ މައްޗަށް ކުރި ހޯދައިފި އެވެ.

އެންމެ ފަހުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕްކަން ހޯދި ފޯކައިދުއާއި ނިލަންދޫ އަކީ ދިވެހި ލީގުގައި ވާދަވެރި ދެ ޓީމެވެ. އެ ދެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިލަންދޫ ކާމިޔާބު ކުރި އިރު މިރޭ ކުޅުނު މެޗު ފޯކައިދޫން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މޮޅާ އެކު ކުޅުނު ނުވަ މެޗުން ލިބުނު 12 ޕޮއިންޓާ އެކު ފޯކައިދޫ ތާވަލުގެ ހަވަނައިގައި އޮތް އިރު މެޗުން ބަލިވި ނިލަންދޫ އަށް ލިބުނު ހަ ޕޮއިންޓާ އެކު އޮތީ ތާވަލުގެ ފުލުން ދެވަނައިގަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗު ނިމުމަަށްފަހު ވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. އަދި މައްސަލަ ހޫނުވެ އެންމެ ފަހުން ފުލުހުން ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހުއްޓުވާފަ އެވެ. މިރޭގެ އެ މެޗު ހޫނުވާން ދިމާވި ސަބަބަކީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ދެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމެވެ. އެއާ އެކު ކޮންމެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ނަމަވެސް މާ ބޮޑު ވަރު ނުވަނީސް އެކަން ވަނީ ސުލްހަ ކޮށްފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ފޯކައިދޫންނެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނަޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލް އެލިބެޒްވީ އެ ގޯލު ޖެހީ ފޯކައިދޫ ކުޅުންތެރިޔަކު ބޮލުން ޖެހި ބޯޅައަށް ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުންނެވެ.

ފޯކައިދޫގެ ގޯލާއެކު ނިލަންދޫން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނިލަންދޫން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ނިލަންދޫ ޓީމުގެ މުހައްމަދު ސާޖިދު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ރިފްލެކްޓް ވުމުން ކިންގްސްލީ ޗުކްވުޑީ އެވެ.

ފޯކައިދޫން މެޗުގެ ލީޑު އަނބުރާ ނެގީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ފޯވާޑް މުސްތަފާ މުހައްމަދު ސަދީކްއަށް ކިންގްސްލީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ގޯލަށް އަމާޒުކޮށްލީ ވެސް މުސްތަފާ އެވެ.

comment ކޮމެންޓް