ކުލަބުތައް ހާލުގައި ޖެހުނީ ނާގާބިލު މީހުންނާ ހިންގުން ހަވާލުކުރީމަ: ނަޒީހް

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފުރަތަމަ ޑިވިޝަނުގެ ބައެއް ކުލަބުތަކަށް ޖެހިފައިވާ ދަތި ހާލަތު އެ ކުލަބުތަކަށް ޖެހުނީ ކުލަބުތަކުން އަމިއްލައަށް އިހުމާލުވުމުން ކަމަށާއި ދޯންޏެއްގެ ކެޔޮޅަކު ފުޓުބޯޅަ ޓީމަކާ ހަވާލުވީމަ ވާނެ ގޮތް އެ ދަނީ ފެންނަމުން ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގައި ވާދަކުރާ ގިނަ ޓީމުތަކަށް މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގިނަ ކްލަބްތައް ވަނީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި އުނދަގޫ ހާލަތެއްގަ އެވެ. އެފަދަ މައްސަަލަތަކެއްގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ވަނީ މަގާމުން ވަކިވެފަ އެވެ. އަދި ލީގުގައި ވާދަކުރާ ށ.ފޯކައިދޫ އާއި ދަ ގްރާންޑޭ ވެސް އޮތީ މާލީ ގޮތުން އުނދަގޫ ހާލެއްގައި ކަމަށް އެ ޓީމުގެ ކޯޗުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފަ އެވެ.

މި ވަގުތު މާލީ މައްސަލަތަކެއް ނެތި އޮތް ދެ ޓީމަކީ ޔޫވީގެ އިތުރުން މާޒިޔާ ކަމަށް އެ ދެ ކުލަބުން ބުނެފައިވާ އިރު ޔޫވީގެ ކޯޗު ނަޒީހު ބުނީ އެހެނިހެން ކުލަބުތަކަށް ދިމާވެގެން އުޅޭ މައްސަލަ ތަކަކީ ސިޔާސީ މީހުންނަށް ފުޓުބޯޅަ ކުލަބުތައް ހިންގަން ހަވާލުކުރީމަ ވާގޮތް ކަމަށެވެ. ނުވާ ވަރުން އަގުބޮޑުކޮށް ކުޅުންތެރިން ގެނެސް ދެންވާނެ ގޮތެއް ނޭނގޭ ވަރުގެ މީހުން ކުލަބުތަކުގެ ބޮޑެތި މަގާމުގައި ތިބި އިރު ކުލަބު އަޑި އަޅާލުމުން އެފްއޭއެމަށް ރައްދު ކުރާ ރައްދުކުރުން ބަލައި ނުގަނެވޭނެ ކަމަށް ވެސް ނަޒީހް ބުންޏެވެ.

"ނާގާބިލު ބަޔަކު ކުލަބުތަކާ ހަވާލުވީމަ ވާނީ އެހެން. ތަންކޮޅެއް މިކަމާ އުޅޭ، މިކަމާ ގުޅުން ހުރި ބަޔަކު ހަވާލުވެގެން ނޫނި ނުވާނެ. މިސާލަކަށް ދޯންޏެއްގެ ކެޔޮޅަކު ފުޓުބޯޅަ ޓީމަކާ ހަވާލުވީމަ އައިބު ވާނެ. އެހެން އެކުލަބުތަކަށް ވެގެން އުޅެނީ،"

ނަޒީހް ބުނީ ޔުނައިޓެޑް ވިކްޓަރީ އަކީ އެހެން ކުލަބުތަކާ އަޅާ ބަލައި އިރު އެންމެ ދަށް ބަޖެޓެއްގައި ހިންގާ ކުލަބު ކަމަށެވެ. އަދި ޓީމުގައި އެއްވެސް ގައުމީ ޓީމު ކުޅުންތެރިއަކު ވެސް ނުހިމެނޭ އިރު ބައެއް ކުލަބުތަކުގައި ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމެނުނަސް އެ ކުލަބުތައް އޮތީ ދަރަނިވެރިވެފައި ކަމަށެވެ. އެހެން ކަމުން ޔުނައިޓެޑް ވިކްޓްރީ ތާވަލުގެ ދަށުގައި އޮތް އޮތުމުން ލަދުގަންނަން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ބުރުގެ ކުޅުމަށްފަހު އަންނަ ހަފްތާގައި ލީގުގެ ދެވަނަ ބުރު ފަށާއިރު ޔުނައިޓްޑް ވިކްޓަރީ ބައްދަލު ކުރާނީ ފުރަތަމަ ބުރު އެއްވަނައިގައި ނިންމާލި މާޒިޔާއާ އެވެ. ރަނގަޅު ފޯމެއްގައި މާޒިޔާ އޮތް ނަމަވެސް ޔޫވީން ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށް ނަޒީހް ބުންޏެވެ.

ޔޫވީއާއި މާޒިޔާ ބައްދަލު ކުރާ މެޗު ފަށާނީ އަންނަ އާދީއްތަ ދުވަހު ހަވީރު 15:50 ގައި ގަލޮޅު ދަނޑުގަ އެވެ.

comment ކޮމެންޓް