އީގަލްސް އަތުން އެއްވަރުވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގްރީނަށް ގެއްލިއްޖެ

އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގައި ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން ގްރީންސްޓްރީޓަށް އެއްވަނައިގައި އޮތް މާޒިޔާއާއި ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފެށުނު އިރު ގްރީނާއި އީގަލްސް މިރޭ ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު 20 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް މާޒިޔާއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ގްރީނަށް ވަނީ ގެއްލިފަ އެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން އަށް މިވަގުތު ލިބެނީ 16 ޕޮއިންޓެވެ. މިރޭގެ މެޗުން އެއް ޕޮއިންޓް ހޯދި އީގަލްސް އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

މިރޭގެ މެޗަށް ގްރީންސްޓްރީޓުން ނުކުތީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކު ޓީމުގައި ނުހިމަނަ އެވެ. އެއް ވަނަ ގޯލްކީޕަރު ލަންކާގެ ސޫޖަން ޕެރޭރާ އާއި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑީ) އަށް ދެ ކާޑު ހަމަ ވުމުގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވުނުތަން އެ ޓީމަށް ވަނީ ކޮންމެސް ވަރަކަށް ދައްކާފަ އެވެ. ނަމަވެސް ސޫޖަންގެ ބަދަލުގައި ކީޕަރަކަށް ކުޅެން ނުކުތް ޒުވާން ކީޕަރު މުހައްމަދު ސިނާހް ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި އޭނަގެ ފެންވަރުވެސް ހުރިކަން ދައްކާފަ އެވެ.

މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ގްރީންސްޓްރީޓުންނެވެ. މުހައްމަދު ރިޝްވާން (ފުކޭ) އީގަލްސްގެ ހާފުގެ ތެރެއިން ޕެނަލްޓީ އޭރިއާ އާ ފަސް ވަރަކަށް ފޫޓު ދުރުން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ، އެ ޓީމާ އަލަށް ގުޅުނު މިޑްފީލްޑަރު މިސްރުގެ މުހައްމަދު ސަލާހެވެ.

މެޗުގައި އެންމެ ފާހަގަކޮށްލެވުނު ތަންކޮޅަކީ އެންމެ ފަހުން ގްރީނާއި ޔޫވީ ބައްދަލު ކުރި މެޗުގައި ފަސް ގޯލު ޖެހި އަލީ އަޝްފާގު ހިފެހެއްޓުމަށް އީގަލްސްއިން ކުރި މަސައްކަތެވެ. އޭނާއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އީގަލްސްގެ ދެ ކުޅުންތެރިއަކު އަބަދުވެސް ހުށިޔާރުކަމާ އެކު ގާތް ކުރި އެވެ. އެހެންކަމުން އޭނާއަށް އެ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

އީގަލްސްއަށް މެޗުގެ ނަތިޖާ ހަމަހަމަ ކޮށްދިނީ 60 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީވެސް އޭނާ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލީ ގުރީންގެ ޑިފެންޑަރުންނަށްވެސް ފުރުސަތެއް ނުދީ އެވެ. އޭނާއަށް ހުރަސް އަޅަން މަސައްކަތް ކުރި ގުރީންގެ ޑިފެންޑަރުންގެ ފަރާތުންވެސް ފެނުނީ އާދައިގެ މަސައްކަތެކެވެ.

comment ކޮމެންޓް