ޔޫވީ ބަލިކޮށް މާޒިޔާ އެއްވަނާގައި ހަމަޖެހިލައިފި

ދިވެހި ލީގުގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން: މިއަދު ހަވީރު ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-2ގެ ނަތީޖާ އަކުން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ލިބުނު މޮޅާ އެކު މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި އަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާއިން މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން ކުރިން ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ. މިއަދުގެ މޮޅާ އެކު މާޒިޔާ އެއްވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ. ގްރީން ސްޓްރީޓަށް އިއްޔެ ކުޅުނު މެޗުން މޮޅުވެގެން ފަރަގު ކުޑަ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އީގަލްސްއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުން އެއްވަރުވުމުން މިވަގުތު ތާވަލުގެ ދެވަނައިގައި ގްރީން އޮތީ 16 ޕޮއިންޓާ އެކު އެވެ.

މިއަދުގެ މެޗަށް މާޒިޔާއިން ވަރުގަދަ ސްކޮޑަކާ އެކު ނުކުތް އިރު ޔުނައިޓެޑް ވިކްޓަރީ މެޗަށް ނުކުތީ އެ ޓީމުގެ އަސްލު ފެންވަރު ދެއްކުމުގެ އަޒުމުގަ އެވެ. ޔޫވީއިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ގްރީންސްޓްރީޓު އަތުން ބަލިވީ 2-8ގެ ސްކޯ އަކުންނެވެ. އެ މެޗުގެ ނަތީޖާއާ އެކު ގިނަ ފާޑު ކިޔުންތަކެއް ޓީމަށް އަމާޒުވުމުން އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެ މެޗުގައި އެހެން ކަން ދިމާވީ ރެފްރީގެ ގޯސް ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ. އަދި ހުރިހާ މެޗެއްގައި އެ ސްކޯ ތަކުރާރު ނުވާނެ ކަމަށެވެ.

މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ދެ ގޯލު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގެ ކުރީކޮޅު އެވެ. މެޗުގެ ހަތަރުވަނަ މިނަޓުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލިބުނު ބޯޅަ އޭރިއާ ބޭރު ރޮނގު ކައިރިން ކޮންޓްރޯލް ކޮށްލައި ޖައްސާލީ ބޯޅަ ގޯލަށް އޮއްސާލީ ނާއިޒް ހަސަން އެވެ.

އޭރިއާ ތެރޭގައި ގިނަ ކުޅުންތެރިންތަކެއް ތިބުމާ އެކު ޔޫވީގެ ކުޅުންތެރިން ވެސް އެ ބޯޅަ ދާދު ހުރަސް ކުރާނެ ކަމަށް ބަލަހައްޓައިގެން ތިބި ނަމަވެސް އޭނާ އެ ބޯޅަ އޮއްސާލީ ތިރީ ކަނަށެވެ. އެ ގޯލަކީ މިފަހަރުގެ ދިވެހި ލީގުގައި ޖެހި އެންމެ ރީތި ގޯލުތަކުގެ ތެރެއިން އެއް ގޯލެވެ.

މާޒިޔާގެ ދެ ވަނަ ގޯލް ދާދު ވައްދާލީ އޭގެ ދެ މިނެޓު ފަހުންނެވެ. ޔުނައިޓެޑް ވިކްޓްރީގެ އާދަމް ފައިރޫޒް (ލަކީ) އަތުން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ހޯދި ބޯޅައެއް އެޓޭކަކަށް ބަދަލުކޮށް އޭނާ އޭރިއާ ތެރެއިން އެ ބޯޅަ ޖައްސާލީ ދާދު އަށެވެ. އޭނާ ވަނީ އެ ބޯޅަ އަށް އެރި ކީޕަރު ޓޮޕްލަޗަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ދެ ގޯލަށް ފަހު ޔުނައިޓެޑް ވިކްޓަރީން ކުޅުން ރަނގަޅުކޮށް ޓީމު ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް ވެސް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މާޒިޔާގެ ޑިފެންޑަރުންނާއި ގޯލް ކާޕަރު ވަނީ އެ ޓީމުގެ ގޯލަށް ބޯޅައެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ.

comment ކޮމެންޓް