އެކުވި އުނގެނުމާއި ރާއްޖޭގެ މަތީތައުލީމު

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުރުންދޭ ތައުލީމުގެ ގޮތްޕެއްގެ ގޮތުގައި 1990ގެ އަހަރުތަކުގެ ފަހުކޮޅު، ބްލެންޑެޑް ލާނިންގް ދުނިޔެއަށް ތައާރުފުވި އެވެ. ("އެކުވި އުނގެނުން" މިއީ "ބްލެންޑެޑް ލަރނިންގް" އަށް ބޭނުންކުރަން ރަނގަޅު ދިވެހި ލަފުޒެއް ކަމަށް ދެކެމެވެ). ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ވައިގައި ހިފަންފެށިފަހުން މިވީ ވިއްސަކަށް އަހަރުގެ ތެރޭގައި، އެކުވި އުނގެނުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ މަގުބޫލުކަން ހޯދައިފަ އެވެ. ތައުލީމީ ރޮނގުން ކުރި އަރާފައިވާ ގައުމުތަކުގެ ގިނަ ޔުނިވަރސިޓީތަކުގައި މިހާރު މިއުސޫލަށް ފެތޭ ގޮތަށް ކިޔަވައިދޭ ކޯސްތައް މަދެއްނޫނެވެ. ރާއްޖޭގައި މިގޮތް ބޭނުންކޮށްގެން އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ 2010 ވަނަ އަހަރުގަ އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި، އޭރުގެ ސެންޓަރ ފޮރ އޯޕަން ލަރނިންގް ގަ އެވެ.

އެކުވި އުނގެނުމަކީ މުދައްރިސާއި ދަރިވަރުން އެއްތަނަކަށް ހާޒިރުވެ، ކިޔަވާ ކިޔެވުމާއި، ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން އެއްކޮށްގެން ނުވަތަ މަސްހުނި ކޮށްގެން ކިޔަވައިދިނުމުގެ ގޮތެކެވެ. މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުން ކޮންމެ ދުވަހަކު ކިލާހަށް އަންނަން ނުޖެހިދާނެ އެވެ. އޭގެ ބަދަލުގައި ފަރުވާތެރިކަމާ އެކު ކުރިން ކަނޑައެޅި ރޭވިފައިވާ، އުނގެނުމުގެ ހަރަކާތްތަކެއް ދަރިވަރުން އޮންލައިންކޮށް ފުރިހަމަ ކުރެ އެވެ. މިކަމަށް މަގުފަހިކުރަނީ އިންޓަރނެޓުގެ އިތުރުން އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ޓެކުނޮލޮޖީގެ އެކި ވަސީލަތްތަކެވެ. ރަނގަޅަށް ފަރުމާކުރެވިފައި ހުންނަ އެކުވި އުނގެނުމުގެ ކޯސްތަކުން، ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުވެ، ކިޔަވާ ކިޔެވުމުގައި ހުންނަ އާއްމު ސިފަތައް ނަކަލުކުރެވެ އެވެ. މިގޮތުން ދަރިވަރާއި މުދައްރިސް، ދަރިވަރާއި ދަރިވަރު އަދި ދަރިވަރާއި އޭނާ އުނގެނޭ މާއްދާގެ ކޮންޓެންޓް ނުވަތަ މައުލޫމާތާ ގުޅުވައިދެ އެވެ. އުނގެނުމަށް ފަހި މުއާމަލާތު ކުރެވެ އެވެ. ދުރު ގާތްކުރެވެ އެވެ.

ޔުނިވަރސިޓީތަކުން އެކުވި އުނގެނުން ބަލައިގަންނަ ސަބަބުތަކެއް ފާހަގަ ކުރެވެ އެވެ. އެއްކަމަކީ އެކަހެރި، ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އުނގެނުމަށް ހުޅުވޭ ދޮރެއްކަމުގައި އެކުވި އުނގެނުން ވުމެވެ. ކޮންމެ ދުވަހަކު ޔުނިވަރސިޓީއަށް ދަތުރުކޮށް ކިލާހަށް ހާޒިރުވާން ހާލަތު ތަންނުދޭ މީހުންނަށް ކިޔެވުމުގެ މަގެއް ކަމުގައި އެކުވި އުނގެނުން ވުމެވެ. މިއީ ރާއްޖެ ފަދަ ވަކިވަކި ޖަޒީރާ ތަކެއްގެ ގޮތުގައި އުފެދިފައިވާ، އަދި މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް، މަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގާ ގައުމަކަށް ނުހަނު މުހިއްމު ކަމެކެވެ. މިކަން ދިވެހިރާއްޖެ ވަނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ތަޖުރިބާ ކޮށްފަ އެވެ. އެގޮތުން އުނގެނެން ބޭނުންވިޔަސް އެފުރުސަތު ނުލިބިފައި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެތައް ބަޔަކަށް އެކުވި އުނގެނުމުގެ ތެރެއިން އެފުރުސަތު ލިބިއްޖެ އެވެ. މީގެ ތެރޭގައި 20 ނުވަތަ 25 އަހަރުގެ މެދު ކެނޑުމަކަށް ފަހު، އަލުން މަތީތައުލީމުގެ ހަރުފަތެއްގައި ކިޔެވި، އަދި މިހާރު ވެސް ކިޔަވާ މީހުން ހިމެނެ އެވެ.

ދެވަނަ ކަމަކީ އެކުވި އުނގެނުމުގެ ތެރެއިން އުނގެނޭ ދަރިވަރުގެ އުނގެނުމަށް ލިބޭ ފަހެލިކަމެވެ. ފުލެކުސިބިލިޓީ އެވެ. އިޚްތިޔާރީ ފަސޭހަކަމެވެ. އެހެނީ މިއުނގެނުން ފަރުމާ ކުރެވެނީ ދަރިވަރު، އޭނާއަށް ފަސޭހަ ވަގުތެއްގައި، ފަސޭހަ މާހައުލެއްގައި އަދި އޭނާގެ އުނގެނުމުގެ އަމިއްލަ އިސްޕީޑުގައި ކިޔެވޭ ގޮތަށެވެ. މިހެންވުމުން ވަޒީފާ އަދާކުރަމުން، ދަރިންނާއި އާއިލީ އެހެނިން މަސްއޫލިއްޔަތު އަދާކުރަމުން، އަދި ރަށުގެ އިޖުތިމާއީ ހަރަކާތްތަކުގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ފަހިވެ އެވެ. މިހާރުގެ މަތީތައުލީމުގެ ދަރިވަރުންގެ އާބާދީއަށް ބަލާއިރު އެކި ސަބަބުތަކާހެދި، ވަޒީފާއެއް އަދާކުރަމުން ކިޔަވަން ބޭނުންވާ މީހުންގެ އަދަދު އިތުރުކަން ފާހަގަ ވާނެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ވެހެވެ. މިފަދަ ބައެއް ދަރިވަރުން ބުނެފައިވާ ގޮތުގައި އެކުވި އުނގެނުމުގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ތަނަވަސް ނުވިނަމަ، މަތީތައުލީމު ހާސިލުކުރުމަކީ އެމީހުންނަށް މުސްތަހީލު ކަމެކެވެ. ރާއްޖޭގެ ހާލަތު މިއާ ދާދި އެއްގޮތެވެ.

ރަނގަޅަށް ފަރުމާ ކުރެވިފައި ހުންނަ އެކުވި އުނގެނުމުގެ ކޯސްތަކުން ދަރިވަރުގެ އުނގެނުމަށް ހެޔޮ ބަދަލު ގެނުވަ އެވެ. އެހެނީ ކިލާހަށް ހާޒިރުވެ ކިޔަވާ ކިޔެވުމާއި އޮންލައިންކޮށް ކިޔަވާކިޔެވުން އެއްކޮށްގެން އެކުވި އުނގެނުމުގައި ކިޔަވައިދޭ އިރު، މިދެގޮތުގައި ހިމެނޭ ރަނގަޅު ކަންކަން ހިމަނައިގެން އުނގަންނައިދިނުމުގެ ފުރުސަތު މުދައްރިސަށް ލިބެ އެވެ. އެހެންވުމުން މީގެ ތެރެއިން ހަމައެކަނި އެއްގޮތެއް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ވުރެ އެކުވި އުނގެނުމުން ދަރިވަރަށް ލިއްބައިދޭ ތަޖުރިބާ މާ އުފެއްދުންތެރި ކަމަށް ފާހަގަ ކުރެވިފައިވެ އެވެ. ނަތީޖާއަކީ ބައެއް ހާލަތްތަކުގައި ކިލާހަށް ހާޒިރުވެ ކިޔަވާ ކިޔެވުމަށް ވުރެ އެކުވި އުނގެނުމުގެ ތެރެއިން ކިޔަވާ ދަރިވަރުންގެ އިމްތިހާނުތަކުގެ ނަތީޖާ ރަނގަޅުވުމެވެ. ދަރިވަރަށް ފިލާވަޅު ފަހުމުވާ މިންވަރު ބޮޑުކަމަށް ސާބިތުވުމެވެ. ނަމަވެސް މިނުކުތާގައި ފާހަގަކުރަން ބޭނުންވާ ކަމަކީ އެކުވި އުނގެނުމުގެ ކޮންމެ ކޯހަކުން މިނަތީޖާ ނުނިކުމެދާނެ ކަމެވެ. މިނަތީޖާ ނިކުންނާނީ އުނގެނުން ފަރުމާކުރުމުގެ މަރުހަލާގައި ޚާއްސަ ޝަރުޠުތަކެއް ފުރިހަމަކުރުމުގެ އިތުރުން، އުނގެނުމާއި އުނގަންނައިދިނުމުގައި މުދައްރިސާއި ދަރިވަރުގެ އަމަލުތައް ވަކިގޮތަކަށް ބައްޓަން ކޮށްގެންނެވެ. އަދި އުނގެނުމުގެ މާހައުލުން ފަހިކޮށްދޭންޖެހޭ އެހެން ކަންތައްތަކެއް ހަމަކޮށްދީގެންނެވެ.

ރާއްޖެ އަކީ ޖަޒީރާ ގައުމެކެވެ. ރާއްޖޭގެ ހާލަތު ނިޔާކުރާގޮތުން ކޮންމެ ރަށެއްގައި ނުވަތަ އަތޮޅެއްގައި ކޮލެޖެއް، ޔުނިވަރސިޓީއެއް ނުވަތަ ޔުނިވަރސިޓީ ކެމްޕަހެއް ހިންގުމަކީ ނާދިރުކަމެކެވެ. މިހެންވުމުން ރަށްރަށުގައި ދިރިއުޅޭ މީހުން މާލެއަށް ހިޖުރަނުކޮށް، އާއިލާއާ އެކު އަމިއްލަ ރަށުގައި އުޅެމުން ކިޔެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. އެހެނީ, ތަރައްގީގެ ހަކަތައަކީ ވިސްނުމާއި ސިކުނޑި ތަރައްގީވެފައިވާ ރައްޔިތެކެވެ. ވިސްނުމާއި ސިކުނޑި ތަރައްގީކޮށްދޭ ކާނާއަކީ އިލްމެވެ. އެކުވި އުނގެނުމަކީ މިކަމަށް ބޭނުން ކުރެވިދާނެ، ރާއްޖޭގެ ހާލަތަށް ފެތޭ ރަނގަޅު ހައްލެކެވެ.

comment ކޮމެންޓް