ވެރިކަންކުރާ ޕާޓީގެ ރިޔާސީ ޓިކެޓު ޕްރޭމަދާސައަށް ދީފި

ސްރީލަންކާގެ ހައުސިން މިނިސްޓަރު އަދި ވެރިކަން ކުރާ ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރޭމަދާސަ ---

މި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އެ ގައުމުގެ ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަކަމަށް ހަމަޖައްސައިފިއެވެ.

ޔޫއެންޕީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނާނެ ފަރާތަކާ މެދު ކުރިން އޮތީ ހިޔާލު ތަފާތުވެފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު، ޕްރޭމަދާސަގެ އިތުރުން އިތުރު ދެ ބޭފުޅަކުވެސް ފާޅުކުރެއްވިއެވެ. އެއީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން އެގައުމުގެ ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާއެވެ.

މިދިޔަ ހަފްތާ ތެރޭގައި ލަންކާގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓު ޕްރޭމަދާސައަށް ހުށަހަޅަން އުޅުނީ ޝަރުތުތަކަކާއެކުއެވެ. އެ ޝަރުތުތަކަކީ ޕާޓީގެ ލީޑަރުގެ ގޮތުގައި ރަނިލް ވިކްރަމަސިންހަ ދެމިހުންނެވުމުގެ އިތުރުން އިންތިހާބު ކާމިޔާބުވެއްޖެނަމަ އެގައުމުގައި އޮތް އެގްޒެކެޓިވް ޕްރެޒިޑެންސީގެ ނިޒާމު އުވާލުމެވެ.

އެހެން ނަމަވެސް ޕްރޭމަދާސައަށް ރިޔާސީ ޓިކެޓު ހަވާލުކުރަން ނިންމިކަން މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް އިއުލާނުކުރުމަށްފަހު ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޔޫއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތާ ބެހޭ މިނިސްޓަރު ނަވީން ޑިސާނާޔަކަ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓާ މެދު ޕާޓީ ލީޑަރުންގެ މެދުގައި މައްސަލައެއް ނެތް ކަމަށެވެ.

އަދި "ޕްރީކޮންޑިޝަންސް" ނުވަތަ ޝަރުތުތަކެއް ކޮށްފައި ނުވާކަމާށާއި، ނަމަވެސް ވަކި ކަންތައްތަކަކަށް އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަން ޔޫއެންޕީގެ ވޯކިން ކޮމިޓީން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށްވެސް މިނިސްޓަރު ޑިސާނާޔަކަ ވިދާޅުވިއެވެ.

ޑިސާނާޔަކަ ވިދާޅުވި ގޮތުގައި ރިޔާސީ ކެންޑިޑޭޓުކަމަށް ޕްރޭމަދާސަ އައްޔަނުކުރުމަށް ހުށަހެޅުއްވީ ބޮޑުވަޒީރު އަދި ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައެވެ.

ސަޖިތު ޕްރޭމަދާސައަކީ ސްރީލަންކާގައި 1989 ވަނަ އަހަރުން ފެށިގެން މެއި 1993 އާ ހަމައަށް ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ރައީސްކަމުގައި ހުންނަވަނިކޮށް ރައީށް ރަނަސިންހަ ޕްރޭމަދާސަ އަވަހާރަވީ 1 މެއި 1993 ވަނަ ދުވަހު ކޮލޮމްބޯގައި އެލްޓީޓީއީއިން ޖާނުން ފިދާވެ ދިން ހަމަލާއެއްގައެވެ.

ސްރީލަންކާގައި ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކައިރިވެފައިވާ އިރު، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާ މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ނުވަތަ ނޫންކަން އިއުލާނުކުރައްވާފައެއް ނުވެއެވެ.

އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންނަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލީޑުކުރައްވާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ފަރާތުން ގޯޓާބަޔަ ރާޖަޕަކްސައާއި، ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކައެވެ.

މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވަނީ ކުރީގެ ރައީސް ރާޖަޕަކްސަގެ ޕާޓީއިން ވާދަކުރައްވާ އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔައަށެވެ.

comment ކޮމެންޓް