ކޯޗެއް ނެތަސް ޓީސީގެ އަޒުމް ވަރުގަދަ: އަބީރު

ޓީސީގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަބީރު --- ސަން ފޮޓޯ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފަށާ އިރު ޓީމުތައް މިވަގުތު އޮތީ ވަރަށް ދަތި ހާލުގަ އެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އޮތީ މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފަ އެވެ. އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) އިސްތިއުފާ ދީފައިވާ އިރު ޓީމުގެ ތަޖުރިބާކާރު ކީޕަރު މުހައްމަދު އިމްރާން (އިންމަ) ވެސް ވަނީ ޓީމު ދޫކޮށްލާފަ އެވެ.

ކަން މިހެން އޮތް ނަމަވެސް ޓީމުގައި ދެން ތިބި ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ޓީސީ އަކީ އަދިވެސް ނަން ވިދާނެ ވަރުގަދަ ޓީމެއް ކަމަށް އެ ޓީމާ މިވަގުތު ހަވާލުވެ ހުރި ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަބީރު ވަނީ ބުނެފަ އެވެ.

މިއަދު ޓީސީން މިވަގުތު އެންމެ ފުލުގައި އޮތް ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު އަދި އެ ޓީމު އޮތް ހާލަތެއް ވެސް ނޭންގެ އެވެ. އެންމެ ފަހު މެޗުގައި ވިކްޓަރީން ޓީމު ހަމަކުރީ ޑަބަލް ދެ ކީޕަރުން ވެސް ކުޅުންތެރިންގެ ޖާޒީގައި ކުޅެން ނުކުމެގެންނެވެ. އެ މެޗު އެ ޓީމުން ބަދަލަކާ ނުލައި ކުޅުނު އިރު ބެންޗުގައި ވެސް އިނީ ހަމައެކަނި ކިޓް އޮފިޝަލެވެ. އެހެން ކަމުން ކުޅުންތެރިންނަށް އަނިޔާވުމުން ފަރުވާ ދޭން އަރަން ޖެހުނީ އިދިކޮޅު ޓީމުގެ މެޑިކް އެވެ. އޭގެ ކުރީ މެޗަށް ކުޅުންތެރިން ހަމަނުވެގެން ވިކްޓަރީ ހާޒިރެއް ނުވެ އެވެ.

ޓީސީން އެންމެ ފަހުން ލީގުގައި ކުޅުނީ ފޯކައިދޫއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ފޯކައިދޫ ކޮޅަށް ގޯލު ޖަހައިފައި އޮއްވާ ފޯކައިދޫން ވަނީ މެޗު ނިމުމުގެ ކުރިން ފަހަތުން އަރައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ މެޗުން މޮޅުވެ ތާވަލުގެ ތިންވަނައިގައި ފުރަތަމަ ބުރު ނިންމާލުމުގެ ފުރުސަތު އޮތް ނަމަވެސް މެޗުން އެއްވަރުވުމުން އެންމެ ފަހުން ޓީސީ ފުރަތަމަ ބުރު ނިންމާލީ ފަސްވަނައިގައި އޮވެގެންނެވެ.

ޓީމަށް ދިމާވެފައި އޮތް ދަތި ހާލަތުން ޓީމު އަރައި ގަތުމަށް އެ ޓީމުން މިވަގުތު އަމާޒު ހިފާފައި ވަނީ އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ ޝެއިޙް ކަމާލް ކަޕަށެވެ. އެމުބާރާތުގައި ބައިވެރިވުމުން ފައިސާގެ ބޮޑު އެހީއެއް ލިބޭ އިރު މުބާރާތަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމި ޓީމު އެމުބާރާތައް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އަބީރު ވަނީ ބުނެފަ އެވެ.

ޓީސީއާއި ވިކްޓަރީ މިއަދު ބައްދަލު ކުރާ މެޗު ފަށާނީ ހަވީރު 15:50 ގައި ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމް ގަލޮޅު ދަނޑުގަ އެވެ.

comment ކޮމެންޓް