އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބަށް ހަތް ދައުވާއެއް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ---

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު، އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން މި މަހުގެ 21 ވަނަ ދުވަހު ޕީޖީ އޮފީހަށް ލިޔުންތައް ފޮނުވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލަން ނިންމައި މައްސަލަަތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އަދީބުގެ މައްޗަށް މީގެ ކުރިންވެސް ދައުވާ ކުރިއެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޅ. މާބިންހުރާ ދޫކޮށްގެން ލިބުނު އެކުއިޒިޝަން ކޮސްޓަށް ހިޔާނާތްތެރިވި މައްސަލައެވެ. އެ މައްސަލަ ސާބިތުވެ އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. ހައިކޯޓުގެ ހުކުމް ދައުލަތުން ފަހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރު އެ މައްސަލަ ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ.

އަދީބު މިހާރު ހުންނެވީ މާބިންހުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭބަންދުގައެވެ. އަދި އޭނާ ދަނީ ޓަގް ބޯޓެއްގައި ރާއްޖެއިން ފިއްލެވި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް