ވިނިޝަސްއާއި ރޮޑްރިގޯގެ ގޯލުން ރެއާލް ތާވަލުގެ އެއްވަނައަށް

ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލު ކުރި މެޗުގައި ރޮޑްރިގޯ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ// ޓޮމް ވެބާ

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އޮސަސޫނާ ކޮޅަށް ވިނިޝަސް ޖޫނިއާއާއި ރޮޑްރީގޯ ޖެހި ގޯލުން މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ސްޕެއިންގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ޓީމުކަމަށްވާ ރެއާލްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އޮސަސޫނާ ގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. ރޭ ގެ މެޗުން ލިބުނު މޮޅާ އެކު ރެއާލް މިވަގުތު އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް 13 ޕޮއިންޓް ލިބޭ އިރު އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލު ކުރި މެޗުގައި ވިނިޝަސް ޖޫނިއާ ގޯލު ޖެހުމަށްފަހު ކުރި އަސަރުން ރޮވިފައި --- ފޮޓޯ// ޓޮމް ވެބާ

ރޭގެ މެޗަށް ރެއާލް ނުކުތް އިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންތަކެއް އަނިޔާގައި ހުރުމުގެ ސަބަބުން ޒުވާން ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ލިބުނު ބޮޑު ބައްޔާ އެކު ރެއާލް އެތަން ފޫބެއްދުމަށްޓަކައި ސްޕެނިޝް ލީގުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު އެ ޓީމަށް ދެން އޮތީ ވަރުގަދަ އިމްތިހާނެކެވެ. އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ނުކުންނަ މެޗުން ރެއާލްގެ އަސްލު ފެންވަރު އިނގޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރޭގެ މެޗުގައި ރެއާލަށް ފުރަތަމަ ގޯލު ޖަހައިދިނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ވިނިޝަސް އެވެ. އެ ގޯލަކީ އޭނާ މި ސީޒަނުގައި ރެއާލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދެވަނަ ގޯލު އެ ޓީމަށް ޖަހައިދީ ލީޑު ފުޅާ ކޮށްދިނީ މި ސީޒަނަށް އެ ޓީމަށް އަލަށް ގުޅުނު ރޮޑްރިގޯ އެވެ. އޭނާ ކުޅެން ނުކުތްތާ މިނަޓެއްގެ ތެރޭގައި ޖެހި ގޯލާ އެކު ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފް ކޮށްފަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ އެންމެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑާއި ކަރީމް ބެންޒީމާ އަދި ގެރެތް ބޭލްއަށް ވެސް ވަނީ ރެސްޓް ދީފަ އެވެ. ބެލެވޭ ގޮތުގައި ޒިދާންގެ އެ ނިންމުމަކީ އެތުލެޓިކޯ މެޗަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނާއި ކުޅުންތެރިންނަށް އެކަށީގެންވާ ރެސްޓް ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

comment ކޮމެންޓް