ގަވާއިދާ ހިލާފަށް އުޅޭ ބަނގުލަދޭޝް މީހަކު ނިޔާވެއްޖެ، އެމްބަސީން ހަވާލެއްނުވި

ބިދޭސީންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޅ. ހިންނަވަރުގައި ގަވައިދާ ހިލާފަށް އުޅުނު ބަނގުލަދޭޝް މީހެއް ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ސަން" އަށް މިރޭ ވިދާޅުވީ ބިދޭސީ މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު ކަމަށާއި އޭނާގެ ޕާސްޕޯޓެއް އަދި ވިސާގެ ލިޔުމެއްވެސް ނެތް ކަމަށެވެ.

"އެ މަައްސަލައިގައި ބަނގުލަދޭޝް އެމްބަސީއަށްވެސް ގުޅިން އެމީހުން ބުނީ ގަވައިދާ ހިލާފަށް އުޅޭ މީހުންނަކީ އެމީހުންނާ ބެހޭ ކަމެއް ނޫނޭ. މިރަށުގައި އޭނާ ވަޅުލުމުގެ ހުއްދަ އެއް ނެތް. އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ލާން މާލެ ފޮނުވޭތޯ،" ކާރިމް ވިދާޅުވިއެވެ.

ބިދޭސީ މީހާ ހިންނަވަރުގެ ސިއްހީ މަރުކަޒުން ފަރުވާ ހޯދީ މެއަށް ތަދުވާތީ ކަމަށާއި އޭނާ އިތުރު ފަރުވާއަށް އެންމެ ފަހުން ޅ. އަތޮޅު ހޮސްޕިޓަލަށް ރޭ ބަދަލު ކުރީ ކަމަށް ކާރިމް ވިދާޅުވިއެވެ.

ބިދޭސީ މީހާ ހިންނަވަރުގައި މަސައްކަތް ކުރަމުންދިޔައީ ގާއެޅުން ފަދަ މަސައްކަތްތަކުގައެވެ.

comment ކޮމެންޓް