ލުޖެއިންގެ ފޮތި ނެޕީ: ލޯތްބާ އެކު ތިމާވެއްޓަށް!

އުމުރުން 24 އަހަރުގައި އޭނާއަކީ މަގުބޫލު ޑައިވިން އިންސްޓްރަކްޓަކެވެ. ފުރަތަމަ ފަރުވާގެ ފިލާވަޅުތައް ނަގައިދިނުމާއި، ސްކޭޓް ކުރަން ދަސްކޮށްދިނުމުގައި ވެސް އޭނާ އަކީ މީހުން ދަންނަ މޫނެކެވެ. އަދި ރާޅާއަޅާ މަދު ދިވެހިން އަންހެނުންގެ ތެރެއިން އެކަކީވެސް އޭނާ އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ލުޖެއިން ހުސެއިން އާއި އަހަރުމެންގެ މި ވެއްޓާ ދެމެދު އުފެދިފައި ވަނީ ހިތާ ހިތުގެ ގުޅުމެކެވެ.

މިއަދު ޒުވާނުންގެ ތެރޭ އޭނާ މަޝްހޫރުވެފައި ވަނީ، ތިމާވެއްޓާ ރަށްޓެހި "ފެހި" ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާން މަންމައެއްގެ ގޮތުގަ އެވެ. އޭނާގެ އިންސްޓަގްރާމް ފީޑް ހާއްސަކޮށްފައި ވަނީ އޭނާގެ ތުއްތު ތުއްތު ދެ ދަރިން ކަމަށްވާ، އައިލީ އާއި ޖޫލްއާ އެކު ހޭދަކުރާ އުފާވެރި ވަގުތުތައް ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި ހޭދަކުރާނެ ގޮތް އެންމެންނަށް ދައްކާލުމަށެވެ. ލުޖެއިން ބުނީ، އެކަން ކުރުމުގެ ބޭނުމަކީ ތިމާވެއްޓަށް އަޅާލަމުން އުފާވެރި ހަޔާތެއް ބިނާ ކުރެވިދާނެ ކަމުގެ މެސެޖް އެންމެންނަށް ވެސް ދިނުމެވެ.

އޭނާ މިއަދު ވެފައި ވަނީ ދިވެހީންގެ އާ ޖީލެއް ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ދައްކާ މަންމައަކަށެވެ.

ލުޖެއިން ބުނި ގޮތުގައި މަންމައަކަށް ވުމުގެ އުފާވެރި ހަބަރު ލިބުމުން އޭނާ ބެލީ ވީ އެންމެ ބޮޑަކަށް ތިމާވެއްޓާއި ރަހުމަތްތެރިކޮށް ދަރިފުޅު ބޮޑުކުރެވޭނެ ގޮތްތަކެއް ރާވާށެވެ. ލުޖެއިން ބެލީ، އޭނާ އާއި ދަރިންގެ ފަރާތުން ތިމާވެއްޓަށް ވެދެވެން އޮތް އެންމެ ބޮޑު އެހީއެއް ވެދޭށެވެ. ވެށި ހަލާކު ނުކުރުމަށް މައެއްގެ ހައިސިއްޔަތުން ޒިންމާ އަދާކުރާށެވެ.

އެކަމަށް ލުޖެއިން ހޯދި ހައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ "ޑިސްޕޯސަބަލް ނެޕީ"ގެ ބަދަލުގައި ފޮތި ނެޕީ ބޭނުންކުރުމެވެ. އޭނާގެ އަޒުމަކީ، އުކާލަން ޖެހޭ ކުނި ވީހާވެސް މަދުކުރުމެވެ. އޭނާގެ މި ކުޑަކުޑަ ނިންމުމުން ރީތި މޫދާއި ދޮންވެލި ގޮނޑުދޮށްތައް ކުނިން ސަލާމަތް ކުރެވޭނެ ކަމަށް ލުޖެއިން ގަބޫލުކުރެ އެވެ.

ލުޖެއިން ބުނި ގޮތުގައި ފޮތި ނެޕީއަކީ ބޭނުންކުރަން ފަސޭހަ ހަރަދާއި ސިއްހަތަށް އަދި ތިމާވެއްޓަށް ބެލި ނަމަވެސް، އެންމެ ރަނގަޅު ޗޮއިސް އެވެ މިކަމުގައި ދިމާވެދާނެ ހަމައެކަނި އުނދަގުލަކަށްވާނީ، ދޮންނަންޖެހޭ އެއްޗިހި ގިނަވުން ކަމަށް ލުޖެއިން ފާހަގަކުރި އެވެ. ނަމަވެސް، މިޒަމާނުގައި އެއްޗެހި ދޮންނަނީ ކަރަންޓް މެޝިނުންނެވެ. ލުޖެއިން ބުނީ، އަތުން ދޮވުނު ނަމަވެސް، މެޝިނުން ދޮވުނު ނަމަވެސް، ރަނގަޅަށް އަވިން ހިއްކައިފިނަމަ ފޮތި ނެޕީއަކީ އެއްވެސް އިތުރު މައްސަލައެއް ދިމާވާނެ ނެޕީއެއް ނޫނެވެ. ޑިސްޕޯސަބުލް ނެޕީއާ ތަފާތެއް ނެތެވެ.

ދަރިފުޅަށް ފޮތި ނެޕީ ޖައްސާ ނަމަ، އުކާލާ "ޑިސްޕޯސަބަލް" އެތައް ނެޕީތަކެއްގެ އަދަދު މަދު ކުރެވިދާނެ އެވެ. އެކަމަކު އެކި މަންމައިންގެ ކޮންމެ ދުވަހެއްގެ ޝެޑިއުލް އާއި، ކުރާ މަސައްކަތް ވެސް ތަފާތުވުމުން ދަރިފުޅަށް ފޮތި ނެޕީ ޖެއްސުމަކީ އެންމެންނަށް ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް ލުޖެއިން ވެސް ގަބޫލުކުރެ އެވެ.

ބިޒީ މަންމައިންނަށް ލުޖެއިން ދޭ ނަސާހަތަކީ، އަޖުމަބަލައިލުމުގެ ގޮތުން ދުވަހެއްގެ ކޮންމެވެސް އެއްވަގުތެއްގައި ދަރިފުޅު ފޮތި ނެޕީ ޖެއްސުމެވެ. އޭގެ ސަބަބުން އަންދާލަންޖެހޭ ކުނީގެ ނިސްބަތް މަދުވެ، ޖައްވަށް ދޫވާ ވިހަ ގޭހުގެ މިންވަރު ދަށްކުރުމުގައި ފަރުދީގޮތުން ބައިވެރިވެވުނީ ކަމަށް ވެސް ލުޖެއިން ބުންޏެވެ.

ޑިސްޕޯސަބަލް ނެޕީތަކުގެ ތަފާތު ބްރޭންޑްތައް ހުންނަހެން ފޮތި ނެޕީގައި ވެސް އެކިއެކި ވައްތަރުތައް ހުރެ އެވެ. ހުސް ކޮޓަން އިން ތައްޔާރުކޮށްފައިވާ އެކި ވައްތަރުތަކުގެ ޕްރީފޯލްޑާއި، ޕީޔޫއެލްއިން ހަދާފައި ހުންނަ ނެޕީ އާއި ހުރިހާ އުމުރަކާއި ގުޅޭނޭހެން ހަދާފއިވާ އޯލްއިންވަން ފޮތި ނެޕީވެސް މިހާރު ލިބެން ހުރެ އެވެ.

އަޖުމަ ބަލާލުމުގެ ގޮތުންނާއި، މިކަމަށް މީހުން ހޭލުންތެރިކުރުމަށް، ލުޖެއިން އެކި ވައްތަރުތަކުގެ ނެޕީ ގެންގުޅެ އެވެ. އޭނާ ބުނީ، ފުރަތަމަ ދަރިފުޅު ވިހަންވާއިރަށް އޭނާ ގަތީ 6،000 ރުފިޔާގެ ނެޕީ އެވެ. ވަރަށް ކައިރީގައި ދެވަނަ ދަރިއަކު ލިބުމުން އަދިވެސް އެ ސްޓޮކް އޭނާއަށް އެބަ ބޭނުންކުރެވެ އެވެ. ސަލާމަތް ކުރެވެނީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 12،000 ރުފިޔާ ކަމަށް ލުޖެއިން ބުންޏެވެ.

ލުޖެއިންގެ ގޭގައި "ސަން"ގެ ޓީމަށް ދިން އިންޓަވިއުގައި ފޮތި ނެޕީތައް އޭނާ ބަލަހައްޓާ ގޮތާއި ނެޕީ ޖަހާގޮތާއި އަދި ދޮވެ ސާފު ކުރާގޮތްވެސް އޭނާ ވަނީ ދައްކާލަދީފަ އެވެ. މަތީގައިވާ ވީޑިއޯ އިންޓަވިއު ބަލައިލާށެވެ. މިއީ ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ.

އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ލުޖެއިން ބުނީ ފޮތި ނެޕީ ޖެއްސުމުގައި އޭނާއަށް އުނދަގުލެއް ނެތެވެ. އާންމު އެހެން ނެޕީތައް ފަދައިން މި ފޮތި ނެޕީތަކުންވެސް ލީކެއް ނުވެ އެވެ. އަދި ޑިސްޕޯސަބަލް ނެޕީތަކާ އަޅާބަލާއިރު، ފޮތި ނެޕީއަކަށްވުމުން ދަރިފުޅު ހަމުގެ މައްސަލަތައް ޖެހުމުން ވެސް ދުރުކޮށްދެ އެވެ. އަދި މިފަދަ މައްސަލައެއް ނުކުތަސް، ހައްލު ނުވެވޭނެ ވަރުގެ ކަމެއް ދިމާވެދާނެ ކަމަކަށް ލުޖެއިންއަށް ލަފައެއް ނުކުރެވެ އެވެ.

ކޮންމެއަކަސް، ދަރިންނަށް ފޮތި ނެޕީޖެއްސުމަކީ ވަރަށް ދިރާސާ ކުރުމަށްފަހު އަދި ވަރަށް ގިނަ ކަންކަން ބަލައި ހޯދުމަށްފަހު ލުޖެއިން ކުރަމުންދާ ކަމެކެވެ. ލުޖެއިން ބުނީ އެއީ ހުރިހާ ގޮތަކުންވެސް އޭނާއަށް އެންމެ ރަނގަޅު ނިންމުމެވެ. އެހެންކަމުން ހަރަދު ކުޑަ އަދި ތިމާވެއްޓާ ރަށްޓެހި ދިރިއުޅުމަކަށް ފޮތި ނެޕީ ޖެއްސުމުގެ އަޖުމަބަލައިލަން ކިހިނެއްވާނެ ހެއްޔެވެ؟ ލުޖެއިން ނަމޫދާ ދައްކަނީ އޭނާގެ ފެހި ދިރިއުޅުމުންނެވެ. އެއީ ލޯތްބާއި އެކު އޭނާ މި ވެއްޓަށް ދޫކޮށްލާ ހަދިޔާ އެކެވެ.

comment ކޮމެންޓް