ދިވެހި މިރުހުގެ ކުޅިން ފޮނި ފޮނި ޗޮކްލެޓެއް!

ސިކްސް ސެންސެސް ލާމުގައި އުފައްދާ ތަފާތު ޗޮކްލެޓް ބާވަތްތައް -- ފޮޓޯ/ ސިކްސް ސެންސެސް ލާމު

(ސިކްސް ސެންސެސް ލާމު): ޒަމާނުއްސުރެ ހީވެފައި އޮންނަނީ ދިވެހި ފަތުރުވެރިކަމަކީ ހަމައެކަނި "ސަން، ސޭންޑް އެންޑް ސީ"އާ ހަމައިން ނިމޭ ކަމެއް ކަމަށެވެ. އެކަމަކު ޒަމާނާ އެކު އެކަން ބަދަލުވާން ފަށައިފި އެވެ. މި ސިނާއަތުގެ ތެރެއަށް މަޑުމަޑުން އާ ކަންކަން ވަދެ ރާއްޖޭގެ ފަތުރުވެރިކަން ތޮށިގަނޑުން ބޭރުވާން ފަަށައިފި އެވެ.

ސިކްސް ސެންސެސް ލާމުން ވަނީ މުޅީން އާ ކަމެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް ތައާރަފުކޮށްފަ އެވެ. އެ ރިސޯޓްގައި އަމިއްލައަށް ޗޮކްލެޓް އުފައްދައި އޭގެ ރަހަ ޓޫރިސްޓުންނަށް އަންނަނީ ދައްކަމުން އެވެ. މި ރިސޯޓުން ފަތުރުވެރިންނަށް ކިޔައިދޭ ވާހަކައަކީީ؛ ރާއްޖޭގެ ފަތުރުވެރިކަން ދޮންވެލި ގޮނޑުދޮށްތަކާއި ނޫވިލު މޫދާ ހަމައިން ނުނިމޭ ކަމަށެވެ.

ޗޮކްލެޓޭ؟ ރާއްޖޭގައޭ!؟

ލ. އޮޅުވެލީގައި ހިންގާ ސިކްސް ސެންސެސް ލާމު ރިސޯޓުގައި ޗޮކްލެޓަށް ހާއްސަ ޝެފެއް ހުރެ އެވެ. ކެރީބިއަންގެ ކުޑަ ޖަޒީރާ ގައުމެއް ކަމުގައިވާ ސެއިންޓް ލޫޝިއާއަށް ނިސްބަތްވާ އަލްވީނާ ބްރައުންއަކީ މިވަގުތު ރާއްޖޭގައި ޗޮކްލެޓް އުފައްދާ ހަމައެކަނި ޝެފެވެ.

ސިކްސް ސެންސެސް ލާމުގެ ޚާއްސަ ޗޮކްލެޓް އުފައްދާ ޝެފް އަލްވީނާ ބްރައުން -- ފޮޓޯ/ ސިކްސް ސެންސެސް ލާމު

ރިސޯޓުގައި ޗޮކްލެޓް ހެދުމާ ބެހޭ ވާހަކަތައް އަލްވީނާ "ސަން"އަށް ކިޔައިދެމުން ބުނީ؛ ޗޮކްލެޓް ހެދުމުގެ މަސައްކަތް ފެށީ މި އަހަރު ކަމަށާއި، ރިސޯޓުގައި ތަފާތު ވައްތަރުގެ ޗޮކްލެޓް ހަދާ ކަމަށެވެ.

އަދި އަބަދުވެސް އާ ވައްތަރުގެ ޗޮކްލެޓް އުފެއްދުމަށް މަސައްކަތްކުރާ ކަމަށް އަލްވީނާ ބުންޏެވެ.

"މިތަނުގައި މި ވަގުތު ހުންނާނީ ޑާކް ޗޮކްލެޓްގެ އެކި ބާވަތްތައް. މިއީ ރަނގަޅު ކޮލިޓީގެ ޗޮކްލެޓް،" އަލްވީނާ ކިޔައިދިނެ އެވެ.

އަލްވީނާ އޭނާ ކުރާ މަސައްކަތް ކުރަނީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. އެއީ އޭނާ ލޯބިން ކުރާ މަސައްކަތެކެވެ. އަމިއްލަ ފޯމިއުލާއާއި އެކި ކަހަލަ އެކްސްޕެރިމެންޓް ކޮށްގެން ތަފާތު ޗޮކްލެޓް އުފައްދާފައިވާއިރު އޭނާގެ ޗޮކްލެޓްގެ އާޓާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

ސިކްސް ސެންސެސް ލާމުގައި އުފައްދާ ތަފާތު ޗޮކްލެޓް ބާވަތްތައް -- ފޮޓޯ/ ސިކްސް ސެންސެސް ލާމު

ކާސިންޖީ (ލެމަންގްރާސް)އާއި ފޮނިތޮށި (ސިނަމަން)ގެ ރަހަ އެއްކޮށްގެން އަލްވީނާ ޗޮކްލެޓް ހަދާ އިރު، އޭނާގެ ހާއްސަ އުފެއްދުންތަކުގައި ދިވެހި ރަހަތައްވެސް ހިމަނަ އެވެ. އެއީ ގިތެޔޮ މިރުސް ފްލޭވާ އެވެ!

"މި ޗޮކްލެޓްތައް ހެދިއިރު އަސްލު ވިސްނިން ދިވެހި ރަހަތައް ބޭނުންކުރާނެގޮތެއް. އެގޮތަށް ބަލާފައި އަސްލު ދިވެހި ގިތެޔޮ މިރުސް ބޭނުންކުރަން ވިސްނީ. ޗޮކްލެޓާ ވަރަށް ގުޅޭ މިރުސް،" އަލްވީނާ ބުންޏެވެ.

ސިކްސް ސެންސެސް ލާމުގައި އުފައްދާ ތަފާތު ޗޮކްލެޓް ބާވަތްތައް -- ފޮޓޯ/ ސިކްސް ސެންސެސް ލާމު

ގިތެޔޮ މިރުސް ފްލޭވާ ޗޮކްލެޓުގައި ކުޅި ރަހަ ވަރަށް ފަނޑެވެ. އަދި ކުޅި ރަހަ އަންނަނީ އަނގައަށް ލައި ހަފާލާތާ އިރުކޮޅެއް ފަހުންނެވެ--ހަގީގަތުގައިވެސް ވަރަށް ފުރިހަމަ ފްލޭވާ ކޮމްބިނޭޝަނެކެވެ.

އަލްވީނާ ބުނިގޮތުގައި އެ ޗޮކްލެޓަކީ ގެސްޓުންނަށް ވަރަށް ކަމުދާ ޗޮކްލެޓެކެވެ.

އެހެންކަމުން މިއީ ކޮންމެހެންވެސް އަޖުމަ ބަލައިލަންޖެހޭ ޕްރޮޑަކްޓެއްތާ އެވެ.

ނަމަވެސް ކުޑަ ކުޑަ ހިތާމަވެރި ޚަބަރެކެވެ-- މިއީ ސިކްސް ސެންސެސް ލާމުގެ އެކްސްކްލޫސިވް ޕްރޮޑަކްޓަކަށް ވާތީ، އެ ރިސޯޓު ނޫން އިތުރު ތަނަކުން ޗޮކްލެޓް ލިބޭކަށް ނުހުރެ އެވެ. މި ޗޮކްލެޓްގެ ރަހަ ބަލައިލަން ބޭނުން ނަމަ، ޖެހޭނީ މި ރިސޯޓަށް ޖައްސާލާށެވެ.

comment ކޮމެންޓް