ބާސެލޯނާ މޮޅުވި އިރު މެޑްރިޑް ޑާބީއަށް ހަަމަހަމަ ނިމުމެއް

ބާސާއާއި ގެޓާފޭ ބައްދަލު ކުރި މެޗުގައި ސުއަރޭޒް ގޯލު ޖެހުމަށްފަހު ---

ބާސެލޯނާ، ސްޕެއިން (28 ސެޕްޓެމްބަރު) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވި އިރު މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިންމާލައިފި އެވެ.

ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-2 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ތާވަލުގެ ހަތަރުވަނައަށް ޖެހިލި އިރު އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް އެއްވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. އެ ޓީމުން މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗަކުން އަދި ބަލިވެފައި ނުވާ އިރު އެތުލެޓިކޯއަށް ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ.

ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީ ޓީމުގައި ނުހިމަނަ އެވެ. މެސީގެ އިތުރުން އެ ޓީމުގެ ކުރިއަށް ކުޅެމުން އަންނަ އުސްމާން ޑެމްބެލޭއާއި ފުރަތަމަ ޓީމުން އަލަށް ޖާގަ ލިބެން ފެށި އަންސޫ ފަޓީއަށް ވެސް އަނިޔާވެ އެ މެޗުގެ ސްކޮޑުގައި ހިމެނިފައެއް ނުވެ އެވެ.

މެޗު ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާގެ ރަސްމީ ޕާސިންގް ގޭމަށް މެޗު ކުޅެމުން ދިޔަ އިރު އެ ޓީމަށް ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒް އެވެ. ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަންގެ އެސިސްޓަކުން ސުއަރޭޒް އެ ގޯލު ޖެހި އިރު އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ޒުވާން ވިންގް ޖޫނިއޯރ ފިރްޕޯ އެވެ.

އެ މެޗުގައި ދެ ގޯލުގެ ލީޑެއް ނަގައިގެން ބާސެލޯނާއިން ކުޅުނު ނަމަވެސް މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އެ ޓީމުގެ ޑިފެންޑަރު ކްލިމެންޓް ލެންގްލެޓަށް ވަނީ ދެ ރީންދޫ ކާޑު ހަމަވެ ރަތް ކާޑު ދައްކާފަ އެވެ.

ސްޕެނިޝް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ރެއާލުން ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަކީ ވާދަވެރިކަން ބޮޑު އަދި ގިނަ ޑްރާމާތަކެއް ވެސް ހިނގި މެޗެކެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އިރު ދެ ޓީމުން ވެސް ވަނީ ފުރުސަތުތައް ބޭކާރު ކޮށްލާފަ އެވެ. ޖުމްލަކޮށް ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމުގެ ޑިފެންޑަރުން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ކުރިއަށް އޮތް ހަފްތާގެ ޗެމްޕިއަންސް ލީގުގެ ބޮޑެތި މެޗުތަކަށް ޓީމުތައް ތައްޔާރުވަމުން އަންނަ އިރު ރެއާލް ބައްދަލު ކުރާނީ ކުލަބް ބްރަޖްއާ އެވެ. އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

comment ކޮމެންޓް