ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ރަމްޝާ އަދި ޝަމީލާ

ބ. އަތޮޅު ތައުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ރަމްޝާ އަދި ޝަމީލާ-- ފޮޓޯ: އީޓީ

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އައިމިނަތު ރަމްޝާ އަބްދުއްރަހްމާނާއި ޝަމީލާ އަބްދުލް ޖަލީލް ހޯދައިފި އެވެ.

ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް އިނާމާއި އެވޯޑްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަންގެ ޕާމަންނަޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ.

އެއްވަނަ ހާސިލްކުރި ރަމްޝާ ވަނީ އޯލެވަލްގެ ޓޮޕް ޓެންގެ ހަތަރުވަނައިގައި ހިމެނި ފަސް މާއްދާއިން އޭ ސްޓާ، ތިން މާއްދާއިން އޭ ހޯދައިފަ އެވެ. އަދި ޝަމީލާ އޭލެވްލެގެ ޓޮޕް ޓެންގެ ތިންވަނަ ހޯދައި ތިން މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ ހޯދައިފަ އެވެ.

މިދިޔަ އަހަރު އެ ސްކޫލް ނިންމި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން 73 ޕަސެންޓް ކުދިން ފާސްވިއިރު މިދިޔަ އަހަރު ފަސް ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި އެ ސްކޫލުގެ ތިން ދަރިވަރުން ހިމެނިފައި ވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅުތެރޭގައި ހުޅުވި އެންމެ ފުރަތަމަ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއްވެސް މެއެވެ. އަތޮޅުތެރޭގައި އެންމެ ފުރަތަމަ އޭ ލެވެލްއަށް ކިޔަވައިދޭން ފެށި ސްކޫލްތަކުގެ ތެރޭގައިވެސް އެ ސްކޫލް ހިމެނެއެވެ.

އެ ސްކޫލުގައި އޭދަފުށީގެ އިތުރުން އެހެނިހެން ރަށްތަކުގެ ސްކޫލް ކުދިންވެސް ގިނަ އަދަދަކަށް ކިޔަވަ އެވެ.

comment ކޮމެންޓް