ގަންދީލްގެ ބޭބެ އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

ގަންދީލް ބަލޮޗް---

އާއިލާގެ އިއްޒަތާއި ޝަރަފަށް ހުތުރުއަރުވާ ކަމަށް ބުނެ މަރާލައިފައިވާ ޕާކިސްތާނުގެ ތަރި ގަންދީލް ބަލޮޗްގެ ބޭބެއަށް އުމުރުދުވަހުގެ ޖަލުހުކުމެއް އިއްވައިފި އެވެ.

ގަންދީލްގެ ބޭބެ މުހައްމަދު ވަސީމް އޭނާ މަރާލީ 2016 ވަނަ އަހަރު އެވެ.

ވަސީމްވަނީ ގަންދީލް މަރާލި ކަމަށް އެއްބަސްވެފަ އެވެ.

ގަންދީލްގެ އާއިލާ އިން ވަނީ ވަސީމްއަށް މާފު ދިނުމަށް ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކޯޓުން ވަނީ އެކަން ގަބޫލުނުކުރާނެ ކަމަށް ބުނެ މައްސަލަ ކުރިއަށްގެންގޮސްފަ އެވެ.

މީގެ ކުރިން ގަންދީލްގެ އާއިލާއިން ބުނީ ވަސީމްއަށް މާފެއް ނުދޭނެ ކަމަށެވެ.

ގަންދީލްއަކީ ކުރިން ސޯޝަލް މީޑިއާގައި ތަފާތު ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑް ކުރަމުން އައި އަންހެނެކެވެ.

ގަންދީލްގެ އެހެން ބޭބެއެއްގެ މައްޗަށް ވެސް މަރުގެ މައްސަލާގައި ދައުވާ ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެކަން ސާބިތެއް ނުވި އެވެ.

އާއިލާގެ ޝަރަފާއި އަބުރު ނަގާލާކަމަށް ބުނެ އާއިލާގެ މެމްބަރުން އެ އާއިލާގެ އަންހެނުން މެރުމަކީ ޕާކިސްތާނުގައި ވަަރަށް އާންމު ކަމެކެވެ. ގަންދީލްގެ މަރަށް ފަހު އެ ފަދަ ހާދިސާތަކުގައި ގާތިލަށް އާއިލާއިން މާފު ދިނަސް ގާތިލަށް އުމުރު ދުވަހު ޖަލުގެ ހުކުމް އިއްވޭ ގޮތަށް ގާނޫނު ވެސް ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް