ދިވެހީންގެ ފާފަލުން ގޮސް ގޭގޭ ސުފުރާމަތި ފަޅުފިލުވައިދެމުން އައި ކުއްޅަވައް މިހާރު ބޭނުންކުރަމުން ދަނީ ވަރަށް މަދު ގޮތްގޮތަށެވެ. ފޮނިކޮށް ނުވަތަ ކުޅިކޮށް މޮޑެލައިގެން ކުއްޅަވައް ބޭނުންކުރުމުން އެހާ ހިސާބުން އެއިން ކުރެވޭ ބޭނުންތައް ނިމުނީ ކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް ނ. ލަންދޫގައި ކުއްޅަވައް އެތައް ގޮތަށް ބޭނުންކޮށް ޒަމާނީ ބުއިންތަކުގެ ތެރެއަށް އެއްކޮށްފިއެވެ. ލަންދޫގައި ކުއްޅަވައް ނުވަތަ "މެންގްރޯވް އެޕަލް" ބޭނުންކޮށްގެން ހަދާ މިލްކްޝޭކްއާއި މޮހީޓޯ ވަރަށް މަގުބޫލެވެ.
ކުއްޅަވައް މިލްކްޝޭކްއާއި މޮހީޓޯއަކީ ލަންދޫއަށް ހާއްސަ ބުއިންތަކެކެވެ. "ޓޭސްޓް އޮފް ލަންދޫ" ނަން ދީފައިވާ އެ ބުއިންތައް އުފައްދަމުން ގެންދަނީ ލަންދޫގެ "ކެފޭ ޑީ ލައިވް" ނަމަކަށް ކިޔާ ރެސްޓޯރެންޓަކުންނެވެ.
"އެކި ރަށްރަށަށް ހާއްސަވާ ކަންތައްތައް އެބަހުރޭ. މިސާލަކަށް ހޮޅުދޫއަށް ބިސް ހާއްސަ ވާހެން، އަޅުގަނޑުމެންގެ ރަށަށް މި ހާއްސަ ވަނީ ކުއްޅަވައް،" ކުއްޅަވައް މިލްކްޝޭކް އީޖާދުކުރި، ކެފޭ ޑީ ލައިވްގެ މެނޭޖަރު ޖައުފަރު ރަޝީދު "ސަން"އަށް ކިޔައިދިނެވެ.
ކުއްޅަވަކަކީ ލަންދޫއަށް ވަރަށް އާންމު އެއްޗެއް ނަމަވެސް، އެއިން ތަފާތު އެއްޗެއް އުފައްދާފައި ނުވާތީ އެ ވިސްނުމުގައި ޖައުފަރު ނިންމީ ތަފާތެއް ދެއްކުމަށެވެ.
"ދިވެހީން ބޭނުންކުރަނީ އާންމުކޮށް ކުއްޅަވައް މޮޑެން. ދެން ރަށުގެ ޒުވާނުން ބައެއް ފަހަރަށް އެބަ ބޭނުންކުރޭ ލޮނާ ޖައްސައިގެން ކާން. އެކަމު އެ ދެން ނިމުނީ. ކުއްޅަވައް ބޭނުންކޮށްގެން ވަރަށް ބައިވަރު އެއްޗެހި ހެދޭނެ،" ޖައުފަރު ބުންޏެވެ.
ކުއްޅަވައް މޮހީޓޯ އާއި މިލްކްޝޭކް ހަދަނީ ކިހިނެއް!؟
ޖައުފަރު ބުނިގޮތުގައި ކުއްޅަވައް އެއީ ވަރަށް އަވަހަށް ހަލާކުވާ އެއްޗެކެވެ. އަދި ގަނޑުކޮށްގެން ކުއްޅަވައް ބޭނުންކުރާ ނަމަ އޭގެ ރަހަ ގެއްލޭ ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އޭނާގެ ޕްރޮޑަކްޓްތައް ހެދުމަށް ބޭނުންކުރަނީ ވަރަށް ތާޒާ ކުއްޅަވައް ކަމަށް ޖައުފަރު ބުންޏެވެ.
ޖައުފަރު ކިޔައިދިން ގޮތުގައި ކުއްޅަވައް މިލްކްޝޭކް ހަދާއިރު ކުޑަކޮށް ހަލާކުވެފައި ހުންނަ ކުއްޅަވައް ބޭނުންކުރެވޭނެއެވެ. އެކަމަކު މޮހީޓޯ ހެދުމަށް ބޭނުންކުރަންޖެހެނީ އެންމެ ތާޒާ ކުއްޅަވަކެވެ.
"އެހެންވެ ހަމަ އެކަމަށް [މޮހީޓޯ ހަދަން] ބޭނުންވީމާ ދަނީ ކުއްޅަވައް ބިންނަން. ދެން އެ ބިނދެގެން ވަގުތުން މޮހީޓޯ ހަދަނީ،" އޭނާ ބުންޏެވެ.
ކުއްޅަވައް މިލްކްޝޭކް ހަދަނީ އެހެންކަހަލަ މިލްކްޝޭކްތަކާ އެއްގޮތަށް ކަމަށާއި އެ ހެދޭނީ ކުއްޅަވައް ފާވުމުން ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މޮހީޓޯ ހަދަނީ އެއަށްވުރެ ތަފާތުކޮށެވެ.
ޖައުފަރު ބުނިގޮތުގައި ކުއްޅަވައް މޮހީޓޯއަށް ބޭނުންވާނީ ކުއްޅަވައް އޮށެވެ. އަދި އެ އޮށްތައް ސޯޑާ ފެނުގެ ތެރެއަށް އަޅައި ކުއްޅަވައް ރަހަ ލައްވަނީ ކަމަށް އޭނާ ބުންޏެވެ.
އަޖުމަ ބެލުމަށް ރަށުން ބޭރުން މީހުން އާދޭ!
ޖައުފަރުގެ ޕްރޮޑަކްޓާ މެދު ފަހުރުވެރިކަމާއެކު ވާހަކަދައްކަމުން އޭނާ ބުނީ ކުއްޅަވައް މޮހީޓޯއާއި މިލްކްޝޭކް ބޯން ރަށުން ބޭރުންވެސް މީހުން އަންނަ ކަމަށެވެ.
"މިލްކްޝޭކްއަށްވުރެ ވެސް ބޮޑަށް މަގުބޫލީ މޮހީޓޯ. ޒުވާނުންނަށް ވަރަށް ކަމުދޭ. ރަށުން ބޭރުން އެބަ އާދޭ އަތޮޅުންވެސް މީހުން ހަމަ މި ބޯން،" އޭނާ ބުންޏެވެ.
ރަށުގައި މަޝްހޫރު ނަމަވެސް އެ އުފެއްދުންތައް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަނީ ރަށުން ބޭރުން އަންނަ ފަރާތްތަކުންގެ މެދުގައެވެ.
އެރަށަށް އެއްވެސް ވަފުދެއް ފައިބައިފިނަމަ އެ ވަފުދުގެ މެދުގައިވެސް ކުއްޅަވައް މިލްކްޝޭކާއި މޮހީޓޯ ޕްރޮމޯޓުކުރެއެވެ. އެ ވަފުދުގައި ހިމެނޭ މީހުންނަށް ދެނީ މި ބުއިންތަކެވެ. ދައުލަތުގެ ވަފުދުތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށްވެސް މި ބުއިންތައް ވަރަށް ކަމުދާކަމަށް ވެއެވެ.
ބޭނުންވަނީ ހިދުމަތް އިތުރަށް ފުޅާކުރަން!
ޖައުފަރު ބުނީ ކުއްޅަވައް މިލްކްޝޭކްއާއި މޮހީޓޯ ވިއްކުމުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކުއްޅަވައް މޮހީޓޯ ދަޅުގައި ބަންދުކޮށް ވިއްކުމުގެ ހިޔާލެއް ކުރާ ކަމަށާއި އެ މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.
އަދި ކުއްޅަވައް ބޭނުންކޮށްގެން އިތުރު ޕްރޮޑަކްޓްތައް ހެދުމަކީވެސް އުންމީދެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޖައުފަރު ބުނިގޮތުގައި އޭނާ ހުރީ ކުއްޅަވައް ބޭނުންކޮށްގެން ތައްޔާރުކުރާ ޕްރޮޑަކްޓްތައް އެހެން ފަރާތްތަކަށްވެސް ކިޔައިދިނުމަށް ތައްޔާރަށެވެ. އެއީ އެއްވެސް ހާލެއްގައި ފޮރުވައިގެން ގެންގުޅޭނެ ރެސިޕީތައް ނޫން ކަމަށާއި އުފަލާއެކު އާންމުންނަށް އެ ރެސިޕީތައްވެސް ކިޔައިދޭނެ ކަމަށް ޖައުފަރު ބުންޏެވެ.
ކޮންމެއަކަސް ޖައުފަރުގެ ޓޭސްޓް އޮފް ލަންދޫގެ އަޖުމަ ބަލާލުން ވަރަށް މުހިންމެވެ.